ކެންޑިޑޭޓު ނަޝީދު ވޯޓު ދެއްވައިފި, ވިދާޅުވީ އިންތިޒާމްތައް ރަނގަޅު ކަމަށް

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް މީހަކު އިންތިހާބު ކުރަން ބާއްވާ ވޯޓުގައި ވާދަ ކުރައްވާ ކުރީގެ ރައީސް ނަޝީދު ދެން ވޯޓު ދެއްވައިފި އެވެ. 
ނަޝީދު ވޯޓު ލެއްވީ ގަލޮޅު މަދަރުސާއަށެވެ. އެއަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ ވޯޓުގެ އިންތިޒާމްތައް ފުރިހަމައަށް ރޭވިފައިވާ ކަމަށެވެ. 
"މިއީ ވަރަށް އުފާވެރި މަންޒަރެއް އެނގޭތޯ، އެމްޑީޕީގެ ހުރިހާ އިންތިޒާމްތަކެއް ފުރިހަމަވެގެން އައިސް ވަރަށް ފުރިހަމަ ވޯޓެއް އިރާދަކުރެއްވިޔާ ލެވެމުން މި ދަނީ. މޫސުން އަދި ގޯސްވިޔަސް ވެސް މެންބަރުން ބެލުމެއް ނެތް. ފަހަރަކު ބޭފުޅަކު، ފަހަރަކު ބޭފުޅަކު އެބަ ވޯޓު ދެއްވާ. މިތަނުގެ ކިޔޫ ވެސް އެބަ އޮތް ވަރަށް ރަނގަޅަށް އިންތިޒާމްވެފަ،" ނަޝީދު ވިދާޅުވި އެވެ. 
މިއަދުގެ އިންތިހާބުގައި ނަޝީދާ ވާދަ ކުރައްވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރު މީކާއީލް އަހުމަދު ނަސީމް އެވެ. 
މިއަދު ބާއްވާ އިންތިހާބުގައި ވޯޓުލުމުގެ ހައްގު 50،176 މީހުންނަށް ލިބެ އެވެ. 
ވޯޓުލުން ކުރިއަށްދާނީ ރޭގަނޑު 8:30 ވަންދެކަށެވެ. އެއީ ވޯޓުލާ ވަގުތަށް އިއްޔެ އިތުރު ކުރި 30 މިނެޓު ހިމަނައިގެންނެވެ. ވޯޓުލާ ނިމުމާއެކު ވޯޓުގެ ގުނުމުގެ އިންތިޒާމުތައް ކުރިއަށްގެންދަންޖެހެ އެވެ. 
މިއަދުގެ އިންތިހާބުގައި 241 ވޯޓު މަރުކަޒު، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަދި ރާއްޖެއިން ބޭރުގައި ވަނީ ގާއިމްކޮށްފަ އެވެ. ރާއްޖެއިން ބޭރުގައި ވޯޓު ފޮށްޓެއް  ބެހެއްޓީ ސްރީ ލަންކާގައި އެކަންޏެވެ. 
އެމްޑީޕީއަކީ ވެރިކަން ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް ފިޔަވައި އެންމެ މެންބަރުން ގިނަ ޕާޓީ އެވެ. މިއީ އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް މީހަކު ހޮވަން ބާއްވާ ހަ ވަނަ އިންތިހާބެވެ. 
މީގެ ކުރިން ޗެއާޕާސަންގެ މަގާމު އަދާކުރައްވާފައިވާ ބޭފުޅުންގެ ތެރޭގައި ނަޝީދާއި މާރިޔާ އަހުމަދު ދީދީ އާއި ރީކޯ މޫސާ މަނިކާއި އަލީ ވަހީދާއި ހަސަން ލަތީފް ހިމެނިވަޑައިގަންނަވަ އެވެ. ނަޝީދަކީ ޕާޓީގެ ފުރަތަމަ ޗެއާޕާސަން އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ