ކެނަޑާ ކޯޗަށް އޮތް ހަތިޔާރަކީ އެއްބައިވަންތަކަން

ޓޮރޮންޓޯ (ޖޫން 12) - މި ފަހަރުގެ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ވާދަކުރަން ނުކުންނައިރު، ކެނަޑާ ޓީމަށް އޮތް ބޭނުންހިފޭނެ އެންމެ ބޮޑު ހަތިިޔާރަކީ ކުޅުންތެރިންގެ މެދުގައި އޮތް އެއްބައިވަންތަކަން ކަމުގައި ކެނަޑާގެ ކޯޗު ޖެސީ މާޝް ބުނެފި އެވެ. 
މެކްސިކޯ އާއި އެމެރިކާއާ ގުޅިގެން މި ފަހަރުގެ ފީފާ ވޯލްޑް ކަޕް ހޯސްޓްކުރާ ކެނަޑާ އިން މި މުބާރާތުގައި ކުޅޭ ފުރަތަމަ މެޗުގައި މިރޭ ބޮސްނިއާއާ ކުޅޭނެ އެވެ. ހަތަރު ފަހަރު ވޯލްޑް ކަޕް ކާމިޔާބުކުރި އިޓަލީ ފަހަތަށް ޖައްސާލައި، ޔޫރަޕްގެ ޕްލޭއޮފް ބުރުން ވޯލްޑް ކަޕަށް އައި ބޮސްނިއާއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން މާޝް އިސްކަން ދިނީ ކެނަޑާ ޓީމުގެ ވާހަކަ އަށް މުހިންމުކަން ދިނުމަށެވެ. 
މީގެ ކުރިން އެމެރިކާގެ ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗަކަށް މަސައްކަތްކުރި މާޝް ބުނީ، ބައެއް ފަހަރު އެމެރިކާ ކުޅުންތެރިން ގާތުގައި ގައުމީ ސަލާމް ވެސް ކިއުމަށް ޖެހެނީ "އާދޭސް" ކުރަން ކަމަށެެވެ. އެކަމަކު، ކެނަޑާ ކުޅުންތެރިންގެ ކިބައިން ފެންނަ ގައުމީ ވަންތަކަން އެއީ ވޯލްޑް ކަޕް ފަދަ މުބާރާތެއްގައި ވަރަށް ބޮޑަށް ބޭނުންހިފޭނެ ކަމެއްގެ ގޮތުގައި މާޝް ދެކެ އެވެ. 
އެމެރިކާ އިން 2010 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ގަދަ 16 ބުރަށް ދިޔަ ފަހަރު އެ ޓީމުގެ ކޯޗިން ޓީމުގައި މުހިންމު މަސައްކަތްތަކެއް ކުރި މާޝް އަށް ގިނަ ފަހަރުތަކެއް މަތިން އެމެރިކާގެ ހެޑް ކޯޗުކަން ހުށަހެޅި އެވެ. އެހެން ނަމަވެސް އޭގެއިން އޮފާއެއް ގަބޫލުނުކުރީ އަމިއްލަ ސަބަބުތަކާ ހެދި ކަމަށް މާޝް ވަނީ ބުނެފަ އެވެ. އަދި، ކެނަޑާއާ އެކު ވޯލްޑް ކަޕަކަށް ނުކުމެ ހުރީ ވަރަށް ބޮޑު އިތުބާރެއް އޮތުމުން ކަމަށް މާޝް ވަނީ ބުނެފަ އެެވެ. 
"ފުޓްބޯޅައި ކެނަޑާގައި ވެސް ކަންކަން ހާސިލްކުރެވިދާނެކަން، ބޮސްނިއާ މެޗުގައި (ފުރަތަމަ މެޗުގައި) ވެސް ސާބިތުކޮށްދޭން ބޭނުން. އަހަންނަށް މި ކުޅުންތެރިންގެ ފަރާތުން ވަރަށް އުންމީދީ ކަންތައްތަކެއް ދަނީ ފެންނަމުން،" އާރްބީ ލައިޕްޒިގު އާއި ލީޑްސް ޔުނައިޓެޑްގެ ކުރީގެ ކޯޗު މާޝް ބުންޏެވެ. 
ވޯލްޑް ކަޕަށް ތައްޔާރުވުމުގެ ގޮތުން، މި މަހު ކެނަޑާ އިން ދެ މެޗެއް ވަނީ ކުޅެފަ އެވެ. އެ ގޮތުން، އުޒްބެކިސްތާން އަތުން 2-0 އިން މޮޅުވިއިރު، އަޔަލެންޑާ 1-1 އިން ވީ އެއްވަރެވެ. އަދި، އެންމެ ފަހުން އެ ޓީމު ބައިނަލްއަގުވާމީ މެޗަކުން ބަލިވީ މީގެ ހަތް މެޗު ކުރިންނެވެ.
ކެނަޑާ އިން ވޯލްޑް ކަޕްގައި މީގެ ކުރިން ކުޅުނު ދެ ފަހަރު ވެސް މެޗަކުން މޮޅެއްނުލިބެ އެވެ. އެހެންކަމުން، ބޮސްނިއާ އަތުން މޮޅުވެއްޖެނަމަ، ކެނަޑާ އިން ފަށާނީ ވެސް ތާރީހީ ކާމިޔާބަކުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ