މޫސުން އެންމެ ގޯސްވާނީ އުތުރުގެ އަތޮޅުތަކަށް، 50 މޭލަށް ވައި ގަދަވާނެ

ކުރިޔަށް އޮތް 24 ގައި އެންމެ ބޮޑަށް ވިއްސާރަ ކުރާނީ އުތުރުގެ އަތޮޅުތަކަށް ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފި އެވެ.
މެޓް އޮފީހުން ބުނީ މިހާރު ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރައިގަ ގަދަ ވަޔާއި އެކު ބޯކޮށް ވާރޭވެހޭނެ ކަމަށެވެ. މިހާތަނަށް ރެކޯޑު ކުރެވިފައިވާގޮތުގައި ބޯކޮށް ވާރޭވެހި އެންމެ ވައި ގަދަވެފައިވަނީ އުތުރުގެ އަތޮޅުތަކަށެވެ.
އެގޮތުން އިއްޔެ ހެނދުނު 8:00 ން މިއަދު ހެންދުނު 8:00 އަށް ހދ. ހަނިމާދޫއަށް 52 މިލިމީޓަރުގެ ވާރޭވެހިފައިވާއިރު ބ. ދަރަވަންދޫއަށް 127 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށެވެ. އަދި ދަރަވަންދޫއަށް 50 މޭލުގެ ބާރު މިނުގައި ވައި ޖެހިފައިވާއިރު މާލެއަށް 47 މޭލު ބާރު މިނުގައި ވައި ޖެހިފައިވާ ކަމަށެވެ.
މެޓް އޮފީހުން ލަފާ ކުރާގޮތުގައި ކުރިޔަށް އޮތް 24 ގަޑިއިރު ތެރޭވެސް ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ އެވެ. އަދި ވިލާގަނޑުގައި 50 މޭލަށް ވައި ގަދަވާނެ އެވެ.
މެޓް އޮފީހުން މޫސުމަށް އާންމުން ސަމާލުކަން ދިނުމަށާއި ކަނޑު ދަތުރުފަތުރު ކުރުމުގައި ސަމާލުވުމަށް އިލްތިމާސްކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ