ރައްޔިތުން މަޖިލީހުގެ ބިލެތްދޫ ދާއިރާގެ ޖޭޕީ މެންބަރު އަހްމަދު މުބީން އަށް ހަމަލާދީ ޒަހަމް ކޮށްލައިފި އެވެ.
ޖޭޕީގެ ތަރުޖަމާން އަލީ ޞާލިހް ވަގުތަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މުބީން އަށް ހަމަލާ ދީފައި ވަނީ އެމްޑީޕީގެ "ޖަޒްބާތު ޖަގަހަ" ކައިރީގައި ހުންނަ ކެފޭއެއްގެ ދޮރުމަތީގައި ހުންނަވަނިކޮށް ކަމަށެވެ.
މުބީންގެ ކަންކަށި މަތީގައި އެމީހާ ދެފަހަރު ޖެހުމުގެ ސަބަބުން ލޯ ދުޅަވެ އޭނާގެ ބޮލަށް އެނބުރުން އެރި ކަމަށް އަލީ ޞާލިހް ވިދާޅުވި އެވެ.
އަލީ ޞާލިހް ވިދާޅުވީ މުބީން އަށް ހަމަލާ ދިނީ ކާކުކަން ނޭންގޭ ކަމަށާއި "އެކަމަކު ބެލެވޭ ގޮތުގައި އެއީ ޖަޒްބާތު ޖަގަހައިން ނުކުތް" މީހެއް ކަމަށެވެ.
އެނގިފައިވާ ގޮތުގައި ޖަޒްބާތު ޖަގަހައިގައި މީގެ ކުރިން އެމްޑީޕީގެ ހަރަކާތްތަކެއް ހިންގި ނަމަވެސް މިހާރު އެޕާޓީގެ އެއްވެސް ހަރަކާތެއް އެޖަގަހައިގައި ނުހިންގާތާ ދުވަސްތަކެއް ވެއްޖެ އެވެ.
ވަގުތަށް މައުލޫމާތު ދެއްވަމުން އަލީ ޞާލިހް ވިދާޅުވީ ޤާނޫނު އަސާސީން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ސަލާމަތާއި ރައްކާތެރިކަން ދިނުން ލާޒިމް ކޮށްފައިވީ ނަމަވެސް އެރައްކާތެރިކަން ނުލިބޭތީ ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށެވެ. އޭނާ ވަނީ މަޖިލިސް މެންބަރުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ސަލާމަތީ ބާރުތަކަށް ގޮވާލާފައެވެ. އަދި މުބީން އަށް ހަމަލާދިން މައްސަލަ ބެލުމަށް ވެސް އޭނާ ގޮވާލިއެވެ.
"ޖޭޕީ މެންބަރުންނަށް އެކަންޏެއް ނޫން. އެއްވެސް ޕާޓީއެއްގެ އެއްވެސް މެންބަރަކަށް ދެރަގޮތެއް ވާކަށް އަޅުގަނޑުމެން ނޭދެން." އަލީ ޞާލިހް ވިދާޅުވި އެވެ.
ބިލެތްދޫ ދާއިރާގެ މެންބަރަށް ހަމަލާދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ