ގާޒީ ނިހާނަށް އައިޖީއެމްއެޗްގައި ފަރުވާ ދީފި

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ހައްޔަރުކުރަން އަމުރެއް ނެރުނު މައްސަލައިގައި 17 އަހަރަށް ޖަލަށްލާފައިވާ މާމިގިލީ ކޯޓުގެ މެޖިސްޓްރޭޓް އަހްމަދު ނިހާން މާލެ ގެނެސް ޑޮކްޓަރަށް ދައްކައިފިއެވެ.
ނިހާން މިއަދު އައިޖީއެމްއެޗްގެ ޑޮކްޓަރަކަށް ދެއްކި ނަމަވެސް ޑޮކްޓަރަށް ދެއްކި ސަބަބެއް އެނގިފައެއް ނުވެއެވެ.
ނިހާންގެ މައްޗަށް މިޙުކުމް އައީ ދައުލަތުން އޭނާގެ މައްޗަށް އުފުލި ހަތަރު ދައުވާގެ ތެރެއިން ޓެރަރިޒަމްގެ އަމަލެއް ކުރަން އުޅުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ ސާބިތުވެގެންނެވެ.
މިދައުވާގެ އިތުރުން އޭނާގެ މައްޗަށް އުފުލާފައިވާ އަނެއް ތިން ދައުވާގެ ޙުކުމް އަދި ނީއްވައެވެ.
ނިހާންގެ މައްޗަށް އިއްވި ޙުކުމުގައި ބުނެފައި ވަނީ މާމިގިނލީ ކޯޓުގައި އެ ކޯޓުގެ ލެޕްޓޮޕެއް ބޭނުންކޮށްގެންނިހާން ކޯޓު އަމުރެއް ޑައުންލޯޑްކުރިކަން ސާބިތުވާ ކަމަށާއި އެ އަމުރަށް ބަދަލު ގެނައިކަން ވެސް ސާބިތުވާ ކަމަށެވެ. އަދި އެފަދަ އަމުރެއް ނެރުމުގެ ނުރައްކާތެރިކަމާ މެދު ނިހާން ވާހަކަ ދައްކާފައިވާކަން ވެސް ހެކިންގެ ހެކިބަހުން އެނގޭ ކަމަށް ޙުކުމުގައި ވެއެވެ.
މިމައްސަލައިގައި ހެކިބަސް ދިން މީހުން ވަނީ އަމުރު ނެރުމަކީ "ވަރަށް ރިސްކީ" ކަމެއް ކަމަށް ނިހާން ބުނި ކަމަށް ހެކިބަސް ދީފައެވެ. ނިހާން އެހެން ބުނި ކަމަށް ވަނީ އަމުރު ތައްޔާރުކުރުމަށް ފަހު ކޯޓުން ބޭރަށް ނިކުމެ ކަމަށް ވެއެވެ.
މިމައްސަލައިގައި ކުރީގެ ޕީޖީ މުހްތާޒް މުހްސިން ވެސް 17 އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ