ހިޖުރައިގެ މަތިވެރި ފިލާވަޅުތައް
މިހަފްތާގެ ހުކުރު ހުތުބާ ހާއްސަކޮށްފައިވަނީ "ހިޖުރައިގެ މަތިވެރި ފިލާވަޅުތައް" މި މައުޟޫއަށެވެ.ހުތުބާގައި ބުނީ ހިޖުރީ އާ އަހަރެއް ފެށިގެން އަންނައިރު ރަސޫލާ މައްކާއިން މަދީނާއަށް ކުރެއްވި ހިޖުރައާ މެދު ފުންކޮށްގެން ވިސްނަން ޖެހޭ ކަމަށެވެ. އެ ހިޖުރައިގައި ތަފާތު އިބުރަތްތަކާއި ދަރުސްތަކެއްވާކަން ހުތުބާގައި ފާހަގަކުރި އެވެ.ހުތުބާގައި ވަނީ، ކީރިތި ރަސޫލާ އެކަލޭގެފާނު އުފަންވެވަޑައިގެން ބޮޑުފުޅުވީ ރަށާއި ޢާއިލާގެ ބޭފުޅުން ދޫކުރައްވައި މައްކާއިން ނުކުމެވަޑައިގެން މަދީނާއަށް ހިޖުރަކުރެއްވުމުގެ ދަތުރުފުޅު ފެއްޓެވީ އިސްލާމްދީނުގެ ދިފާޢުގައި ގުރުބާންވާންކަން ފާހަގަކޮށްފަ އެވެ.މީގެ އިތުރުން، ދަތި އުނދަގޫ ވަގުތުތަކުގައި މާތް الله އަށް ވަކީލުކުރުމާއި ސާބިތުވެ ތިބުމުގެ މުހިންމުކަން ވެސް ހުތުބާގައި ހަނދާންކޮށްދިނެވެ. ޘައުރު ފަރުބަދައިގެ ހޮހަޅައިގައި ތިއްބެވި ވަގުތު، "މާތް الله ވޮޑިގެންވަނީ ތިމަންމެންނާ އެކުގައޭ" ވިދާޅުވެ ރަސޫލާ ދެއްވި ޔަގީންކަމަކީ މިއަދުވެސް ކޮންމެ މުސްލިމަކު ހިތުގެ އަޑީގައި ބަހައްޓަންޖެހޭނެ ފިލާވަޅެކެވެ.މައްކާއަށް ނިކުމެވަޑައިގަތުމުގެ ކުރިން ރަސޫލާ ޙަދީޘްކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ."الله ގަންދެއްވައި ވިދާޅުވަމެވެ. ހަމަކަށަވަރުން ތިޔަ ބިމަކީ الله ހެއްދެވި ރަށްތަކުގެ ތެރެއިން އެންމެ ހެޔޮކަން ބޮޑު ބިމެވެ. އަދި ހަމަ އެހެންމެ الله ހެއްދެވި ރަށްތަކުގެ ތެރެއިން އެކަލާނގެ އެންމެ ލޯބިވެވޮޑިގަންނަވާ ރަށް ވެސް މެއެވެ. ތިޔަ ރަށުން ތިމަންކަލޭގެފާނު ނެރެނުލެވުނު ނަމަ ތިޔަރަށުން ތިމަންކަލޭގެފާނު ނުކުމެވަޑައެއް ނުގެންނެވީމުހެވެ."އޭގެ އިތުރަށް، ހިޖުރައިން ލިބޭ އަނެއް ފިލާވަޅަކީ ކަމެއް ކާމިޔާބުވުމުގެ އެންމެ މުހިންމު ބަޔަކީ ކަމެއް ފެށުމުގެ ކުރީން އެ ކަމެއް ފުރިހަމައަށް ރޭވުމާއި ކަންކަން ކުރާނެ ފަރާތްތައް ކަނޑައަޅައި ފުރިހަމައަށް ހަމަޖައްސައިފައިވުން ކަމަށް ހުތުބާގައި ބުނެފައި ވެއެވެ.ޚުތުބާ ނިންމާލަމުން، ހިޖުރައިގެ ޒިކުރާ އާކުރާއިރު، އިސްލާމްދީނާ ޚިލާފަށް ކުރެވޭ ކަންކަން ދޫކޮށް، الله އާއި އެކަލާނގެ ރަސޫލާގެ މަގަށް ހިޖުރަކޮށް، އާ އަހަރަކާ ކުރިމަތިލާއިރު ހެޔޮ އަމަލުތަކުގައި ދެމިތިބުމަށް ހުރިހާ ދިވެހި މުސްލިމުންނަށް ވަނީ ނަސޭހަތްތެރިވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ