އެމްޑީޕީ ޗެއާޕާސަން އިންތިޚާބު: ފިޔޯރީ ވޯޓު ފޮށި ފަޅާލައި، ފީއަލި ވޯޓު ފޮށި ބަޔަކު ވަގަށް ގެންގޮސްފި

އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް މީހަކު ހޮވުމަށް މިއަދު ކުރިއަށްދާ އިންތިޚާބުގެ ތެރެއިން، ގދ. ފިޔޯރީގައި ބެހެއްޓި ވޯޓު ފޮށި ފަޅާލައި، ފ. ފީއަލީގައި ބެހެއްޓި ވޯޓު ފޮށި ބަޔަކު ވަގަށް ނަގައިފިއެވެ. މި ހާދިސާތައް ހިނގާފައި ވަނީ އިންތިޚާބުގެ ވޯޓުލުން ކުރިއަށް ދަނިކޮށެވެ. ފިޔޯރީގައި ހުރި ވޯޓު ފޮށި ފަޅާލާފައިވާކަން އެ ރަށު ކައުންސިލްގެ ރައީސް އަބްދުﷲ މުބާޙު ވެސް ވަނީ "ސަން" އަށް ކަށަވަރު ކޮށްދެއްވައިފައެވެ. މުބާޙު ވިދާޅުވި ގޮތުގައި ވޯޓު ފޮށި ފަޅާލި މައްސަލަ މިހާރު ވަނީ ފުލުހަށް ހުށަހަޅާފައެވެ. އަދި އެ މައްސަލަ ފުލުހުން މިހާރު ދަނީ ބަލަމުންނެވެ. އެ ރަށުން "ސަން" އަށް މައުލޫމާތު ދިން މީހަކު ބުނި ގޮތުގައި ވޯޓު ފޮށި ފަޅާލާފައި ވަނީ ރަސްމީ ފާހެއް ނެތި ވޯޓުލާ މަރުކަޒުގައި މަޑުކުރަން ބޭނުންވި މީހެކެވެ. އޭނާއަކީ ކެންޑިޑޭޓެއްގެ މަންދޫބެއް ކަމަށް ބުނި ނަމަވެސް އޭނާގެ އަތުގައި އެކަން އަންގައިދޭ ފާހެއް ނެތް ކަމަށާއި ވޯޓާސް ލިސްޓުގައި ވެސް އޭނާގެ ނަމެއް ނެތް ކަމަށް އެ މީހާ މައުލޫމާތު ދިނެވެ. https://x.com/adduxfiles/status/2065403191664300355 ފިޔޯރީގެ އިތުރުން ފ. ފީއަލީގައި ވެސް ވަނީ އިންތިޚާބާ ގުޅޭ ސީރިއަސް މައްސަލައެއް ފެންމަތިވެފައެވެ. ފީއަލީގައި ބެހެއްޓި ވޯޓު ފޮށި ވަގަށް ނަގައިގެން ގެންގޮސް ގެއެއްގެ ތެރޭގައި ބަހައްޓާފައިވާ ކަމަށް އެ ރަށުން "ސަން" އަށް މައުލޫމާތު ދިން މީހަކު ވަނީ ބުނެފައެވެ. އޭނާ ބުނި ގޮތުގައި އެކަން ކުރީ ރައީސް ނަޝީދަށް ތާއީދު ކުރާ ބައެކެވެ. އަދި މިއަދު މެންދުރު ފަހު 2:45 ހާއިރުން ފެށިގެން އެ ވޯޓު ފޮށި ވަނީ ވަގަށް ގެންގޮސް ފޮރުވާފައި ކަމަށް އޭނާ މައުލޫމާތު ދިނެވެ. މީގެ އިތުރުން ފީއަލީގައި ވޯޓުލުން ކުރިއަށްދަނީ ރަސްމީ ލިސްޓަށް ނޫން ކަމަށް ބުނެ، ކެންޑިޑޭޓް މީކާއީލް އަހުމަދު ނަސީމުގެ ޓީމުން ވެސް ވަނީ މައްސަލަ ހުށަހަޅާފައެވެ. މިއީ އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް މީހަކު ހޮވުމަށް ބާއްވާ ހަ ވަނަ އިންތިޚާބެވެ. https://sun.mv/223247 މީގެ ކުރިން މި މަގާމު ފުރުއްވާފައިވާ ބޭފުޅުންގެ ތެރޭގައި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، މާރިޔާ އަހުމަދު ދީދީ، ރީކޯ މޫސާ މަނިކު، އަލީ ވަހީދު އަދި ހަސަން ލަތީފް ހިމެނިވަޑައިގަންނަވައެވެ. މިއަދުގެ އިންތިޚާބުގެ ވޯޓުލުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމްކޮށްފައިވާ 241 މަރުކަޒެއްގައި ކުރިއަށްދެއެވެ. މީގެ އިތުރުން ރާއްޖެއިން ބޭރުގައި ސްރީ ލަންކާގައި ވެސް ވޯޓު ފޮށްޓެއް ވަނީ ބަހައްޓާފައެވެ. މިއަދުގެ ވޯޓުލުން މިރޭ 8:30 އާ ހަމައަށް ކުރިއަށްދާނެ ކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ. ވޯޓުލާ ނިމުމާއެކު ވޯޓު ގުނުމުގެ މަސައްކަތް ފެށުމަށް ވަނީ ހަމަޖެހިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ