ގާނޫން އަސާސީއާއި ގާނޫންތަކާއި އެއްގޮތަށް ވެރިކަން ކުރައްވަން އުދަގޫނަމަ ގާނޫން އަސާސީއަށް ބަދަލުނުގެނެސް ރައީސުލްޖުމްހޫރިއްޔާގެ މަގާމުން އިސްތިއުފާދިނުމަށް ރައީސް ޔާމީނަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ގޮވާލައްވައިފިއެވެ.
ގާސިމް އިބްރާހިމް މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ ދުސްތޫރީ އޮނިގަނޑު ފަރުމާކުރެވިފައިވަނީ "ޑެޑްލޮކް" އަކަށް ކަމަށް ވިދާޅުވެ ދިވެހި ދުސްތޫރީ ހިންގުން ބައްޓަންވެފައިވާ ގޮތުން ސަރުކާރުގެ މަސައްކަތަށް ހުރަސްއަޅައި، ދައުލަތް ހުއްޓުމަކަށް ގެނެވޭނޭ ފަދަ މަގުތަކެއް ނުވަތަ ފުރުސަތުތަކެއް ދުސްތޫރީ އޮނިގަނޑުގައި ފަހިވާ ކަމަށް ވިދާޅުވެ ރައީސް ޔާމީން ދެއްކެވި ވާހަކަތަކަށް މިރޭ ރައްދު ދެއްވަމުންނެވެ.
ގާސިމް އިބްރާހިމް ވިދާޅުވީ ރާއްޖޭގައި އޮތީ ތިން ބާރު ވަކިވެފައިވާ ވަރަށް ފުރިހަމަ ނިޒާމެއްކަމަށާ ވެރިކަން ކުރަންޖެހޭނީ އެ ނިޒާމުގެ ތެރެއިންކަމަށެވެ. ވެރިކަން ކުރުމަށް ބޭފުޅަކާއި ގައުމުގެ ޒައާމަތު ހަވާލުކުރަނީ ގާނޫން އަސާސީއާއި އެއްގޮތަށްކަމަށާ ގާނޫން އަސާސީއާއި އެއްގޮތަށް ވެރިކަން ކުރަން އުނދަގޫނަމަ އޮތީ ގާނޫން އަސާސީއަށް ބަދަލުނުގެނެސް ރައީސުލްޖުމްހޫރިއްޔާގެ މަގާމުން އިސްތިއުފާދިނުންކަމަށެވެ.
އެހެންކަމުން ގާސިމް އިބްރާހިމް ވަނީ ރައީސް ޔާމީނަށް ގާނޫން އަސާސީގައި އޮތްގޮތަށް ވެރިކަން ކުރައްވަން ދަތިފުޅުނަމަ މަގާމުން އިސްތިއުފާދިނުމަށް ގޮވާލައްވާފައެވެ.
ގާސިމް ވިދާޅުވީ ވެރިކަން ކުރަން ހުންނަ މީހަކު ބޭނުންހާގޮތަކަށް ގާނޫން އަސާސީއަށް ބަދަލު ނުގެނެވޭނެކަމަށާ ގާނޫން އަސާސީ އޮތްގޮތުން ވެރިކަން ކުރައްވަން ދަތިކަމަށް ވިދާޅުވެ ވާހަކަދެއްކެވުމަކީ ލަދުވެތިވާންޖެހޭކަމެއްކަމަށެވެ.
މި ޖަލްސާގައި ގާސިމް އިބްރާހިމް ވަނީ މަޖިލީހުގެ 6 މެންބަރެއްގެ ގޮނޑި ގެއްލިފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާތީ އެކަމާއި ގުޅޭގޮތުންވެސް ވާހަކަދައްކަވާފައެވެ.
ގާސިމް އިބްރާހިމް ވިދާޅުވީ މެންބަރުންގެ ގޮނޑީގެ މައްސަލައަކީ ވަރަށް ސާފު މައްސަލައެއްކަމަށާ މެންބަރުންގެ ގޮނޑި ގެއްލޭނެ އެއްވެސް ހާލަތެއް މެދުވެރިވެފައިނުވާކަމަށެވެ. ކުރިން ކައުންސިލަރުން ޕާޓީ ބަދަލުކުރުމުގެ މައްސަލާގައިވެސް ސުޕްރީމްކޯޓުން ހުކުމެއް އިއްވާފައިވާކަމަށާ މަޖިލީސް މެންބަރުންގެ މައްސަލާގައިވެސް އެކޯޓުން އަދުލްވެރި ހުކުމެއް އިއްވާނެކަމަށް އުންމީދުކުރައްވާކަމަށް ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ ސުޕްރީމް ކޯޓުން މެންބަރުންގެ ގޮނޑި ގެއްލޭނެ ހާލަތެއް ކަނޑައަޅާ ނެރުނު ހުކުމުން ޖުލައި މަހުގެ 13 ވަނަ ދުވަހުގެ ކުރިން ޕާޓީން ވަކިވުމަށް ސިޓީ ހުށައަޅާފައިވާ އެއްވެސް މެންބަރެއްގެ ގޮނޑި ނުގެއްލޭނެކަން ސާފުކޮށް އިނގޭކަމަށެވެ.
މި ޖަލްސާގައި ގާސިމް ވަނީ މެންބަރުކަން ގެއްލިފައިވަނިކޮށް މަޖިލީހުގެ އިދާރާއަށް ވަދެވަޑައިގެންފައިވާކަމަށް ވިދާޅުވެ ހައްޔަރުކޮށްފައިވާ މަޖިލީހުގެ މެންބަރުންތައް ވަގުތުން ދޫކޮށްލުމަށް ގޮވާލައްވާފައެވެ.
ގާސިމް ވިދާޅުވީ މެންބަރުން ނުހައްގުން ޖަލަށްލާފައިވާތީ މިހާރުން މިހާރަށް އެ މެންބަރުން ދޫކޮށްލުމަށް ގޮވާލައްވާކަމަށެވެ. ގާސިމް ވިދާޅުވީ ފުލުހުން އެދުނުނަމަވެސް އަދި އެހެން ފަރާތަކުން އެދުނު ނަމަވެސް ގާނޫނީ އިމުން ބޭރުން މެންބަރުން އަދި އާންމު ރައްޔިތުން ޖަލުގޮޅީގައި ބަންދުކުރުމަށް ފުރުސަތު ނުދެެއްވުމަށް ކޯޓްތަކަށް ގޮވާލައްވާކަމަށެވެ.
ފަނޑިޔާރުންނަށްވެސް ޖަލުގެ ކުޑަގޮޅީގައި 24 ގަޑިއިރު ހުންނަވަން ޖެހިވަޑައިގެން ނަމަވެސް މިކުރެވޭ ކަންކަމުގެ ނުރަނގަޅުކަން އެނގިގެންދާނެކަމަށް ގާސިމް ވިދާޅުވިއެވެ.
ވެރިކަން ނުކުރެވޭނަމަ އިސްތިއުފާދީ: ގާސިމް އިބްރާހިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ