އެމެރިކާގައި ވޯލްޑްކަޕާ ގުޅިގެން ސިޔާސީ އެތައް ދެބަސްވުންތަކެއް ހިނގަމުންދާއިރު މެކްސިކޯއިން މެޗުތައް ބަދަލުކުރުމުގެ ވާހަކަތައް ދެކެވޭއިރު މުބާރާތުގައި ތިންވަނަ ހޯސްޓެއް އޮތްކަން ގިނަ ބަޔަކު ހަނދާން ނެތެ އެވެ.
ބީބީސީ ސްޕޯޓްސްއާ ވާހަކަދައްކަމުން ކެނޭޑިއަން ފުޓްބޯޅަ ނޫސްވެރިކާ ހާރް ޖޯހާލް ބުނީ ގިނަފަހަރު ކެނެޑާއަށް އެހާ ބޮޑަށް ނުބަލާ ކަމަށާއި އެކަމާ އެމީހުންގެ އެއްވެސް މައްސަލައެއް ނެތް ކަމަށެވެ. އަދި އުފަލުން ހީލާފައި ރިވެތި ގޮތުގައި ތިބޭނެ ކަމަށާއި ދެކުނަށް އޮތް ގައުމުތަކުން ފަލަ ސުރުހީއަށް އެރުމުގެ ފުރުސަތު ދޭނެ ކަމަށެވެ.
އެހެންނަމަވެސް މިހުރިހާ ރިވެތިކަމެއްގެ ފަހަތުގައި އެތައް ކަމެއްވެ އެވެ. ގިނަ ބަޔަކު އެއްބަސްވާ ކަމަކީ ކެނެޑާގެ ތާރީހު ދުށް އެންމެ ވަރުގަދަ ފިރިހެން ފުޓްބޯޅަ ޓީމުން ދުނިޔޭގެ އެންމެ މަތީ ފުޓްބޯޅަ ސްޓޭޖުގައި ނަން ފަވާލެވޭނެފަދަ ކާމިޔާބީއެއް ހޯދާނެ ކަމެވެ. އެމީހުންގެ ވޯލްޑްކަޕް މިރޭ ދަންވަރު 12 ޖަހާއިރު ބޮސްނިއާ އެންޑް ހެޒެގޮވީނާގެ މެޗާއެކު ފެށިގެންދާނެ އެވެ. ދަނޑުން ބޭރުގައި ކެނެޑާއިން ވަނީ ވަރަށް ބޮޑަށް އެމެރިކާގެ ބައެއް ހިސާބުތަކުގައި ދަތުރުފަތުރުގެ އަގާމެދު އުފެދިފައިވާ ނުތަނަވަސްކަމާއި ދުރަށް ޖެހިލާފަ އެވެ. މިހުރިހާ ކަމެއްގެ ސިއްރަކީ އެގައުމުގެ ވޯލްޑްކަޕް ކުޅޭ ދެ ސިޓީ ކަމަށްވާ ޓޯރޮންޓޯއާއި ވެންކޫވަރ ސިޓީ ސެންޓަރުގައި އޮތުމެވެ.
ކެނެޑާގެ ތަރި އަލްފޮންސޯ ޑޭވީސް--- ފޮޓޯ: ގެޓީ އިމޭޖަސް
އެހެންނަމަވެސް ފީފާގެ އަގުގެ އޮނިގަނޑުގެ ސަބަބުން ޓިކެޓް މައްސަލަތަކުގައި ހުރިހާ ސަރަހައްދެއްގައި ވެސް ވަނީ ނުތަނަވަސްކަން އުފެދިފަ އެވެ. އޭގެ އެންމެ ބޮޑު ސަބަބަކީ ހޮޓެލްތަކުގެ އަގުތައް ބޮޑުވުމެވެ. އެގޮތުން ވެންކޫވާގެ ޑައުންޓައުންގައި ރެއަކަށް ވޯލްޑްކަޕުގެ ތެރޭގައި 1000 ޑޮލަރަށްވުރެ ބޮޑެތި އަގުތައް ހުރިއިރު މެޗު ކުޅޭ ދުވަސްތަކުގައި ބައެއް ހޮޓަލްތަކުގެ އަގު އުޅެނީ 2000 ޑޮލަރަށްވުރެ މަތީގަ އެވެ.
2010 ވަނަ އަހަރު ވެންކޫވާގައި ވިންޓަރ އޮލިމްޕިކްސް ބޭއްވިއިރު ހޮޓަލެއްގެ އަގު ހުރީ ރެއަކަށް 359 ޑޮލަރަށެވެ. ބައެއް ހާލަތްތަކުގައި މިހާރު ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި 2025 ގައި ހުރި އާންމު އަގުތަކަށްވުރެ ވެސް 300 އިންސައްތަ އަގު މިވަނީ އުފުލިފަ އެވެ. ދަނޑުމަތީގައި މިފަހަރުގެ ވޯލްޑްކަޕަކީ ކެނެޑާގެ ތިންވަނަ ފެނިލުމެވެ. މީގެެކުރިން ވޯލްޑްކަޕުގައި ވާދަކޮށްފައި ކެނެޑާއިން ވަނީ 1986 އަދި 2022 ވަނަ އަހަރު އެވެ. ވޯލްޑްކަޕުގައި ކެނެޑާގެ ރެކޯޑް އަދި ވަރަށް ދަށެވެ. 6 މެޗުން 6 ބަލިވީއިރު އަދި 2 ލަނޑު ޖެހުނުއިރު 12 ލަނޑު ވަދެފައިވެ އެވެ.
ކެނެޑާ އަކީ މުބާރާތުގައި ވިސްނަންޖެހޭ އާދައިގެ ޓީމެއް ނޫންކަމަށް ބުނެ ޑާކް ހޯސްގެ ގޮތުގައި 2022 ގެ ވޯލްޑްކަޕުގައި ގިނަ ބަޔަކު ދެކުނެވެ. ހާއްސަކޮށް ކޮލިފިކޭޝަންގައި ދެއްކި މޮޅު ކުޅުމުން ގިނަ ބަޔަކަށް އެގޮތަށް ހީކުރެވުނެވެ. ނަމަވެސް ވަރުގަދަ ގްރޫޕަކަށް ލައްވާލާ އެޓީމަށް އެދެވޭ ކުޅުމެއް ނުދެއްކި ހުރިހާ މެޗަކުން ބަލިވީ އެވެ. އެފަހަރުގެ ވޯލްޑްކަޕުގައި ކެނެޑާ ހިމެނުނީ ކްރޮއޭޝިއާ، މޮރޮކޯ އަދި ބެލްޖިއަމްއާ އެއް ގްރޫޕެއްގަ އެވެ. އެފަހަރުގެ ސެމީ ފައިނަލަށް ކްރޮއޭޝިއާ އަދި މޮރޮކޯ ދަތުރު ވެސް ކުރި އެވެ.
އެހެންނަމަވެސް އެވޯލްޑްކަޕު ނިމުނުތާ ހަތަރު އަހަރުވެފައިވާއިރު ކެނެޑާ މިފަހަރު ފެންނަނީ ކުރިއަށްވުރެ މާ ބޮޑަށް ވެސް ތަފާތުކޮށެވެ. އެމީހުންގެ އަތުގައި ބައިނަލްއަގްވާމީ އެންމެ މަތީ ފެންވަރުގެ ތަޖުރިބާ ހުރިއިރު އަމިއްލަ ފަސްގަނޑުގައި ކުޅެން ލިބުން ވެސް ވެގެން ދާނީ ބޮޑު ހިތްހަމަޖެހުމަކަށެވެ. އަދި ލިބޭ އިތުރު ހިތްވަރަކަށެވެ. ޖޯހާލް ބުނީ ކެނެޑާއަށް ވިސްނަން ޓީމުތަކުން ޖެހުމާއެކު އިތުރު އުއްމީދުތަކެއް އުފެދޭ ކަމަށެވެ.
"މިވަގުތަކީ ވަރަށް ބަރާބަރު ވަގުތެއް، ކެނެޑާ އަންނަނީ އުފެދެމުން، އަހަރެމެންނަށް ވަރަށް ގިނަ ކުޅުންތެރިން ޔޫރަޕުން ފެނޭ އަދި ހުނަރު އެބައޮތް. ގަތަރުގައި ވެސް އެހާ އުއްމީދު ބޮޑު އަދި އަނެއްކާ މިއަހަރު ވެސް އުއްމީދުތައް މިވަނީ އެހާ ބޮޑުވެފައި" ޖޯހާލް ބުނެފައިވެ އެވެ. އޭނާ އިތުރަށް ބުނީ މީހުންގެ ހިތްތަކުގައި އަންނަނީ މަޑުމަޑުން ފޯރި އުފެދެމުންކަމަށާއި ޓީމް ކެނެޑާގެ ފަހަތުގައި އެންމެން ވެސް ތިބި ކަމަށެވެ. އަދި މިއީ ވަރުގަދަ ޖީލެއް ކަމަށާއި މިއީ މިހާތަނަށް ތާރީހު ދުށް އެންމެ މޮޅު ކެނޭޑިއަން ޓީމު ކަން އޭނާ ފާހަގަކުރި އެވެ.
މިފަހަރުގެ ވޯލްޑްކަޕުގައި ލިޔުމުން ބަލާއިރު ކެނެޑާގެ ގްރޫޕް އޮތީ ކެނެޑާއަށް ފަސޭހަކޮށެވެ. އެހެންނަމަވެސް ނަތީޖާ ނުކުންނާނެ ގޮތެއް ނޭގެ އެވެ. މިފަހަރު ކެނެޑާގެ ގްރޫޕްގައި ހިމެނެނީ ސްވިޒަލޭންޑްގެ އިތުރުން ބޮސްނިއާ އެންޑް ހެޒެގޮވީނާއާއި ގަތަރެވެ. ޖޯހާލް ފާހަގަކުރިގޮތުގައި ގިނަ ބަޔަކު އަންނަނީ މިގްރޫޕުގެ އެއްވަނަ ކެނެޑާއަށް ނުހޯދޭނެ ސަބަބެއް ނެތްކަމަށް ބުނަމުން ކަމަށާއި ހާއްސަކޮށް އިޓަލީއަށް ދިމާވި ކަންތައްތަކަށް ފަހުކަމަށެވެ. އަދި ފަހަރުގައި ކެނެޑާގެ އެންމެ ބޮޑު ދުޝްމަނުންނަކީ ސްވިޒަލޭންޑް ކަމަށް އޭނާ ބުންޏެވެ.
ނަތީޖާއަކުން އަދި ދެކެވޭ ވާހަކަތައް މުޅިއަކުން ކެނެޑާއަށް ސާބިތެއް ނުކުރެވެ އެވެ. ކޮންކަކާފް ގޯލްޑް ކަޕުގެ ކުއާޓާގައި ވެސް ކެނެޑާ ވަނީ ގުއަޓަމާލާ އަތުން ޕެނަލްޓީގައި ބަލިވެފަ އެވެ. އަދި ކުޅެވުނު ބައިނަލްއަގްވާމީ އެކުވެރިކަމުގެ މެޗުތަކުން ވެސް މާ ބޮޑު ކުޅުމެއް ނުދެއްކެ އެވެ. މާޗުގައި ޖެހިޖެހިގެން އައިސްލޭންޑާއި ޓިއުނީޝިއާއާ ދެކޮޅަށް ޓޮރޮންޓޯގައި ކުޅެވުނު މެޗުތައްވީ އެއްވަރެވެ.
ގޯލު ޖެހުމަކީ ވެސް ކެނެޑާއިން އުދަނގޫތަކެއް ކުރިމަތިވާ ކަމެކެވެ. އެންމެ ފަހުން ކުޅުނު 9 ގޭމުގެ ތެރެއިން 4 ގޭމު ނިންމާލީ ލަނޑެއް ނުޖެހި އެވެ. އެހެންކަމުން މީހުން އުއްމީދުކުރަމުން އަންނަ ކަންކަން ހާސިލްކުރުމަށް މެނޭޖަރު ޖެސޭ މާސްޗްއާއި ޓީމަށް ވަރަށް މަސައްކަތް ކުރިއަށް އެބައޮތެވެ. އެންމެ ވަރުގަދަ ފުރަތަމަ 11 ކަނޑައެޅުމުގައި މާސްޗްއަށް އުދަނގޫތަކެއް ކުރިމަތިވެފައިވާއިރު އިންޖަރީގެ ސަބަބުން ފުރަތަމަ މެޗު ނުކުޅެވުނަސް އެޓީމު ތަރި އަލްފޮންސޯ ޑޭވީސް ވަރަށް އަވަހަށް ކުޅުމާ ގުޅޭނެ ކަމަށް މާސްޗް އުއްމީދުކުރެ އެވެ.
އަލަށް އެންމެފަހުގެ ވޯލްޑްކަޕަށް 21 އަހަރުގެ ޑޭވީސް ކުރިމަތިލިއިރު އެފަހަރުގެ މުބާރާތަކީ އޭނާއަށް ތަފާތު އަދި ގޮތަކަށް ބުނެވޭނަމަ ދަށް އަދި އެކި ކަހަލަ އިހްސާސްތައް އެކުލެވުނު މުބާރާތެކެވެ. އެގޮތުން ބެލްޖިއަމް އަތުން ފުރަތަމަ މެޗުގައި ބަލިވިއިރު ޑޭވީސް އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފަ އެވެ. އެހެންނަމަވެސް އެފަހަރުގެ މުބާރާތުގައި ކްރޮއޭޝިއާ ދެކޮޅަށް ކުޅެ ކެނެޑާގެ ހަމައެކަނި ލަނޑާއެކު ޑޭވީސް ވެގެންދިޔައީ ވޯލްޑްކަޕެއްގައި ލަނޑެއްޖެހި ފުރަތަމަ ކެނެޑާގެ ކުޅުންތެރިޔާ އަށެވެ. އެމެޗުން ކެނެޑާ ބަލިވީ 4 - 1 ންނެވެ.
މާޗުމަހު ވޯލްޑްކަޕަށް ތައްޔާރުވުމަށް ކުޅުނު މެޗުތައް ވެސް ހޭމްސްޓްރިންގަށް ލިބުނު އަނިޔާއަކުން އޭނާއަށް ގެއްލުނު ނަމަވެސް ވޯލްޑްކަޕުގެ ވަކި ހިސާބަކުން އޭނާ ފިޓްވާނެކަމަށް އުއްމީދުކުރެވޭއިރު މިއީ ކެނެޑާއަށް ލިބޭނެ އިތުރު ހިތްވަރެކެވެ. ނޫސްވެރިޔާ ޖޯހާލް ފާހަގަކުރިގޮތުގައި އެމީހުންނަށް ޑޭވީސް އެނބުރި އައިސް ބަޔާނަށް ލަނޑު ޖަހައިދިން ތަން ފެނުނު ކަމަށާއި އޭނާއަކީ ވަރަށް މުހިންމު ކުޅުންތެރިއެއް ކަމަށެވެ. އަދި އޭނާއަކީ 100 އިންސައްތަ ޔަގީންކަމާއެކު ކެނެޑާގެ މޫނު ކަމަށް ޖޯހާލް ބުންޏެވެ.
ކެނެޑާގެ އެންމެ މޮޅު ޓީމު، ޑޭވީސްއާއެކު އަމިއްލަ ފަސްގަނޑުގައި ކާމިޔާބަށް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ