390 މިލިއަން ޑޮލަރުގެ ކްރިޕްޓޯ މަނީ ލޯންޑަރިން ނެޓްވޯކެއް ހުއްޓުވައިފި
އެގާރަ ޤައުމެއްގެ ތަންފީޛީ އިދާރާތައް ގުޅިގެން ހިންގި ބައިނަލްއަޤްވާމީ ބޮޑު ސްޓިން އޮޕަރޭޝަނެއްގައި، 390 މިލިއަން އެމެރިކާ ޑޮލަރު (ގާތްގަނޑަކަށް 6 ބިލިއަން ދިވެހި ރުފިޔާ) ލޯންޑާކޮށްފައިވާ "އައުޑީއޭ6" ނަމަކަށް ކިޔާ ކްރިޕްޓޯކަރަންސީ ނެޓްވޯކެއް ހުއްޓުވައި، އޭގެ މުގުލުގައި ތިބި މީހުން ހައްޔަރުކޮށްފިއެވެ. ޔޫރަޕްގެ އިއްތިޙާދުގެ ކްރިމިނަލް ޖަސްޓިސް ކޯޕަރޭޝަން (އީޔޫރޯޖަސްޓް) އިން ހާމަކޮށްފައިވާ ގޮތުގައި، 2022 އިން 2025 އާ ދެމެދު ހިންގި މި ވަރުގަދަ ޖަރީމާގެ މައްސަލާގައި ޖޯޖިއާއިން ހައްޔަރުކޮށްފައިވަނީ ރަޝިޔާ އަދި ޔޫކްރެއިންގެ ރައްޔިތެއް ކަމަށްވާ ދެ އެޑްމިނިސްޓްރޭޓަރުންނެވެ. މި އޮޕަރޭޝަނުގެ ދަށުން ކުށްވެރިން ބޭނުންކުރަމުންދިޔަ 25 ޑޮމެއިންއަކާއި، 30 އަށްވުރެ ގިނަ ސާވަރުތަކުގެ އިތުރުން 80 ވެހިކަލް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ބަދަލުކޮށްފައެވެ. މީގެ އިތުރުން، ގާތްގަނޑަކަށް 900،000 އެމެރިކާ ޑޮލަރުގެ އަގުހުރި ކްރިޕްޓޯކަރަންސީ އެކައުންޓްތައް ވަނީ ފްރީޒްކޮށްފައެވެ. https://sun.mv/221737 "އައުޑީއޭ6" އަކީ ރެންސަމްވެއާ ހެކަރުންނަށް ފައިސާ "ސާފުކޮށްދިނުމުގެ" ޚިދުމަތް (މިކްސާ-އޭޒް-އަ-ސާވިސް) ފޯރުކޮށްދެމުންދިޔަ ގްރޫޕެކެވެ. މި ނެޓްވޯކުން ހެކްކޮށްގެން ހޯދާ ކްރިޕްޓޯކަރަންސީ އެއް ގަޑިއިރު ތެރޭގައި ސާފު ފައިސާއަށް ބަދަލުކޮށްދެނީ ތިން އިންސައްތައާއި 10 އިންސައްތައާ ދެމެދުގެ ފީއެއް ނަގައިގެންނެވެ. ކްރިޕްޓޯ ދިރާސާކުރާ "ޗޭންއެނަލިސިސް" ގެ ރިޕޯޓްތަކާ ހަވާލާދީ އެނގޭ ގޮތުގައި، 2021 ވަނަ އަހަރުން ފެށިގެން މި ނެޓްވޯކުގެ ވޮލެޓްތަކަށް 389 މިލިއަން ޑޮލަރާ އެއްވަރުގެ 10،333 ބިޓްކޮއިން ޖަމާކޮށްފައިވެއެވެ. މި ކުށްވެރިންގެ ގްރޫޕުން "Dark2Web" ގެ ނަމުގައި އިތުރު ފޯރަމެއްވެސް ހިންގަމުންދިޔައެވެ. އެ ފޯރަމަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބޭ ސައިބާ ކުށްވެރިންނާ މުއާމަލާތްކޮށް، ޤާނޫނާ ޚިލާފު އެކި ޚިދުމަތްތައް އިޝްތިހާރު ކުރުމަށް ބޭނުންކުރަމުންދިޔަ މަންސައެކެވެ. އީޔޫރޯޖަސްޓް އަދި ޔޫރޯޕޯލް މެދުވެރިކޮށް ހިންގި މި ތަޙުޤީޤުގައި އެމެރިކާ، އޮސްޓްރޭލިއާ، ފްރާންސް، ޕޮލެންޑް، ޖޯޖިއާ، އައިސްލޭންޑް، ކެނެޑާ، ޖަރުމަނު، ޖަޕާން، ސްވިޒަލޭންޑް އަދި އިނގިރޭސިވިލާތުގެ ތަންފީޛީ އިދާރާތަކުން ބައިވެރިވެފައިވެއެވެ. މި ނެޓްވޯކުން ފައިސާ ދައުރުކުރުމަށްޓަކައި ވަގަށް ނަގާފައިވާ ނުވަތަ ފައިސާއަށް ގަނެފައިވާ އައިޑެންޓިޓީތައް ބޭނުންކޮށްގެން ގިނަ އަދަދެއްގެ ފޭކް އެކައުންޓްތައް ހަދާފައިވާކަން ފާހަގަކުރެވެއެވެ. ތަޙުޤީޤުގެ ތެރެއިން "މަނީ މިއުލް" ނުވަތަ ފައިސާ ދައުރުކުރަން ބޭނުންކުރި އެކައުންޓްތަކާ ގުޅުންހުރި 6،000 އަށްވުރެ ގިނަ ކޭވައިސީ ފައިލްތައް ވަނީ ހޯދާފައެވެ. މީގެ ކުރިން، މިދިޔަ އެޕްރީލް މަހުވެސް އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޖަސްޓިސްއާއި ދުބާއީ ފުލުހުން ގުޅިގެން ހިންގި ބައިނަލްއަޤްވާމީ އޮޕަރޭޝަނެއްގައި، ކްރިޕްޓޯ ސްކޭމް ހިންގާ 9 ސެންޓަރެއް ބަންދުކޮށް، 276 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. މިފަދަ މާލީ ބޮޑެތި ޖަރީމާތައް ހިންގާ ފަރާތްތަކަށް ބައިނަލްއަޤްވާމީ ދުނިޔޭގައި 20 އަހަރުގެ ޖަލު ހުކުމްތަކާއި ބޮޑެތި ޖޫރިމަނާތައް އަންނަނީ ކުރިމަތިވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ