މަޖިލީހުން ގޮތެއް ނިންމަންދެން އެލްޖީއޭގެ މެމްބަރު ޝުޖާއު ސަސްޕެންޑުކޮށްފި

ލޯކަލް ގަވަރުމަންޓު އޮތޯރިޓީ (އެލްޖީއޭ)ގެ ބޯޑު މެމްބަރު ޝުޖާއު ހުސައިންގެ ސުލޫކީ މައްސަލަތަކެއް ހުރި ކަމަށް ފެންނާތީ އޭނާއާ މެދު ރައްޔިތުންގެ މަޖިލީހުގެ ތަޅުމުން ގޮތެއް ނިންމަންދެން ސަސްޕެންޑު ކުރަން ގައުމީ ސަލާމަތުގެ ކޮމިޓީން ނިންމައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ތިން މެމްބަރަކު ސޮއިކުރައްވަައި ގައުމީ ސަލާމަތުގެ ކޮމިޓީއަށް ހުށަހެޅި އެ މައްސަލަ ބަލައި ނިންމި ގޮތުގެ ރިޕޯޓުގައި ބުނެފައި ވަނީ ޝުޖާއުގެ މައްޗަށް އޮތް އިތުބާރު ކޮމިޓީއަށް ގެއްލިފައިވާ ކަމަށާއި އޭނާ އެލްޖީއޭގެ ބޯޑު މެމްބަރުކަމުން ވަކި ކުރެއްވުމަށް ކޮމިޓީއަށް ފެންނަ ކަމަށެވެ. ނަމަވެސް ޝުޖާއު އެލްޖީއޭގެ ބޯޑު މެމްބަރު ކަމުން ވަކި ކުރެއްވޭނީ ރައްޔިތުންގެ މަޖިލީހަށް ކަމަށްވާތީ މަޖިލީހުގެ ތަޅުމުން އޭނާއާ މެދު ގޮތެއް ނިންމަވަންދެން އެލްޖީއޭގެ ބޯޑު މެމްބަރު ކަމުން އޭނާ ސަސްޕެންޑު ކުރުމަށް ގައުމީ ސަލާމަތުގެ ކޮމިޓީން ވަނީ ނިންމަވާފައި އެވެ.
މިގޮތަށް ނިންމާފައި ވަނީ އެ ވަގުތު ކޮމިޓީއަށް ހާޒިރުވެވަޑައިގެންނެވި މެމްބަރުންގެ އަގުލަބިއްޔަތުން ނެވެ.
ޝުޖާއުއާ ގުޅޭ ގޮތުން ގައުމީ ސަލާމަތުގެ ކޮމިޓީއަށް ހުށަހެޅުނު މައްސަލާގައި އެލްޖީއޭ އިން އޭނާއާ ގުޅޭ ގޮތުން ކޮމިޓީއަށް ހުށަހަޅާފައިވާ ލިޔުންތައް ދިރާސާކޮށް މެމްބަރުންގެ މެދުގައި މަޝްވަރާ ކުރައްވާފައިވެ އެވެ.
އެލްޖީއޭގެ ބޯޑު މެމްބަރު ޝުޖާއު ސަސްޕެންޑު ކުރަން ގައުމީ ސަލާމަތު ކޮމިޓީން ނިންމަވާފައިވާއިރު ސުލޫކީ މައްސަލަތައް އުޅޭ ކަމަށް އެ ބޯޑުގެ ބައެއް އެހެން މެމްބަރުންނަށް ފާހަގަ ކުރެވިފައި ވާތީ އެކަން އެލްޖީއޭ އިން ވެސް އެ މައްސަލަ ބަލާފައި އެވެ.
ޝުޖާއުއާ ގުޅޭ ގޮތުން އެލްޖީއޭ ބޯޑުގެ އެހެން މެމްބަރުންނަށް ފާހަގަކުރެވިފައިވާ ކަންކަމުގެ ތެރޭގައި، އެލްޖީއޭގެ ކަންކަމުގައި މީޑިއާ އަށް މައުލޫމާތު ދެއްވާނީ އެލްޖީއޭގެ ރައީސް ކަމަށް ބޯޑުން ފާސް ކުރައްވާފައި ވަނިކޮށް އެލްޖީއޭގެ ހިންގާ ގަވާއިދާއި އެލްޖީއޭ އިން މީޑިއާއަށް މައުލޫމާތު ދިނުމާ ބެހޭ އުސޫލުތަކާ ހިލާފަށް އެލްޖީއޭގެ ނަމުގައި މީޑިއާގައި ވާހަކަ ދެއްކުން ހިމެނެ އެވެ.
އެލްޖީއޭއަކީ ބަލިކަށި އަދި ބޭކާރު އިދާރާއެއްކަމަށް ދައްކައި ޝޯޝަލް މީޑިއާގައި ވާހަކަ ދެއްކުން ހިމެނެ އެވެ. ލޯކަލް ގަވަރމަންޓު އޮތޯރިޓީގެ ރައީސްގެ އަބުރަށް ހުތުރުވާފަދަ ވާހަކައާއި މަންޒަރު ޝޯޝަލް މީޑިއާގައި ހިއްސާކުރުމަކީ ވެސް ޝުޖާއުއާ ގުޅޭގޮތުން އެލްޖީއޭ ބޯޑުގެ އެހެން މެމްބަރުންނަށް ފާހަގަކުރެވިފައިވާ ކަމެކެވެ. މީގެއިތުރުން ޝުޖާއު ވަނީ ކ. ކާށިދޫން އެލްޖީއޭއަށް ފޮނުއްވި ސިޓީ އަކަށް އަމިއްލައަށް ޖަވާބު ދެއްވައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ