ވޯޓު ފޮށި ފަޅާލުމުން ގދ. ފިޔޯރީގައި މިއަދު ވޯޓު ނުނަގަން ނިންމައިފި

އެމްޑީޕީގެ ޗެއާޕަސަންގެ މަގާމަށް މީހަކު ހޮވަން މިއަދު ކުރިއަށްދާ އިންތިހާބުގައި ގދ. ފިޔޯރީގައި ބެހެއްޓި ވޯޓު ފޮށި ފަޅާލުމުން އެ ފޮށީގެ ވޯޓު މިއަދު ނުނަގަން ނިންމައިފި އެވެ. 
އެމްޑީޕީ އިންތިހާބު ކޮމިޓީގެ މެންބަރު އިބްރާހިމް މުއިއްޒު ވިދާޅުވީ ފިޔޯރީގައި ބެހެއްޓި ވޯޓު ފޮށްޓަށް ވޯޓުލުން ދެން ކުރިއަށްގެންދާނީ އެހެން ދުވަހަކު ކަމަށެވެ. 
"އެ ފޮށި އަޅުގަނޑުމެން ބާތިލްކޮށްފިން. ފޮށްޓެއް ބާތިލްކޮށްފިއްޔާ ދެން ވޯޓުލާނީ އެހެން ދުވަހަކު،" މުއިއްޒު ވިދާޅުވި އެވެ. 
އެ ފޮށްޓަށް ވޯޓުލާން ރަޖިސްޓްރީކޮށްފައި އޮތީ 84 މީހުންނެވެ. 
ފިޔޯރީގެ ވޯޓު ފޮށި ފަޅައިލީ ރަސްމީ ފާހެއް ނެތި ވޯޓު މަރުކަޒުގައި މަޑުކުރަން ބޭނުންވި މީހަކަށް އެ ފުރުސަތު ނުލިބުމުން އޭނާ ރުޅިއައިސްގެންނެވެ.
އޭގެ އިތުރުން ފީއަލީގައި ބެހެއްޓި ވޯޓު ފޮށި ހިފައިން މީހަކު ވަނީ ގޮސްފަ އެވެ. ނަމަވެސް ފީއަލީގެ ވޯޓު ބާތިލް ކުރާކަށް އަދި ނުނިންމަ އެވެ. 
ފިޔޯރީގެ ވޯޓު ބާތިލް ކުރިއިރު، އެ ރަށުގައި ބެހެއްޓި ފޮށި ފަޅާލި މައްސަލަ އާއި ފީއަލީގެ މައްސަލަ ފާހަގަ ކުރައްވައި، އިންތިހާބުގެ ނަތީޖާއަށް އަސަރުކޮށްފާނެ ފަދަ ކަންތައްތަކެއް ހިނގާފައިވާ ކަމަށް މި އިންތިހާބުގައި ވާދަ ކުރައްވާ މީކާއީލް އަހުމަދު ނަސީމް ވަނީ ވިދާޅުވެފަ އެވެ.
މި އިންތިހާބުގައި މީކާއީލްއާ ވާދަ ކުރައްވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ. ފިޔޯރީ އާއި ފީއަލީގައި ހިނގައިގެން އުޅޭ ކަންކަމާމެދު ނަޝީދު އަދި އެއްޗެއް ވިދާޅެއް ނުވެ އެވެ.
މިއަދު ބާއްވާ އިންތިހާބުގައި ވޯޓުލުމުގެ ހައްގު 50،176 މީހުންނަށް ލިބެ އެވެ. 
ވޯޓުލުން ކުރިއަށްދާނީ ރޭގަނޑު 8:30 ވަންދެކަށެވެ. އެއީ ވޯޓުލާ ވަގުތަށް އިއްޔެ އިތުރު ކުރި 30 މިނެޓު ހިމަނައިގެންނެވެ. ވޯޓުލާ ނިމުމާއެކު ވޯޓުގެ ގުނުމުގެ އިންތިޒާމުތައް ކުރިއަށްގެންދަންޖެހެ އެވެ. 
މިއަދުގެ އިންތިހާބުގައި 241 ވޯޓު މަރުކަޒު، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަދި ރާއްޖެއިން ބޭރުގައި ވަނީ ގާއިމްކޮށްފަ އެވެ. ރާއްޖެއިން ބޭރުގައި ވޯޓު ފޮށްޓެއް  ބެހެއްޓީ ސްރީ ލަންކާގައި އެކަންޏެވެ. 
އެމްޑީޕީއަކީ ވެރިކަން ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް ފިޔަވައި އެންމެ މެންބަރުން ގިނަ ޕާޓީ އެވެ. މިއީ އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް މީހަކު ހޮވަން ބާއްވާ ހަ ވަނަ އިންތިހާބެވެ. 
މީގެ ކުރިން ޗެއާޕާސަންގެ މަގާމު އަދާކުރައްވާފައިވާ ބޭފުޅުންގެ ތެރޭގައި ނަޝީދާއި މާރިޔާ އަހުމަދު ދީދީ އާއި ރީކޯ މޫސާ މަނިކާއި އަލީ ވަހީދާއި ހަސަން ލަތީފް ހިމެނިވަޑައިގަންނަވަ އެވެ. ނަޝީދަކީ ޕާޓީގެ ފުރަތަމަ ޗެއާޕާސަން އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ