ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)ގެ ފްލެޓުތައް ލިބިފައިވާ ފަރާތްތަކަށް ކުލި ނުދެއްކި ލަސްވުމުން ނަގަމުންދާ ޖޫރިމަނާ ނެގުން ހުއްޓާލަން ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާާގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެދިވަޑައިގެންފިއެވެ.
މި މަހުގެ ތިން ވަނަ ދުވަހު އެފްޑީސީގެ މެނޭޖިން ޑިރެކްޓަރ ހަމްދާން ޝަކީލަށް މެމްބަރު ކުޑޫ ފޮނުއްވި ސިޓީއެއްގައި ވަނީ އެފްޑީސީ ފްލެޓުތައް ލިބިފައިވާ ފަރާތްތަކުން ފާހަގަކުރާ ކަންބޮޑުވުންތައް ހިއްސާކުރައްވައި އެކަންކަމަށް ހައްލު ހޯދައިދެއްވުމަށް އެދިވަޑައިގެންފައެވެ.
އެގޮތުން، އެފްޑީސީ ފްލެޓު ލިބިފައިވާ ފަރާތްތަކުގެ ތެރޭގައި އާންމުގޮތެއްގައި ކޮންމެ މަހެއްގެ ނުވަ ވަނަ ދުވަހާ ހަމައަށް މުސާރަ ނުލިބޭ އަމިއްލަ މަސައްކަތްކުރާ ފަރާތްތައް ވެސް ހިމެނޭކަން އޭނާގެ ސިޓީގައި ފާހަގަކުރެއްވިއެވެ. ކޮންމެ މަހެއްގެ 10 ވަނަ ދުވަހުގެ ފަހުން ކުލި ދައްކާ ފަރާތްތަކުގެ އަތުން 1000ރ. އާއި 3000ރ. އާ ދެމެދުގެ އަދަދެއް ޖޫރިމަނާގެ ގޮތުގައި ނަގާތީ އެކަމުގެ ސަބަބުން މާލީ ދަތިތަކެއް ކުރިމަތިވާ ކަމަށް ކުޑޫ ވިދާޅުވިއެވެ. އެހެންކަމުން، އޭނާ އެދިވަޑައިގަތީ ކޮންމެ މަހެއްގެ ކުލި، އެ މަހުގެ ނިޔަލަށް އެއްވެސް ޖޫރިމަނާއަކާ ނުލައި ދެއްކޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށެވެ.
ރާއްޖެއަށް އިގްތިސާދީ ދަތިކަމެއް ކުރިމަތިވެ ރައްޔިތުންނަށް މަލީ ތާށިކަމާ ކުރިމަތިލާން ޖެހިފައިވާއިރު މި ދަނޑިވަޅުގައި އެފްޑީސީން ކުރިން އިއުލާނުކުރި ކުލީގެ އިތުރަށް ސަރުކާރުން 2000ރ. ނަގަން އިއުލާނުކޮށް، އިންވޮއިސް ފޮނުވަމުންދާކަން ވެސް ކުޑޫ ފާހަގަކުރެއްވިއެެވެ. އެކަމަށް ގްރޭސް ޕީރިއަޑެއްގެ ގޮތުގައި ދީފައިވާ ތިން މަސް ދުވަހުގެ މުއްދަތަކީ އެކަށީގެންވާ މުއްދަތަކަށް ނުވާތީ ހިޔާ މަޝްރޫއެކޭ އެއްފަދައިން އެ މުއްދަތު ހަ މަސް ދުވަހަށް ނުވަތަ އެއް އަހަރަށް އިތުރުކޮށްދިނުމަށް ވެސް އޭނާ އެދިވަޑައިގަތެވެ.
އޭގެ އިތުރުން، ފްލެޓުތަކުގެ މެއިންޓެނެސް ފީގެ ގޮތުގައި 1000ރ. އާއި 1500ރ. އާ ދެމެދުގެ އަދަދެއް ނަގަމުންދާއިރު، އިމާރާތުގެ ފެންވަރު ދަށްވުމުގެ ސަބަބުން ކުޑަދޮރުތަކުން ފެން ވަދެ މުދަލަށް ގެއްލުންވުމާއި ފާހާނާއިން ފެން ލީކުވުން ފަދަ ގިނަ މައްސަލަތަކެއް ވެސް ކުރިމަތިވާކަން އޭނާގެ ސިޓީގައި ފާހަގަކުރެއްވިއެވެ. އަދި އެފަދަ ކަންކަން ރިޕޯޓުކުރުމުން ވެސް އެދެވޭ ހައްލެއް ނުލިބޭކަމަށް އޭނާ ވިދާޅުވިއެވެ.
ހިޔާ ފްލެޓުތައް ލިބިފައިވާ ފަރާތްތަކާއެކު ކުލީގެ އެއްބަސްވުންތައް ހަދާފައިވާއިރު، ރާއްޖޭގައި މިހާތަނަށް ދޫކޮށްފައިވާ ހުރިހާ ސޯޝަލް ހައުސިން މަޝްރޫއުތަކުގައި ވެސް ”ގަނެވިއްކުމުގެ އެއްބަސްވުން“ ހަދާފައިވާކަން އެ ސިޓީގައި ފާހަގަކުރައްވާފައިވެއެވެ. ނަމަވެސް، އެފްޑީސީގެ ފެލްޓުތަކާ ގުޅޭ އެއްބަސްވުން ހެދުމުގައި އެފަދައިން އަމަލުކޮށްފައިނުވާއިރު، އެއީ ގާނޫނުއަސާސީން ކަށަވަރުކޮށްދޭ ހަމަހަމަކަމުގެ އުސޫލާ ހިލާފު ކަމެއް ކަމަށް ކުޑޫ ވިދާޅުވިއެވެ. އެހެންކަމުން، މިހާރު އެފްޑީސީގެ ފްލެޓުތަކަށް ހަދާފައިވާ އެއްބަސްވުންތައް ވެސް ގަނެވިއްކުމުގެ އެއްބަސްވުންތަކަށް ހެދުމަށް އޭނާގެ ސިޓީގައި އެދިވަޑައިގަތެވެ.
އޭގެ އިތުރުން، ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އާބާދީ އިތުރުވަމުންދާއިރު، ރައްޔިތުންގެ ފަސޭހައަށް ޓަކައި ކޮށްދޭން ރައްޔިތުން އެދޭ ބައެއް ކަންކަން އެޗްޑީސީއާ ގުޅިގެން ކޮށްދެއްވުމަށް އޭނާ އެދިވަޑައިގަތެވެ. އޭގެ ތެރޭގައި ހިމެނެނީ:
ކުނި މެނޭޖުކުރުމަށް ގާބޭޖު ޝޫޓުތަކެއް ބޭނުންކުރެވޭނެ ނިޒާމެއް ގާއިމްކުރުން
އާބާދީއާ އެކަށީގެންވާ ވަރަށް ޕާކުތަކާއި ކުޅިވަރު މައިދާންތައް ތަރައްގީކުރުން
ޕާކިން އާއި ބަސް ޕޮއިންޓުތައް އިތުރުކޮށް ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރުން
މަގުތަކުގެ ލޭންޑްސްކޭޕިން ހަދައި، ހިރަފުހުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުން
ހުރިހާ ޔުނިޓުތަކަކަށް ފައިބާ އިންޓަނެޓުގެ ހިދުމަތް ފޯރުކޮށްދިނުން
އެ ސިޓީގައި އެދިވަޑައިގެންނެވި ކަންކަމަށް އަވަސް ހައްލެއް ހޯދައިދެއްވުމަށް ވެސް މެމްބަރު ކުޑޫ އެދިވަޑައިގަތެވެ.
އެފްޑީސީ ފްލެޓުތަކުގެ ކުލި ނުދެއްކި ލަސްވުމުން, ޖޫރިމަނާކުރުން ހުއްޓާލަން އެދިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ