ދުޅަހެޔޮ ނޫން އާދަތަކުގެ ސަބަބުން ހިތުގެ އުމުރު އަވަހަށް މަތިވެދާނެ ކަމަށް ފަހުގެ ދިރާސާއަކުން ދައްކައިފިއެވެ.
އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް އީސްޓް އޭންގްލިއާގެ ނޯވިޗް މެޑިކަލް ސްކޫލުގެ ކާޑިއޮލޮޖިސްޓެއް ކަމުގައިވާ ޑރ. ޕަންކަޖް ގާގްގެ އިސްނެންގެވުމުގެ ދަށުން ކުރެވުނު ދިރާސާއަކުން ދައްކާގޮތުގައި ދުޅަހެޔޮ ނޫން އާދަތަކުގެ ސަބަބުން ހިތުގެ އުމުރު އަވަހަށް މަތިވެދާނެ އެވެ.
މި ދިރާސާގައި ބަލާފައި ވަނީ ސްޓްރެސް، މަތީ ފެޓް އެކުލެވޭ ކާނާ ބޭނުންކުރުމާއި އަދި ކަސްރަތު ނުކުރުން ފަދަ ކަންކަމުގެ ސަބަބުން ހިތުގެ އުމުރު މައްޗަށް ދިއުމުގެ މައްސަލައަށެވެ. މިގޮތުން އެމްއާރްއައި ސްކޭން ބޭނުންކޮށްގެން ހިތުގެ މަސައްކަތްކުރާ މިންވަރަށް ބަލައި، ހިތުގެ އުމުރު ވަޒަންކުރެވިދާނެ ކަމަށް ދިރާސާއިން ދައްކައެވެ.
"55 އަހަރުގެ މީހަކަށް އޭނާގެ ހިތް 65 އަހަރުގެ މީހެއްގެ ހިތެކޭ އެއްފަދަ ކަމަށް ބުނުމަކީ އެ މީހަކު ބްލަޑް ޕްރެޝަރު ކޮންޓްރޯލް ކުރުމަށާއި، ބަރުދަން ލުއިކުރުމަށާއި، އިތުރަށް ކަސްރަތު ކުރުމަށް ބާރުއަޅާ ކަމަކަށް ވެދާނެ،" ގާގް ވިދާޅުވި އެވެ.
މީގެ އިތުރުން، 30 އާއި 40 އަހަރާ ދެމެދުގެ ގިނަ ބަޔަކު ދެކޭގޮތުގައި ހިތުގެ ބަލިތަކަކީ ހަމައެކަނި އުމުރުން ދުވަސްވީ މީހުންނަށް ޖެހޭ ބައްޔެކެވެ. ނަމަވެސް، ނުރަނގަޅު ކާނާ ބޭނުން ކުރުމާއި ސްޓްރެސް އާއި އިށީނދެ އުޅުމުގެ އާދަތަކުގެ ސަބަބުން ޒުވާނުންގެ ހިތުގެ އުމުރުވެސް މައްޗަށް ދެ އެވެ. އެހެންކަމުން، ޒުވާން އުމުރުގައި ހިތުގެ ސިއްހަތަށް ސަމާލުވުމަކީ މުހިންމު ކަމެއް ކަމަށް ޑޮކްޓަރުން ބުނެ އެވެ.
ހިތުގެ މަސައްކަތްކުރާ އުމުރު އަވަހަށް މަތިވަމުންދާކަން ދެނެގަތުމަކީ ނުބައި އާދަތައް ދޫކޮށްލައި، ހިތުގެ ސިއްހަތަށް ސަމާލުވުމަށް ބާރުއަޅާ ކަމަކަށް ވެދާނެ ކަމަށް ސައިންޓިސްޓުން ބުނެ އެވެ.
ހިތުގެ މަސައްކަތްކުރާ އުމުރު ބެލުމަށްޓަކައި ސައިންޓިސްޓުން ބަލަނީ ހިތުން ލޭ ޕަންޕުކުރާ މިންވަރާއި ސްޓްރެސްގެ ދަށުގައި ހިތުގެ އޮނިގަނޑު ހުންނަ ގޮތެވެ. މި މިންގަނޑުތައް ހުންނަނީ ޅަ އުމުރުގެ މީހެއްގެ ހިތާ އެއްގޮތަށް ނަމަ، އެ މީހެއްގެ ހިތް، ވަރަށް ރަނގަޅު ހާލަތެއްގައި ހުރި ކަމަށް ބެލެވެ އެވެ. ނަމަވެސް، މި މިންގަނޑުތައް ހުންނަނީ އުމުރުން ދުވަސްވީ މީހެއްގެ ހިތާ އެއްގޮތަށް ނަމަ، އެ މީހެއްގެ ހިތަށް މައްސަލަތަކެއް ކުރިމަތިވަމުންދާ ކަމަށް ބެލެވެ އެވެ.
ހިތުގެ މަސައްކަތްކުރާ އުމުރު ދެނެގަތުމަކީ ހިތުގެ ބޮޑެތި މައްސަލަތައް ކުރިމަތިވުމުގެ ކުރިން އެކަމަށް ފަރުވާ ހޯދުމަށް ލިބޭ ފުރުސަތެއް ކަމަށް ވެސް ޑޮކްޓަރުން ބުނެ އެވެ. މިގޮތުން، ހިތުގެ މަސައްކަތްކުރާ އުމުރު އަވަހަށް މަތިވަމުންދާކަން އެނގުމުން، ދިރިއުޅުމުގެ ވައްޓަފާޅި ބަދަލުކުރުމަށާއި ބޭސް ބޭނުންކުރަން ފެށުމަށް ބާރުއެޅިދާނެ އެވެ.
"މިއީ ހިތް ދުޅަހެޔޮކަމާއެކު ގިނަ ދުވަހު ބޭއްވުމަށް ލިބުނު ވަރަށް މުހިންމު ކުރިއެރުމެއް، މި އާ ވިސްނުމުގެ ސަބަބުން މުޅި ދުނިޔޭގައި ހިތުގެ ބަލިތައް ދެނެގަތުމުގެ ގޮތްތައް އިތުރަށް ހަރުދަނާވެގެންދާނެ" ގާގް ވިދާޅުވިއެވެ.
މި ދިރާސާގެ ނަތީޖާތަކުން ހިތުގެ ބަލިތަކަށް ފަރުވާ ދިނުމުގެ ގޮތްތަކަށް ބަދަލުތަކެއް އަތުވެދާނެ ކަމަށް ބެލެވެ އެވެ. އަދި މީހުންގެ "ހިތުގެ މަސައްކަތްކުރާ އުމުރު" އެމީހުންނަށް އަންގައިދިނުމަކީ އެ މީހުން ދުޅަހެޔޮ ދިރިއުޅުމެއް އިޚްތިޔާރު ކުރުމަށް ބާރުއަޅާ ކަމަކަށް ވެދާނެ ކަމަށްވެސް ދިރާސާގެ ހޯދުންތަކުން ދައްކައެވެ.
މިއީ އޯޕަން ޔޫރަޕިއަން ހާޓް ޖާނަލްގައި ޝާއިއުކޮށްފައިވާ ދިރާސާއެކެވެ.
ސިއްހަތަށް ނުރަނގަޅު އާދަތަކުގެ ސަބަބުން ހިތުގެ އުމުރު އަވަސްވޭ ސިއްހަތަށް ނުރަނގަޅު އާދަތަކުގެ ސަބަބުން ހިތުގެ އުމުރު އަވަސްވޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ