ފ.ނިލަންދޫއަށް ބޮޑެތި ޚިދުމަތްތަކެއް ކޮށްދެއްވި ނިލަންދޫ، އަތިރީގޭ އަލްމަރުޙޫމް އަޙްމަދު މޫސާ އަވަހާރަވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.
އެމަނިކުފާނުގެ ޕޯސްޓުގައި އަޙްމަދު މޫސާ ނިލަންދޫގެ ކަތީބުކަމުގައި އެރަށަށް ކަތީބު ދޮންބެ ކޮށްދެއްވި އަގުހުރި ޚިދުމަތްތަކާއި އެ މަރުޙޫމުގެ އަމާނާތްތެރިކަމާއި، ހިތްޕުޅު ހެޔޮކަމާއި، އެތައް މަސައްކަތެއް ކުރެއްވުމުގެ ހުނަރާއި، މުރާލި އަދި ހަރުދަނާ ޝަޚްޞިއްޔަތަކީ މުޅި ދިވެހިރާއްޖެއަށް ރީތި ނަމޫނާއެއްކަމަށް ވިދާޅުވެފައިވެއެވެ.
އަދި އުފަން ދަރީންނާއި، ކާފަ އަދި މުނިކާފަ ދަރީންގެ ތެރޭގައިވެސް ތަޢުލީމީ ޤާބިލު އެތައް ޚިދުމަތްތެރީންނެއް ތިއްބެވިކަމީ ޙަޔާތުގައި ލިބިވަޑައިގަތް ވަރަށް ބޮޑު ފަޚުރަކާއި ޝަރަފެއްކަމަށް ވިދާޅުވިއެވެ. މީގެއިތުރުން އަތިރީގޭ އަޙްމަދު މޫސާ (ކަތީބު ދޮންބެ) ޢުމުރުފުޅުން 100 އަހަރުގައި އަވަހާރަވުމަކީ، ބޮޑު ހިތާމައަކާއި ފުންއަސަރުތަކެއް އިޙްސާސްވި ޚަބަރެއްކަންވެސް ރައީސް ފާހަގަކުރައްވާފައިވެއެވެ.
އަލްމަރުޙޫމް އަޙްމަދު މޫސާ ވަނީ، 1992 ވަނަ އަހަރު ދަނޑުވެރިކަމުގެ ރޮނގުން ހިތްވަރުދިނުމުގެ ޤައުމީ އިނާމު ހާސިލުކުރައްވާފައެވެ.
ރައީސްގެ ޕޯސްޓު ނިންމަވާލެއްވީ، އަލްމަރުޙޫމް އަޙްމަދު މޫސާއަށް މާތްﷲގެ ރުއްސެވުމާއި ފުއްސެވުމުގައި އަދި ސުވަރުގޭގެ މަތިވެރި ނިޢުމަތާއި ރަޙްމަތުގައި ލެހެއްޓެވުން އެދި ދުޢާ ދަންނަވަމުންނެވެ.
މަރުޙޫމް އަޙްމަދު މޫސާގެ އާއިލާއަށް ރައީސްގެ ތަޢުޒިޔާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ