ކަނޑުގަދަވާނެކަމަށް ލަފާކޮށް ބައެއް އަތޮޅުތަކަށް ޔެލޯ އެލާޓް

ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް)އިން ރާއްޖޭގެ ބައެއް އަތޮޅުތަކަށް ޔެލޯ އެލާޓް ނެރެފިއެވެ.
މެޓުން މި އެލާޓް ނެރެފައިވަނީ މިއަދު މެންދުރު ފަހު 12:45 އިން ފެށިގެން ހަވީރު 5:00 އާ ހަމައަށެވެ.
މިއަދުގެ މޫސުން ލަފާކޮށްފައިވާގޮތަށް ބަލާއިރު މިއަދު އިރުއޮއްސި 6:00 އާ ހަމައަށް އުތުރާއި މެދުރާއްޖެތެރޭ އެކި ހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެކަމަށާއި އުތުރުގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހުން އެކަށީގެންވާކަމަށެވެ. އަދި ދެކުނުގެ އަތޮޅުތަކަށް މޫސުން އާއްމުގޮތެއްގައި ރަނގަޅުވާނެކަމަށްވެސް މެޓުން ބުނެފައިވެއެވެ.
އެ އިދާރާއިން ބުނިގޮތުގައި ހުޅަނގުދެކުނާއި ހުޅަނގުން އުތުރާއި މެދުރާއްޖެތެރޭ އަތޮޅުތަކަށް ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ވާރުމިނުގައި ވައިޖެހޭނެއެވެ. އަދި ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު އަށް މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށްވެސް މެޓުން ލަފާކޮށްފައިވެއެވެ.
އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލު ބާރުމިނުގައި ވައިގަދަވުން އެކަށީގެންވާކަމަށް ލަފާކޮށް މެޓުން ބުނީ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެކަމަށެވެ.
ރާޅުގެ އުސްމިން ހުންނާނެކަމަށް މެޓުން ލަފާކޮށްފައިވާގޮތަށް ބަލާއިރު މެޓުން ބުނީ އުތުރާއި މެދުރާއްޖެތެރޭގެ ކަނޑުތައް ހުންނާނީ ހަތަރު ފޫޓާއި ހަ ފޫޓާއި ދެމެދުގައިކަމަށެވެ. އަދި ދެކުނުގެ ރާޅުގެ އުސްމިން ހުންނާނީ ތިން ފޫޓައި ފަސް ފޫޓާއި ދެމެދުގައިކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ