އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް މީހަކު ހޮވަން މިއަދު ކުރިއަށްދާ އިންތިހާބުގައި ގދ. ފިޔޯރީގައި ބެހެއްޓި ވޯޓު ފޮށި މީހަކު ފަޅާލައިފި އެވެ.
ފިޔޯރީއިން އަދަދު އާ ވާހަކަ ދެއްކި މީހަކު ބުނީ ވޯޓު ފޮށި ފަޅާލީ ވޯޓާސް ލިސްޓުގައި ނަން ނެތް މީހަކަށް ވޯޓުލުމުގެ ފުރުސަތު ނުދިނުމުން އެކަމާ ރުޅި އައިސްގެން ކަމަށެވެ.
"އޭނާ ބުނީ އޭނާއަކީ ކެންޑިޑޭޓުގެ މަންދޫބެކޭ. އެކަމަކު އެ ފާހެއް ވެސް ނެތް. ވޯޓާސް ލިސްޓުގައި ނަމެއް ވެސް ނެތް،" މި ނޫހާ ވާހަކަ ދެއްކި މީހަކު ބުންޏެވެ.
އޭގެ އިތުރުން ފ. ފީއަލީގައި ވޯޓުލުން ކުރިއަށްދަނީ ރަސްމީ ލިސްޓަކަށް ނޫން ކަމަށް ބުނެ ޝަކުވާއެއް ލިބިފައިވެ އެވެ. އެ މައްސަލަ ހުށަހަޅާފައި ވަނީ ކެންޑިޑޭޓު މީކާއީލް އަހުމަދު ނަސީމުގެ ޓީމުންނެވެ.
މި އިންތިހާބުގައި ވާދަ ކުރައްވަނީ މީކާއީލްގެ އިތުރުން ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ. މިއަދު ބާއްވާ އިންތިހާބުގައި ވޯޓުލުމުގެ ހައްގު 50،176 މީހުންނަށް ލިބެ އެވެ.
ވޯޓުލުން ކުރިއަށްދާނީ ރޭގަނޑު 8:30 ވަންދެކަށެވެ. އެއީ ވޯޓުލާ ވަގުތަށް އިއްޔެ އިތުރު ކުރި 30 މިނެޓު ހިމަނައިގެންނެވެ. ވޯޓުލާ ނިމުމާއެކު ވޯޓުގެ ގުނުމުގެ އިންތިޒާމުތައް ކުރިއަށްގެންދަންޖެހެ އެވެ.
މިއަދުގެ އިންތިހާބުގައި 241 ވޯޓު މަރުކަޒު، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަދި ރާއްޖެއިން ބޭރުގައި ވަނީ ގާއިމްކޮށްފަ އެވެ. ރާއްޖެއިން ބޭރުގައި ވޯޓު ފޮށްޓެއް ބެހެއްޓީ ސްރީ ލަންކާގައި އެކަންޏެވެ.
އެމްޑީޕީއަކީ ވެރިކަން ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް ފިޔަވައި އެންމެ މެންބަރުން ގިނަ ޕާޓީ އެވެ. މިއީ އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް މީހަކު ހޮވަން ބާއްވާ ހަ ވަނަ އިންތިހާބެވެ.
މީގެ ކުރިން ޗެއާޕާސަންގެ މަގާމު އަދާކުރައްވާފައިވާ ބޭފުޅުންގެ ތެރޭގައި ނަޝީދާއި މާރިޔާ އަހުމަދު ދީދީ އާއި ރީކޯ މޫސާ މަނިކާއި އަލީ ވަހީދާއި ހަސަން ލަތީފް ހިމެނިވަޑައިގަންނަވަ އެވެ. ނަޝީދަކީ ޕާޓީގެ ފުރަތަމަ ޗެއާޕާސަން އެވެ.
ވޯޓު ނުލެވިގެން ރުޅި އައި މީހަކު ފިޔޯރީގައި ބެހެއްޓި ވޯޓު ފޮށި ފަޅާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ