މިއަދު ކުރިއަށްދާ އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުގައި ފ. ފީއަލީގައި ވޯޓުލުން ކުރިއަށްދަނީ ރަސްމީ ލިސްޓަކަށް ނޫން ކަމަށް ބުނެ ޝަކުވާއެއް ހުށަހަޅައިފި އެވެ.
ފީއަލީގައި ބޭނުން ކުރަމުންދަނީ އެމްޑީޕީ އިން އާންމުކޮށްފައިވާ ދާއިމީ ވޯޓާސް ލިސްޓެއް ނޫން ކަމަށް ވިދާޅުވެފައި ވަނީ ކެންޑިޑޭޓު މީކާއީލް މުހައްމަދު ނަސީމްގެ މަންމަ މަރިޔަމް ޒުބައިރު (މަންދީ) އެވެ.
އޭނާ ވިދާޅުވީ، ފީއަލީގައި ގެންގުޅޭ ލިސްޓު، އެމްޑީޕީ އިން އާންމުކޮށްފައިވާ ލިސްޓާ ދިމާނުވާ ކަމަށެވެ. އެމްޑީޕީގެ އިލެކްޝަން ބަލަހައްޓާ ކޮމިޓީގެ މެންބަރު އިބްރާހިމް މުއިއްޒު ވިދާޅުވީ އެ ޝަކުވާ ލިބިފައިވާ ކަމަށެވެ.
"ވަރަށް ބައިވަރު ޝަކުވާ ލިބޭ އެބަ. ތި ޝަކުވާ ވެސް ލިބިފައި އެބަ އޮތް. ހުރިހާ ޝަކުވާއެއް ވެސް ބަލަމުން މި ދަނީ،" މުއިއްޒު ވިދާޅުވި އެވެ.
މި އިންތިހާބުގައި ވާދަ ކުރައްވަނީ މީކާއީލްގެ އިތުރުން ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ. މިއަދު ބާއްވާ އިންތިހާބުގައި ވޯޓުލުމުގެ ހައްގު 50،176 މީހުންނަށް ލިބެ އެވެ.
ވޯޓުލުން ކުރިއަށްދާނީ ރޭގަނޑު 8:30 ވަންދެކަށެވެ. އެއީ ވޯޓުލާ ވަގުތަށް އިއްޔެ އިތުރު ކުރި 30 މިނެޓު ހިމަނައިގެންނެވެ. ވޯޓުލާ ނިމުމާއެކު ވޯޓުގެ ގުނުމުގެ އިންތިޒާމުތައް ކުރިއަށްގެންދަންޖެހެ އެވެ.
މިއަދުގެ އިންތިހާބުގައި 241 ވޯޓު މަރުކަޒު، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަދި ރާއްޖެއިން ބޭރުގައި ވަނީ ގާއިމްކޮށްފަ އެވެ. ރާއްޖެއިން ބޭރުގައި ވޯޓު ފޮށްޓެއް ބެހެއްޓީ ސްރީ ލަންކާގައި އެކަންޏެވެ.
އެމްޑީޕީއަކީ ވެރިކަން ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް ފިޔަވައި އެންމެ މެންބަރުން ގިނަ ޕާޓީ އެވެ. މިއީ އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް މީހަކު ހޮވަން ބާއްވާ ހަ ވަނަ އިންތިހާބެވެ.
މީގެ ކުރިން ޗެއާޕާސަންގެ މަގާމު އަދާކުރައްވާފައިވާ ބޭފުޅުންގެ ތެރޭގައި ނަޝީދާއި މާރިޔާ އަހުމަދު ދީދީ އާއި ރީކޯ މޫސާ މަނިކާއި އަލީ ވަހީދާއި ހަސަން ލަތީފް ހިމެނިވަޑައިގަންނަވަ އެވެ. ނަޝީދަކީ ޕާޓީގެ ފުރަތަމަ ޗެއާޕާސަން އެވެ.
އެމްޑީޕީ ޗެއާޕާސަން އިންތިހާބު: ފީއަލީގައި ނުބައި ލިސްޓަކަށް ވޯޓުލާކަމުގެ ޝަކުވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ