ރާއްޖޭގެ ފުރަތަމަ ސްޓޫޑަންޓް ޑެބިޓް ކާޑް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ތަޢާރަފުކޮށްފިއެވެ. މި ކާޑަކީ 7 އަހަރުން މަތީގެ ދަރިވަރުންނަށް އަމާޒުކޮށްގެން، ފައިސާ ޚަރަދުކުރުމުގައި ޒިންމާދާރު ގޮތްތަކަކަށް ކުޑަކުދިން އަހުލުވެރިކުރުވައި، މާލީ މިނިވަންކަން ދަސްކޮށްދިނުމުގެ މަޤްޞަދުގައި ތަޢާރަފުކޮށްފައިވާ ކާޑެކެވެ.
ވިސާ ޑެބިޓް ކާޑެއްގެ ގޮތުގައި ދޫކުރާ މި ކާޑަކީ އެއްވެސް ފީއެއް ނުނަގާ ކާޑެކެވެ. މި ކާޑު މެދުވެރިކޮށް ރާއްޖެއާއި ރާއްޖެއިން ބޭރުގައި މުޢާމަލާތްކުރެވޭނެއެވެ. އަދި ދަރިވަރުން މި ކާޑުން ކުރާ މުޢާމަލާތްތަކަށް އަހަރަކު އެއްފަހަރު ރިބޭޓެއް ދިނުމަށް ހަމަޖެހިފައިވެއެވެ. އެގޮތުން އަހަރެއްގެ ތެރޭ ކުރާ ޖުމްލަ ޚަރަދުގެ 0.5 އިންސައްތަ ކޮންމެ ކުއްޖެއްގެ ސޭވިންގ އެކައުންޓަށް ބޭންކުން ޖަމާކޮށްދޭނެއެވެ.
ބެލެނިވެރިންނަށް މި ކާޑުގެ އެކައުންޓަށް ފައިސާ ފޮނުވައި، ޚަރަދުކުރުމުގައި އިރުޝާދު ދީ، ދަރިވަރުން ކާޑު ބޭނުންކުރާ ގޮތް ބެލެހެއްޓޭނެއެވެ. ބެލެނިވެރިންގެ ބީއެމްއެލް މޮބައިލް ބޭންކިންގ އެޕް މެދުވެރިކޮށް މި ކާޑަށް އެދި ހުށަހެޅުމުގެ އިތުރުން، ކާޑު ފްރީޒްކުރުމާއި އަންފްރީޒްކުރުން އަދި ބްލޮކްކޮށް ޕިން ބަދަލުކުރުން ފަދަ ޚިދުމަތްތައް ލިބޭނެއެވެ.
"މި ކާޑު ފަރުމާ ކޮށްފައިވަނީ ދަރިވަރުންނަށް ބޭނުންވާނެ ކަންކަން ހިމަނައިގެން، އަދި ދަރިވަރުން ފުރާވަރަށް އެރުމުގެ ކުރިން ހަރުދަނާކަމާއި ޒިންމާދާރުކަމާއެކު ފައިސާ މެނޭޖްކުރަން ދަސްކޮށްދިނުމަށް," ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވިއެވެ.
މި ކާޑު ފަރުމާކޮށްފައިވަނީ ދެ އުމުރުފުރާއަކަށް ބަހާލައިގެން ދެ ޑިޒައިނަކަށެވެ. އެއީ 7 އަހަރާއި 12 އަހަރާ ދެމެދުގެ ދަރިވަރުންނަށާއި، 13 އަހަރާއި 17 އަހަރާ ދެމެދުގެ ދަރިވަރުންނަށެވެ. ސެކިއުރިޓީ އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން އޮންލައިން އަދި މަތީ އަދަދުތަކުގެ މުޢާމަލާތްތަކަށް ބެލެނިވެރިންގެ ރަޖިސްޓަރކޮށްފައިވާ ފޯނު ނަންބަރަށް ވަން ޓައިމް ޕާސްވޯޑް (އޯޓީޕީ) ބޭންކުން ފޮނުވާނެއެވެ.
ރާއްޖޭގެ ފުރަތަމަ ސްޓޫޑަންޓް ޑެބިޓް ކާޑް ބީއެމްއެލް އިން ތަޢާރަފުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ