މިއަދު ކުރިއަށްދާއެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި ފ. ފީއަލީގައި ގެންގުޅޭ ވޯޓާސް ލިސްޓުގެ މައްސަލައިގައި އެ ރަށުގައި ބެހެއްޓި ވޯޓު ފޮށި މީހަކު ގެންގޮސްފި އެވެ.
ބައެއް މީހުން ބުނަމުންދަނީ ފީއަލީގައި ގެންގުޅެނީ އެމްޑީޕީ އިން އާންމު ކުރި ލިސްޓެއް ނޫން ކަމަށެވެ. ކެންޑިޑޭޓު މީކާއީލް އަހުމަދު ނަސީމްގެ ޓީމުން އެ މައްސަލަ ވަނީ ރަސްމީކޮށް ހުށަހަޅައިފަ އެވެ.
ފީއަލީގައި ބެހެއްޓ ވޯޓު ފޮށި ހިފައިގެން މީހަކު ދާ މަންޒަރު ފެންނަ ވީޑިއޯއެއް މި ނޫހަށް ވަނީ ލިބިފަ އެވެ. އެއާއެކު އެ ރަށުގައި ވޯޓުލުން ވަނީ ހުއްޓިފަ އެވެ.
އޭގެ އިތުރުން، ގދ. ފިޔޯރީގައި ބެހެއްޓި ވޯޓު ފޮށި މީހަކު ވަނީ ފަޅާލައިފަ އެވެ. އޭނާ ވޯޓު ފޮށި ފަޅާލީ ފާހެއް ނެތި ވޯޓު މަރުކަޒުގައި މަޑުކުރުމުގެ ހުއްދަ ނުލިބުމުންނެވެ.
މި އިންތިހާބުގައި ވާދަ ކުރައްވަނީ މީކާއީލްގެ އިތުރުން ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ. މިއަދު ބާއްވާ އިންތިހާބުގައި ވޯޓުލުމުގެ ހައްގު 50،176 މީހުންނަށް ލިބެ އެވެ.
ވޯޓުލުން ކުރިއަށްދާނީ ރޭގަނޑު 8:30 ވަންދެކަށެވެ. އެއީ ވޯޓުލާ ވަގުތަށް އިއްޔެ އިތުރު ކުރި 30 މިނެޓު ހިމަނައިގެންނެވެ. ވޯޓުލާ ނިމުމާއެކު ވޯޓުގެ ގުނުމުގެ އިންތިޒާމުތައް ކުރިއަށްގެންދަންޖެހެ އެވެ.
މިއަދުގެ އިންތިހާބުގައި 241 ވޯޓު މަރުކަޒު، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަދި ރާއްޖެއިން ބޭރުގައި ވަނީ ގާއިމްކޮށްފަ އެވެ. ރާއްޖެއިން ބޭރުގައި ވޯޓު ފޮށްޓެއް ބެހެއްޓީ ސްރީ ލަންކާގައި އެކަންޏެވެ.
އެމްޑީޕީއަކީ ވެރިކަން ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް ފިޔަވައި އެންމެ މެންބަރުން ގިނަ ޕާޓީ އެވެ. މިއީ އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް މީހަކު ހޮވަން ބާއްވާ ހަ ވަނަ އިންތިހާބެވެ.
މީގެ ކުރިން ޗެއާޕާސަންގެ މަގާމު އަދާކުރައްވާފައިވާ ބޭފުޅުންގެ ތެރޭގައި ނަޝީދާއި މާރިޔާ އަހުމަދު ދީދީ އާއި ރީކޯ މޫސާ މަނިކާއި އަލީ ވަހީދާއި ހަސަން ލަތީފް ހިމެނިވަޑައިގަންނަވަ އެވެ. ނަޝީދަކީ ޕާޓީގެ ފުރަތަމަ ޗެއާޕާސަން އެވެ.
ވޯޓާސް ލިސްޓުގެ މައްސަލައިގައި ފީއަލީގައި ބެހެއްޓި ވޯޓު ފޮށި މީހަކު ގެންގޮސްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ