ކުކުޅު ކެއުން ދުވާލަކު އެއް ފަހަރަށް މަދުކުރަން މެލޭޝިއާގެ ރައްޔިތުންނަށް އިރުޝާދުދީފި

މެލޭޝިއާގެ ރައްޔިތުން އާންމުކޮށް ކޮންމެ ދުވަހަކު ކާ ކުކުޅުގެ މިންވަރު ދުވާލަކު އެއް ފަހަރަށް މަދުކުރުމަށް، ކާބޯތަކެތީގެ ރައްކާތެރިކަމާ ބެހޭ ތަޖުރިބާކާރަކު ލަފާދެއްވައިފިއެވެ. މިކަމުގެ ބޭނުމަކީ ކުރިމަގުގައި ކާބޯތަކެތީގެ އަގުތަކަށް އަތުވެދާނެ ކުއްލި ބަދަލުތަކުން ސަލާމަތްވުމާއި، ގައުމުގެ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމެވެ. ދުނިޔޭގެ ނިސްބަތުން ބަލާއިރުވެސް މެލޭޝިއާއަކީ އެންމެ ގިނައިން ކުކުޅު ކާ އެއް ގައުމެވެ. އެހެންކަމުން، ކުކުޅަށް އޮންނަ ޑިމާންޑު ކުޑަކުރުމަކީ މުޅި އިގުތިސާދަށް އޭގެ ހެޔޮ އަސަރު ކުރާނެ ކަމެއް ކަމަށް އެ ގައުމުގެ ތަޖުރިބާކާރުން ފާހަގަކުރެއެވެ. މި ލަފާ ދެއްވާފައިވަނީ ޔުނިވާސިޓީ ޕުޓްރާ މެލޭޝިއާ (ޔޫޕީއެމް) ގެ އިންސްޓިޓިއުޓް އޮފް ޓްރޮޕިކަލް އެގްރިކަލްޗާ އެންޑް ފުޑް ސެކިއުރިޓީގެ ޑިރެކްޓާ، ޕްރޮފެސާ ޑރ. އަންޖަސް އަސްމަރާއެވެ. ގައުމީ ކާބޯތަކެތީގެ ރައްކާތެރިކަމާ ގުޅޭގޮތުން ދާދި ފަހުން ބޭއްވި ޕޮޑްކާސްޓެއްގައި ވާހަކަދައްކަވަމުން އޭނާ ވިދާޅުވި ގޮތުގައި، ދުނިޔޭގެ އެހެން ގައުމުތަކާ އަޅާބަލާއިރު މެލޭޝިއާގެ ރައްޔިތުން ކުކުޅު ބޭނުންކުރާ މިންވަރު އާދަޔާޚިލާފަށް މައްޗެވެ. އަދި މިއީ ދިގު މުއްދަތެއްގައި ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްގެންދެވޭނެ އާދައެއް ނޫން ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ. ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ބޮލަކަށް ޖެހޭ ނިސްބަތުން ދުނިޔޭގައި ތިންވަނައަށް އެންމެ ގިނައިން ކުކުޅު ކަނީ މެލޭޝިއާގައެވެ. އެ ގައުމުގެ ކޮންމެ މީހަކު އަހަރެއްގެ މައްޗަށް އެވްރެޖްކޮށް 49 ކިލޯގްރާމްގެ ކުކުޅު ކައެވެ. މެލޭޝިއާއަށް ވުރެ ގިނައިން ކުކުޅު ކަނީ ހަމައެކަނި އެމެރިކާ އަދި އިސްރާއީލުގައެވެ. މި އަދަދުތައް އަވަށްޓެރި ގައުމުތަކާ އަޅާބަލާއިރު ވަރަށް ބޮޑުތަން ތަފާތެވެ. މިގޮތުން، ތައިލެންޑުގައި އަހަރެއްގެ މައްޗަށް މީހަކު ކަނީ އެވްރެޖްކޮށް 18 ކިލޯގްރާމްގެ ކުކުޅެވެ. އަދި އިންޑޮނޭޝިއާގައި މި އަދަދު އުޅެނީ 19 ކިލޯގްރާމްގައެވެ. މިއިން ދައްކައިދެނީ މެލޭޝިއާގެ ކެއިންބުއިމުގެ ސަގާފަތުގައި ކުކުޅު ހިފާފައިވާ މިންވަރެވެ. ޑރ. އަންޖަސް ވިދާޅުވި ގޮތުގައި، މެލޭޝިއާގެ ކެއުމުގެ އާދަތަކުގެ ތެރެއަށް ކުކުޅު މިހާ ބޮޑަށް ވަދެފައިވަނީ، އެއީ ޕްރޮޓީން ލިބޭ އެންމެ އަގުހެޔޮ އަދި އެންމެ ފަސޭހައިން ލިބެން ހުންނަ ބާވަތަށް ވުމުންނެވެ. ރަތް މަހާއި ގިނަ ބާވަތްތަކުގެ މަހަށް ވުރެ ކުކުޅުގެ އަގު ހެޔޮވުމަކީ މީގެ މައިގަނޑު އެއް ސަބަބެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި، ގިނަ މީހުންނަށް ނޭނގި ނަމަވެސް ދުވާލަކު ތިންއިރު ކުކުޅު ކެވެއެވެ. މިސާލަކަށް، ހެނދުނުގެ ނާސްތާއަށް ކުކުޅާއެކު ނާސި ލެމަކް ކެއުމާއި، މެންދުރު ކެއުމަށް ޗިކަން ރައިސް ކެއުމާއި، އަދި ރޭގަނޑުވެސް ކުކުޅު އެކުލެވޭ ކޮންމެވެސް ބާވަތެއް ކެއުން އާންމުވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. ޔޫޕީއެމްގެ ތަޖުރިބާކާރުގެ ހުށަހެޅުއްވުމަކީ ވަރަށް ސާދާ ހުށަހެޅުއްވުމެކެވެ. އެއީ ކުކުޅު ކާ މިންވަރު މަދުކުރުމެވެ. އޭނާ ވިދާޅުވި ގޮތުގައި، މެލޭޝިއާގެ ރައްޔިތުން ދުވާލަކު ތިންއިރު ކުކުޅު ކެއުމުގެ ބަދަލުގައި އެއް އިރަށް އެކަން ބަދަލުކޮށްފިނަމަ، މުޅި މާކެޓުގައި ކުކުޅަށް އޮންނަ ޑިމާންޑު ވަގުތުން ދަށަށް ދާނެއެވެ. މީގެ ސަބަބުން ސަޕްލައިއަށް އޮންނަ ޕްރެޝަރު ކުޑަވެ، އަގުތައް އެއްވަރެއްގައި ހިފެހެއްޓުމަށް މަގުފަހިވެގެންދާނެއެވެ. މިއީ ހަމައެކަނި ފަރުދީ ފެންވަރުގައި ކުރެވޭނެ ކަމެއް ނޫން ކަމަށާއި، މުޅި މުޖުތަމައުގެ ވިސްނުން ބަދަލުކުރަންޖެހޭ ކަމެއް ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ. މި ލަފާ ދެއްވާފައިވަނީ، ދުނިޔޭގެ ކާބޯތަކެތީގެ ސަޕްލައި ޗޭނަށް އަންނަ ބުރޫއެރުންތަކުގެ ސަބަބުން މެލޭޝިއާއަށް ކުރިމަތިވެދާނެ ނުރައްކާތަކާ ގުޅޭގޮތުން ތަޖުރިބާކާރުން އިންޒާރުދެމުންދާ ދަނޑިވަޅެއްގައެވެ. ޑރ. އަންޖަސް ވަނީ ރަޝިއާ-ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން ކުކުޅުގެ އަގަށް އައި ބޮޑު ބަދަލު މިސާލެއްގެ ގޮތުގައި ނަންގަވާފައެވެ. މެލޭޝިއާއަކީ ޔޫކްރެއިނުން ކުކުޅު އެތެރެކުރާ ގައުމަކަށް ނުވި ނަމަވެސް، އެ ހަނގުރާމައިގެ ސަބަބުން ޔޫރިއާ ގަސްކާނާގެ ސަޕްލައިއަށް ބުރޫއެރިއެވެ. މިއީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޒުވާރި ހެއްދުމަށް ބޭނުންކުރާ މުހިންމު ބާވަތެކެވެ. މެލޭޝިއާގެ ފޮޓޯއެއް/ ބްލޫމްބާގް ގަސްކާނާގެ އަގު ބޮޑުވުމާއެކު، ކުކުޅު ކާނާގެ މައިގަނޑު ބާވަތް ކަމަށްވާ ޒުވާރީގެ އަގު އުފުލިގެން ދިޔައެވެ. ކުކުޅު ކާނާގެ އަގު ބޮޑުވުމުން، ކުކުޅު ގެންގުޅޭ ފަރާތްތަކުގެ ހިންގުމުގެ ޚަރަދު ބޮޑުވެ، އޭގެ ނަތީޖާއެއްގެ ގޮތުން އާންމު ރައްޔިތުންނަށް ކުކުޅު ގަންނަން ލިބޭ އަގުވެސް ބޮޑުވެގެން ދިޔައެވެ. މިއީ އަދިވެސް ކަންބޮޑުވުން އޮތް މައްސަލައެކެވެ. ސަބަބަކީ މެލޭޝިއާގެ ކުކުޅު ފާމްތަކުގައި ބޭނުންކުރާ ޒުވާރީގެ ގާތްގަނޑަކަށް 90 އިންސައްތައަކީ ބޭރު ގައުމުތަކުން އެތެރެކުރާ ޒުވާރި ކަމަށް ވުމެވެ. އެހެންކަމުން، މެލޭޝިއާގެ ކުކުޅުގެ ސިނާއަތް ވަނީ ދުނިޔޭގެ މާކެޓުތަކަށް ވަރަށް ބޮޑަށް ބަރޯސާވެފައެވެ. މި ބަރޯސާވުމުގެ ސަބަބުން، ބޭރުން ގެންނަ ކާނާގެ ފެންވަރު ދަށްވުމުން ކުކުޅުތައް ބޮޑުނުވުމުގެ މައްސަލަތަކާވެސް ދަނޑުވެރިންނަށް ކުރިމަތިލާންޖެހުނު ކަމަށް ރިޕޯޓުތައް ބުނެއެވެ. ބޭރު ގައުމުތަކަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށްޓަކައި، މެލޭޝިއާގެ ރައްޔިތުން ކެއުމުގައި ތަފާތު ބާވަތްތައް ބޭނުންކުރުން އިތުރުކުރަންޖެހޭ ކަމަށް ޑރ. އަންޖަސް ވިދާޅުވިއެވެ. ޚާއްސަކޮށް ޕްރޮޓީން ލިބޭ އެހެން ބާވަތްތައް، މިސާލަކަށް ގަސްގަހާގެހިން އުފައްދާ ޓެމްޕޭ ފަދަ ކާނާ ބޭނުންކުރުމަށް އޭނާ ބާރުއެޅުއްވިއެވެ. ޓެމްޕޭއަކީ ސޯޔާ ބީންސް ފާމެންޓްކޮށްގެން ތައްޔާރުކުރާ، ޕްރޮޓީން ގިނަ އަދި އަގުހެޔޮ ބާވަތެކެވެ. މީގެ އިތުރުން، މެލޭޝިއާގެ ސިއްހަތާ ބެހޭ ވުޒާރާއިން ޕްރޮމޯޓުކުރާ “ސުކު-ސުކު ސެޕާރު” (ތަށީގެ ހަތަރުބައިކުޅަ އެއްބައި ޕްރޮޓީން) މޮޑެލްއާ އެއްގޮތަށް ކެއުން ބައްޓަންކުރުމަށްވެސް ތަޖުރިބާކާރުން ލަފާދެއެވެ. ކެއުމުގެ އާދަތައް ބަދަލުކުރުމަކީ ވަގުތު ނަގާނެ ކަމެއް ނަމަވެސް، ކުކުޅަށް އޮންނަ ޑިމާންޑު ކުޑަކުރުމަކީ ކުރިމަގުގައި ސަޕްލައިއަށް އަތުވެދާނެ ކުއްލި ލޮޅުންތަކުން މެލޭޝިއާ ސަލާމަތްވުމަށް އެޅޭނެ ވަރަށް މުހިންމު ފިޔަވަޅެއްކަން އޭނާ ފާހަގަކުރެއްވިއެވެ. މެލޭޝިއާގެ ސަރުކާރުން މިހާރު ދަނީ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ގައުމުގެ އެތެރޭގައި ޒުވާރި ހެއްދުމުގެ ބޮޑު މަޝްރޫއެއް ފެށުމަށް ތައްޔާރުވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ