އެމްޑީޕީ މި އޮތީ ވަރަށް ބޮޑަށް ހަރަކާތްތެރިވެފައި، މިއީ ސަރުކާރަށް ގޮންޖެހުމެއް: ނަޝީދު

އެމްޑީޕީގެ ޗެއާޕާސަން ހޮވަން ބާއްވާ އެތެރޭގެ އިންތިޚާބުގައި ވޯޓުލެއްވުމަށް ފަހު، އެމްޑީޕީ މި އޮތީ ވަރަށް ބޮޑަށް ހަރަކާތްތެރިވެފައި ކަމަށް މި އިންތިޚާބުގައި ވާދަކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ. މި އިންތިޚާބުގެ ވޯޓުލުން ފެށީ މިއަދު 14:30 ގައެވެ. އިންތިޚާބުގެ ވޯޓުލުން މިރޭ 20:30 އާ ހަމައަށް ކުރިއަށްގެންދަން އެ ޕާޓީން ވަނީ ނިންމާފައެވެ. ފޯރިގަދަ ކެމްޕޭނަކާ އެކު މި އިންތިޚާބުގެ ވާދަވެރިކަން ބޮޑެވެ. އެ ގޮތުން، ކުރީގެ ރައީސް ނަޝީދަށް ތާއީދުކުރައްވާ ބޭފުޅުން ރޭ ވަނީ ފޯރިގަދަ ޕެރޭޑަކާ އެކު ކެމްޕޭން ނިންމާލާފައެވެ. ދެން ވާދަކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ވެސް ވަނީ ފޯރިގަދަ ކެމްޕޭނެއް ބުރާސްފަތި ދުވަހު ނިންމާލާފައެވެ. ގަލޮޅު މަދަރުސާގައި ހުރި ވޯޓުފޮއްޓަށް ވޯޓުދެއްވުމަށް ފަހު ނުކުމެވަޑައިގެން ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ، އެމްޑީޕީގެ އެތެރޭ އިންތިޚާބުގެ އިންތިޒާމުތައް ވަރަށް ފުރިހަމަ ކަމަށެވެ. އެހެންވެ، މިއީ ވަރަށް އުފާވެރި މަންޒަރެއް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. ނަޝީދު ވޯޓުލާން ވަޑައިގެން: އެ މަނިކުފާނު ވިދާޅުވީ އެމްޑީޕީ މި އޮތީ ވަރަށް ބޮޑަށް ހަރަކާތްތެރިވެފައި ކަމަށް --- ސަން ފޮޓޯ/ އަހުމަދު އިޔާދު "މޫސުން ގޯސްވިޔަސް މެންބަރުންގެ ބެލުމެއް ނެތް، ފަހަރަކު ބޭފުޅަކު ފަހަރަކު ބޭފުޅަކު ވަޑައިގެން އެބަ ވޯޓުދެއްވާ،" ނަޝީދު ވިދާޅުވިއެވެ. އެ މަނިކުފާނު ވަނީ މޫސުމަށް ނުބައްލަވާ، ވީހާ ވެސް ގިނަ ބޭފުޅުން ނުކުމެވަޑައިގެން އަވަހަށް ވޯޓުދެއްވަން އެދިވަޑައިގެންނެވިއެވެ. އަދި، ވީހާ ވެސް ގިނަ ބޭފުޅުން ނުކުންނަވާނެކަމުގެ ޔަގީންކަން އެބައޮތް ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ. "އެމްޑީޕީ މި އޮތީ ވަރަށް ބޮޑަށް ހަރަކާތްތެރިވެފައި،" އެ މަނިކުފާނު ވިދާޅުވިއެވެ. ނަޝީދު ވިދާޅުވީ، ހުރިހާ ރަށެއްގައި ވެސް އެމްޑީޕީގެ ކުލައާއި ލަވަތަކާއި ވަކާލާތު އެބަ ހިނގާ ކަމަށެވެ. އެއީ، ސަރުކާރަށް ދިމާވާނެ ވަރަށް ބޮޑު ގޮންޖެހުމެއްގެ ގޮތުގައި އެ މަނިކުފާނު ސިފަކުރެއްވިއެވެ. އެ ގޮތުން، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މަގުބޫލުކަން މި އޮތީ ވަރަށް ބޮޑަށް ކުޑަވެފައި ކަމަށް އެ މަނިކުފާނު ވިދާޅުވާ ވިދާޅުވުން ތަކުރާރުކުރެއްވިއެވެ. https://sun.mv/223247 މި އިންތިޚާބަކީ ސިޔާސީ ގޮތުން އެމްޑީޕީއަށް ވަރަށް މުހިންމު އިންތިޚާބެކެވެ. މިދިޔަ ރިޔާސީ އިންތިޚާބުގެ ކުރިން ޕާޓީގެ އެތެރޭގައި އުފެދުނު ބޮޑެތި ޚިޔާލުތަފާތުވުންތަކާ ގުޅިގެން ރައީސް ނަޝީދު ޕާޓީން ވަކިވެވަޑައިގެން 'ދަ ޑިމޮކްރެޓްސް' އުފެއްދެވުމަށް ފަހު، އަލުން އެމްޑީޕީއާ ގުޅިވަޑައިގެން ކުރިމަތިލައްވާ ފުރަތަމަ ބޮޑު އިންތިޚާބަކީ މިއީއެވެ. ރައީސް ޞާލިޙަށް ތާއީދުކުރާ ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި، ރިޔާސީ އިންތިޚާބުގައި އެމްޑީޕީއަށް ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނީ ރައީސް ނަޝީދުގެ އަމަލުފުޅުތަކުގެ ސަބަބުންނެވެ. ނަމަވެސް، ރައީސް ނަޝީދަށް ތާއީދުކުރާ ފަރާތްތަކުން ބުނާ ގޮތުގައި، ރައީސް ޞާލިޙުގެ ވެރިކަމުގައި ޕާޓީގެ އަސްލު ފިކުރާ ދުރަށް ގޮސް، ރައީސް ނަޝީދު ވަނީ އެކަހެރިކޮށްފައެވެ. އެހެންކަމުން، ޗެއާޕާސަންގެ މަޤާމަށް ނުކުމެވަޑައިގެން ތިއްބެވި ކެންޑިޑޭޓުންގެ މެދުގައި އޮތް ވާދަވެރިކަމަކީ، ޕާޓީގެ ކޮންޓްރޯލް ކުރިއަށް އޮތް ތަނުގައި އޮންނާނީ ކޮން ފެކްޝަނެއްގެ އަތުގައިކަން ކަނޑައަޅައިދޭނެ މުހިންމު ނިންމުމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ