އިރާނާއެކު ސުލްހަވާން ގާތްވެއްޖެ: ޓްރަމްޕް

އީރާނާ ދެކޮޅަށް ކުރާ ހަނގުރާމަ ނިމުމަކަށް ގެނައުމުގެ އެއްބަސްވުމަކާ ގާތަށް ގޮސްފައިވާ ކަމަށާއި އެހެންވެ އީރާނަށް ދޭން އުޅުނު ހަމަލާތައް ކެންސަލްކޮށްފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.އަންނަ އާދިއްތަ ދުވަހު ފާހަގަކުރާ އޭނާގެ 80 ވަނަ އުފަންދުވަހާ ދިމާކޮށް ވައިޓް ހައުސްގައި "ކޭޖް ފައިޓް" މުބާރާތެއް ބޭއްވުމަށް ތައްޔާރުވަމުންދާ ޓްރަމްޕް ވިދާޅުވީ، މި އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި އެމެރިކާގެ ފަރާތުން ބައިވެރިވެވަޑައިގަންނަވާނީ ނައިބު ރައީސް ޖޭޑީ ވެންސް ކަމަށެވެ.މިކަމާ ގުޅޭގޮތުން އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާއި ގަލްފުގެ ގައުމުތަކުގެ ވެރިންނާ ވާހަކަދައްކަވާފައިވާ ކަމަށާއި، މުޅި މެދުއިރުމަތި އޮތީ މިކަމާ ވަރަށް އުފަލުން ކަމަށްވެސް ޓްރަމްޕް ވިދާޅުވިއެވެ.އިޒްރޭލްގެ ބޮޑުވަޒީރުގެ އޮފީހުން ބުނީ މި އެއްބަސްވުމުގައި އިސްރާއީލުން ބައިވެރިނުވާ ކަމަށެވެ. ނަމަވެސް އިރާނުގެ ނިއުކްލިއާ ވަސީލަތްތައް ނައްތާލުމަށާއި، މިސައިލް އުފެއްދުން ހުއްޓުވުމަށާއި، ހަނގުރާމަވެރި ޖަމާއަތްތަކަށް އިރާނުން ދޭ އެހީތެރިކަން ހުއްޓުވުމަށް ޓްރަމްޕް ކުރައްވާ މަސައްކަތަށް ނަތަންޔާހޫ ތާއީދުކުރައްވާ ކަމަށް އެ އޮފީހުން ބުންޏެވެ.އީރާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ބަގާއީ ވިދާޅުވި ގޮތުގައި، އެއްބަސްވުމުގެ "ބޮޑުބައެއް" ވަނީ ނިމިފަ އެވެ. ނަމަވެސް އެމެރިކާއިން ވަނީ ހައްދުފަހަނަޅާފައިވާ ޑިމާންޑްތަކެއް ކޮށް، އާ ކަންތައްތަކަކަށް އެދިފަ އެވެ. އަދި، އީރާނުން ކަނޑައަޅާފައިވާ ރަތް ރޮނގުތައް ހުރަސްނުކުރާނެ ކަމަށް އޭނާ ތަކުރާރުކުރެއްވި އެވެ.އެއްބަސްވުމަކާ ގާތްވެފައިވާ ކަމަށް ޓްރަމްޕް ވިދާޅުވުމާއެކު، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ 4.4 ޕަސެންޓު ދަށަށް ގޮސްފައެވެ. .
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ