ކޮންމެ ކެންޑިޑޭޓަކު މޮޅުވިޔަސް ސަރުކާރު ޖަވާބުދާރީކުރާނެ، އެކީގައި ހުންނާނަން: ސޯލިހު

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު ކޮންމެ ކެންޑިޑޭޓަކު ކާމިޔާބުކުރިޔަސް ސަރުކާރު ޖަވާބުދާރީ ކުރުވާނެ ކަމަށާއި އައު ލީޑާޝިޕާއެކީގައި ހުންނަވާނެ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ. 
އިންތިހާބުގައި ވޯޓުލެއްވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ސޯލިހު ވިދާޅުވީ ޗެއާޕާސަން އިންތިހާބު ކޮންމެ ގޮތަކަށް ނިމުނަސް ސަރުކާރަށް ރައްޔިތުން ނޫނެކޭ ބުނެފައި އޮތް އޮތުމައިގެން ޕާޓީގެ ލީޑާޝިޕާއެކު އެމަނިކުފާނުވެސް ކުރިއަށްދާނެ ކަމަށެވެ. 
"ކޮންމެ ގޮތަކަށް މި [ޗެއާޕާސަން އިންތިހާބު] ނިމިގެންދިޔަޔަސް އަޅުގަނޑު ދެކޭގޮތުގައި ސަރުކާރު ޖަވާބުދާރީ ކުރުވުމަށް އަޅުގަނޑުމެން ފަށާފައި މިވާ މަސައްކަތް ރައްޔިތުން މި ސަރުކާރަށް ނޫނެކޭ ބުނެފައި އޮތް ބުނުން އަޅުގަނޑުމެން އެއާ އެކީގައި ކުރިއަށްދާންޖެހޭ އެއްޗެއްކަން ގަބޫލުކޮށްގެން ލީޑާޝިޕުން ކުރިއަށްދާނެ ކަމުގެ އުންމީދު އަޅުގަނޑަށް ވަރަށް ބޮޑު،" ސޯލިހު ވިދާޅުވި އެވެ. 
"ކޮންމެ ގޮތަކަށް މި ނިމުނަސް. ހަމަ ގައިމުވެސް އަޅުގަނޑު ކުރިއަށްދާނީ އެމްޑީޕީއާ އެކީގައި. ކޮންމެ ލީޑާޝިޕަކާއެކީގައިވެސް މި ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ކުރަންޖެހޭ ހުރިހާ ކަމެއްގައި އަޅުގަނޑު ހުންނާނަން."
ސޯލިހު ވިދާޅުވީ އިންތިހާބު ކުރިއަށްދަނީ ވަރަށް ވާދަވެރިކަމާ އެކުގައި ކަމަށްވާއިރު، ކޮންމެ ބޭފުޅަކު އިންތިހާބު ކާމިޔާބުކުރިޔަސް އެމްޑީޕީ ފައިދާވާނެ ކަމަށެވެ. މިގޮތުން މީކާއީލް އިންތިހާބުވެއްޖެނަމަ ޒުވާން ޓީމެއްގެ އަތްމައްޗަށް ޕާޓީގެ ލީޑާޝިޕު ދާއިރު، ނަޝީދަށް ކާމިޔާބުވެއްޖެނަމަ، އެމަނިކުފާނު ވަޑައިގަންނަވާނީ ވެރިކަމުގެވެސް ތަޖުރިބާއާއެކީގައި ކަމަށެވެ. 
"ވަރަށް ވާދަވެރި އިންތިހާބެއް މިދަނީ. ކޮންމެ ބޭފުޅަކުވެސް މީގައި ކާމިޔާބުކޮށްފާނެ. މިސާލަކަށް މީކާއީލް ނަސީމް އިންތިހާބު ކާމިޔާބުކޮށްފިއްޔާ އެ ވެގެންދާނީ އާ ޖީލަކަށް، ޒުވާން ޓީމެއްގެ އަތްމައްޗަށް ޕާޓީގެ ލީޑާޝިޕް ފުރޮޅިގެންދާތަން. ދެން އޮތީ ރައީސް ނަޝީދު. ރައީސް ނަޝީދު އިންތިހާބުވެވަޑައިގެންފިއްޔާ އެ ފެނިގެންދަނީ އަނެއްކާވެސް ތަޖުރިބާއާ އެކީގައި، ވެރިކަމުގެވެސް ތަޖުރިބާއާއެކީގައި އެ ވަޑައިގަންނަވަނީ،"  ސޯލިހު ވިދާޅުވި އެވެ. 
މީގެއިތުރުން 2023 ގައި ރިޔާސީ އިންތިހާބުން އެމްޑީޕީ ބަލިވި ބަލިވުން 2028 ގައި ތަކުރާރުވާނެ ގޮތަށް ޕާޓީގެ ލީޑާޝިޕްގެ އެއްވެސް ބޭފުޅަކު ބޭނުން ނުވާނެކަން ފާހަގަކުރައްވާ ސޯލިހު ވިދާޅުވީ އެފަދަ ކަމެއް ދެން ތަކުރާރުނުވާނެ ކަމުގެ އުންމީދު އެބަ އޮތް ކަމަށެވެ. 
އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގެ ވޯޓުލުން މިއަދު މެންދުރު 14:30 އިން ފެށިގެން ކުރިއަށްދާއިރު، އިންތިހާބުގެ ވޯޓުލުން ރޭގަނޑު 20:30 އާ ހަމައަށް ކުރިއަށްގެންދާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ