ކޮރަޕްޝަނާ ދެކޮޅަށް ކުރާ މަސައްކަތުގައި ޒިންމާދާރުކަމާއެކު ބައިވެރިވުމަށް ސިޔާސީ އިދިކޮޅު ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގޮވާލައްވައިފިއެވެ.
ސަރުކާރުގެ ޑިޖިޓަލް ޓްރާންސްފޮމޭޝަން ސިޔާސަތުތައް ތަންފީޒުކުރުމަށް އެކުލަވާލާފައިވާ "މޯލްޑިވްސް 2.0" އާ ގުޅޭގޮތުން ބައެއް ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކާ ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސް މުޢިއްޒު ވިދާޅުވެފައިވަނީ، ކޮރަޕްޝަން ނައްތާލުމަށް މަސައްކަތެއް ފަށާއިރަށް ސިޔާސީ އިދިކޮޅު ފަރާތްތަކުން އެކަމާ ދެކޮޅު ހަދަމުންދާ ސަބަބާމެދު ސުވާލު އުފެދޭ ކަމަށެވެ.
"މޯލްޑިވްސް 2.0 އަކީ ދައުލަތުގެ ނިޒާމުގެ ތެރެއިން ކޮރަޕްޝަން ނައްތާލަން އެޅޭ އެންމެ ބޮޑު ފިޔަވަޅު،" ރައީސް މުޢިއްޒު ވިދާޅުވިއެވެ. އަދި މިއީ ކޮންމެ ރައްޔިތަކަށް އެ ރައްޔިތެއްގެ މަޢުލޫމާތުގެ ފުރިހަމަ ކޮންޓްރޯލާއި ބާރުވެރިކަން ލިއްބައިދޭނެ ނިޒާމެއް ކަމަށްވެސް ވިދާޅުވިއެވެ.
ރައީސް މުޢިއްޒު އިތުރަށް ފާހަގަކުރެއްވި ގޮތުގައި މި ނިޒާމަކީ ދެ ފުށް ފެންނަ، އަވަސް، ލުއި ފަސޭހަ އަދި ޚިދުމަތުގެ ފެންވަރު މަތީ ނިޒާމެކެވެ. އަދި މި ނިޒާމުގެ ސަބަބުން ކޮރަޕްޝަން މަދު ޤައުމުތަކުގެ ލިސްޓުގައި ރާއްޖޭގެ ދަރަޖަ މަތިވެގެންދާނެ ކަމަށާއި، ޕްރެސް ފްރީޑަމް އިންޑެކްސްގައިވެސް ރާއްޖޭގެ ދަރަޖަ މަތިވެގެންދާނެ ކަމަށް ވިދާޅުވިއެވެ.
"މީ ރައްޔިތުން އެދޭ އަމާޒު. މި އަމާޒަށް ވާސިލް ވުމަށް ކުރާ ދަތުރުގައި، އަޅުގަނޑުމެން ކުރިޔަށް ދާނީ ރައްޔިތުންނާ ގާތުން، ރައްޔިތުންނާ އެކު،" ރައީސް މުޢިއްޒު ވިދާޅުވިއެވެ. އަދި މި ދަތުރުގައި ޒިންމާދާރުކަމާއެކު ބައިވެރިވުމަށް ސިޔާސީ އިދިކޮޅު ފަރާތްތަކަށްވެސް ގޮވާލައްވާފައިވެއެވެ.
ކޮރަޕްޝަނާ ދެކޮޅަށް ކުރާ މަސައްކަތުގައި ޒިންމާދާރުކަމާއެކު ބައިވެރިވުމަށް ސިޔާސީ އިދިކޮޅު ފަރާތްތަކަށްވެސް ގޮވާލަން: ރައީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ