މިލަދޫގެ ހިދާޔާ ސްކޫލް މުވައްޒަފެއްގެ ބަރަހަނާ މަންޒަރުތަކެއް ލީކުވި މައްސަލައެއް ބަލަން ފަށައިފި

ނ. މިލަދޫގައި ހުންނަ ހިދާޔާ ސްކޫލްގެ އަންހެން މުވައްޒަފަކު އަމިއްލައަށް ނަގައިފަ ހުރި ކަމަށް ބެލެވޭ ބަރަހަނާ ފޮޓޯތަކެއް ރަށު ތެރެއަށް ލީކުވުމާ ގުޅިގެން އެ އަންހެން މުވައްޒަފު ވަކިކޮށްދިނުމަށް އެދި ސްކޫލަށާއި މިލަދޫ ކައުންސިލަށް ބެލެނިވެރިޔަކު މައްސަލަ ހުށަހަޅައިފި އެވެ.
އެ ބެލެނިވެރިޔާ ނަން ނުޖެހުމަށް ޝަރުތުކޮށް މިއަދު ބުނީ، މިދިޔަ ހަފުތާގެތެރޭ ރަށު ތެރެއަށް ލީކުވި އެ ބަރަހަނާ މަންޒަރުތަކުން ފެންނަނީ ހިދާޔާ ސްކޫލްގެ އެޑްމިނިސްޓްރޭޓިވް އޮފިސަރެއްގެ މަގާމުގައި މަސައްކަތްކުރާ ޒުވާން އަންހެން ކުއްޖެއް ކަމަށެވެ. އަދި އެ ފޮޓޯތައް ނަގައިފައިވަނީ އޭނާގެ އަމިއްލަ ރުހުމުގައި އޭނާ ދިރިއުޅޭ ގޭގެ ކޮޓަރިތެރޭގައި ކަމަށް ވެސް އޭނާ ބުންޏެވެ.
އޭނާ ބުނި ގޮތުގައި، ސްކޫލަށް މައްސަލަ ހުށަހެޅީ ރަށު ތެރޭ އެ ފޮޓޯތައް އާއްމުވެ، އަދި ހިދާޔާ ސްކޫލުގައި ކިޔަވާ ގިނަ ދަރިވަރުންތަކެއްގެ ފޯނުގައި ވެސް އެ ފޮޓޯތައް ގެންގުޅެން ފެށުމުން ކަމަށެވެ.
"ގްރޭޑް 8، 9، 10 ގެ ދަރިވަރުންގެ ފޯނުތަކުގައި ވެސް ގެންގުޅޭ އެ ފޮޓޯތައް. އެއީ އެއްވެސް ގޮތަކަށް އަޅުގަނޑުމެންނަށް ގަބޫލުކުރެވޭނެ ކަމެއް ނޫން. އެހެންވެ ސްކޫލަށާއި މިލަދޫ ކައުންސިލް އިދާރާއަށް އަޅުގަނޑު މައްސަލަ ހުށަހެޅީ،" އޭނާ ބުންޏެވެ.
މިކަމާ ގުޅޭ ގޮތުން މިލަދޫ ކައުންސިލް އިދާރާއަށާއި ހިދާޔާ ސްކޫލަށް ގުޅުމުން ބުނީ، އެ މައްސަލަ މީހަކު ހުށަހަޅައިފައިވާ ކަމަށާއި އެކަން ބަލައިދިނުމަށް އެދި ފުލުހުންނަށް މިހާރު ހުށަހަޅައިފައިވާ ކަމަށެވެ.
ފުލުހުން ވެސް ވަނީ އެ މައްސަލަ ބަލަމުންދާކަން ސަން އަށް ކަށަވަރުކޮށްދީފަ އެވެ.
ހިދާޔާ ސްކޫލްގެ އިސް އޮފިޝަލަކު ވިދާޅުވީ، މި މައްސަލަ ފެންމަތިވިއިރު އެ އަންހެން މުވައްޒަފު ހުރީ އަހަރީ ޗުއްޓީގަ ކަމަށެވެ. އޭނާގެ މައްސަލަ މިހާރު ގައުމީ އިދާރާއަށް ވެސް ހުށަހަޅައިފައިވާ ކަމަށާއި މައްސަލަ ވަކިގޮތަކަށް ނިމެންދެން އޭނާ ސަސްޕެންޑް ކުރަން ޖެހިދާނެ ކަމަށް އެ އޮފީހުން ބުނެފައިވާ ކަމަށް ވެސް އޮފިޝަލު ވިދާޅުވި އެވެ.
ނަމަވެސް، އަދި މިހާތަނަށް ވަކި ފިޔަވަޅެއް އަޅައިފައެއް ނުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ