ވޯލްޑްކަޕް ވޯލްޑްކަޕް ފަހަތުން އަރައި ސައުތު ކޮރެއާއިން ޗެކް ރިޕަބްލިކް ބަލިކޮށްފި

ފީފާ ވޯލްޑް ކަޕް 2026 ގައި ޗެކް ރިޕަބްލިކުން ގޯލެއް ޖަހާފައިވަނިކޮށް، ސައުތު ކޮރެއާއިން ފަހަތުން އަރައި މޮޅުވެއްޖެއެވެ.
މެކްސިކޯގެ ގްއަޑަލަޖާރާ ސްޓޭޑިއަމްގައި މިއަދު ހެނދުނު ކުޅުނު ”ގްރޫޕު އޭ“ގެ މެޗުގައި ޗެކް ރިޕަބްލިކްގެ މައްޗަށް ކޮރެއާއިން ކުރި ހޯދީ 2-1 ގެ ނަތީޖާއަކުންނެވެ.
މި މެޗުގެ ފުރަތަމަ ހާފު ނިމުނީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި 0-0 އިން އެއްވަރުވެގެންނެވެ. ނަމަވެސް ދެވަނަ ހާފުގައި މެޗުގެ ފޯރިގަދަވެ، 59 ވަނަ މިނެޓުގައި ޗެކް ރިޕަބްލިކްގެ ކެޕްޓަން ލަޑިސްލާވް ކްރޭޗީ ވަނީ ލީޑު ނަގައިދީފައެވެ.
އޭގެ ފަހުން ސައުތު ކޮރެއާ އިން ހިތްވަރުކޮށް، 67 ވަނަ މިނެޓުގައި ހްވަން އިން-ބިއޮމްގެ ގޯލުން ނަތީޖާ ހަމަހަމަކުރިއެވެ. މެޗުން ސައުތު ކޮރެއާ މޮޅުވި ގޯލު 80 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ނުކުތް އޯ ހިއޮން-ގިއުއެވެ.
މި މެޗުގައި ސައުތު ކޮރެއާގެ ކެޕްޓަން ސޮން ހިއުން-މިން އަށް ވެސް ގޯލު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބުނެވެ. ނަމަވެސް އެ ފުރުސަތުތަކުގެ ބޭނުން އެންމެ ފުރިހަމައަށް ހިފިފައެއް ނުވެއެވެ.
މި ނަތީޖާއާއެކު ސައުތު ކޮރެއާ އިން ވަނީ ގްރޫޕް އޭގެ ތާވަލުގައި މުހިންމު ތިން ޕޮއިންޓް ހޯދައި، ކުރިއަށް އޮތް މެޗުތަކަށް އުންމީދީ ފެށުމެއް ހޯދައިފައެވެ.
ގްރޫޕު އޭގެ ފުރަތަމަ މެޗުގައި މެކްސިކޯއިން ވަނީ 2-0 ގެ ނަތީޖާއަކުން ސައުތު އެފްރިކާ އަތުން މޮޅުވެފައެވެ. ރޭ ކުޅުނު އެ މެޗުގައި ސައުތު އެފްރިކާގެ ދެ ކުޅުންތެރިޔަކަށް ރަތް ކާޑު ދެއްކި އިރު، މެކްސިކޯގެ ކުޅުންތެރިޔަކަށް ވެސް ރަތް ކާޑު ދެއްކިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ