އެމްޑީޕީގެ ޗެއާޕާސަން ހޮވާ އިންތިހާބުގެ ވޯޓުލުން ފަށައިފި

މޯލްޑިވިއަން ޑިމިކްރެޓިކް ޕާޓީ (އެމްޑީޕީ)އަށް ޗެއާޕާސަނަކު ހޮވަން ބާއްވާ އިންތިހާބުގައި ވޯޓުލުން ފަށައިފިއެވެ.
ދެ ކެންޑިޑޭޓުންގެ ފޯރިގަދަ ކެމްޕެއިނަކަށްފަހު ބާއްވާ ޗެއާޕާސަންގެ އިންތިހާބުގައި ވޯޓުލުން މިއަދު މެންދުރު 2:30ގައި ފަށާފައިވާއިރު، ވޯޓުލުން ކުރިއަށް ދާނީ މިރޭ 20:30 އާ ހަމައަށެވެ.
މި އިންތިހާބުގައި 241 ވޯޓު ފޮއްޓަކަށް ވޯޓުލާނެއެވެ. އޭގެ ތެރޭގައި މާލޭގެ 10 ސްކޫލެއްގައި ބަހައްޓާފައިވާ ވޯޓު ފޮށިތައް ވެސް ހިމެނެއެވެ.
ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ވެސް މި އިންތިހާބުގައި ވޯޓުލާން ވޯޓު ފޮށި ބަހައްޓާފައިވެއެވެ. އޭގެ އިތުރުން ސްރީލަންކާގައި ވެސް ވަނީ ވޯޓު ފޮއްޓެއް ބަހައްޓާފައިވެއެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މެމްބަރުންގެ އަދަދަކީ 48،912 އެވެ. މިއަދު މާލެއަށް މޫސުން ގޯސްވެ، ބޯކޮށް ވާރޭ ވެހުނު ނަމަވެސް، ޕާޓީގެ މެމްބަރުން ދަނީ ވޯޓުލާން ނުކުންނަމުންނެވެ.
މި އިންތިހާބުގައި ވާދަކުރައްވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ