ސުޕްރީމް ކޯޓު: ރައީސް ޔާމީނުގެ ޝަރުތު ހަމަވާކަމަށް ނުބެލެވޭނެ

އިދިކޮޅު އިއްތިހާދުގެ ލީޑަރު ރައީސް ޢަބްދުﷲ ޔާމީނުގެ މައްޗަށް ކުރިމިނަލް ކޯޓުން ހުކުމެއް އިއްވާފައިވާތީ އެމަނިކުފާނަށް ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމުގެ ޝަރުތު ހަމަނުވާކަމަށް ދެކެވަޑައިގަންނަވާކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުޢޫދުގެ ރައުޔާގައި ބަޔާންކުރައްވައި, އެކަމަށް ސުޕްރީމް ކޯޓުގެ ހުރިހާ ފަނޑިޔާރުން ތާއީދުކުރައްވައިފިއެވެ.
ރައީސް ޔާމީނުގެ ފަރާތްޕުޅުން އެމަނިކުފާނުގެ ކެންޑިޑެސީއާމެދު ގޮތެއް ނިންމުމަށް ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގައި، އެންމެ ފުރަތަމަ ރައުޔަ ބަޔާންކުރެއްވީ ހުސްނުއްސުއޫދެވެ. ސުއޫދު ވިދާޅުވެފައިވަނީ ރައީސް ޔާމީނުގެ މައްޗަށް ސާބިތު ދަރަންޏެއް އޮންނާނެ ކަމަށެވެ. ރައީސް ޔާމީނުގެ ކެންޑިޑެސީ ބަލައިނުގަނެވޭނެކަމަށް ނިންމައި އިލެކްޝަންސް ކޮމިޝަނުން ފުރަތަމަ ފޮނުވި ލިޔުމުގައި ސާބިތު ދަރަންޏެއްގެ ވާހަކަ ނެތެވެ. ނަމަވެސް ފަހުން އިލެކްޝަންސް ކޮމިޝަނުންވަނީ އިތުރު ލިޔުމެއް ފޮނުވައި ސާބިތު ދަރަންޏެއް އޮތުމާއި ޖަލުތަކާއި ޕެރޯލުގެ ޤާނޫނުގެ މާއްދާއަކަށް ހަވާލާދީ ރައީސް ޔާމީނުގެ ކެންޑިޑެސީ ބަލައިނުގަތުމަށް ފުރަތަމަ ދެއްކި ސަބަބުގެ އިތުރަށް ދެ ސަބަބު ދައްކާފައެވެ.
ސާބިތު ދަރަނީގެ މައްސަލާގައި ފަނޑިޔާރު ހުސްނުއްސުއޫދު ވިދާޅުވީ، ރައީސް ޔާމީނުގެ މައްޗަށް ކުރިމިނަލް ކޯޓުން އިއްވި ހުކުމުގައި ހިމަނާފައިވާ 5 މިލިއަން ޑޮލަރުގެ ޖޫރިމަނާއަކީ ސާބިތު ދަރަންޏެއް ކަމަށެވެ. އެގޮތުން ސުޕްރީމް ކޯޓުގެ ކުރީގެ ނިންމުމެއްގައި އެއްވެސް ފަރާތަކަށް މީހަކު ދައްކަންޖެހި ނުދައްކައި ފައިސާއެއް ހުރިނަމަ އެ ފައިސާއަކީ ދަރަންޏެއް ކަމުގައި ބަލަންޖެހޭނެ ކަމުގައެވެ. އަދި އޭގެ އިތުރަށް ޖޫރިމަނާގެ އަދަބެއް އިސްތިއުނާފުކުރުމަކީ އެ ޖޫރިމަނާއަކީ ދަރަންޏަކަށްނުވާނެ ސަބަބެއްވެސް ނޫންކަމަށް ފަނޑިޔާރު ސުއޫދުގެ ރައުޔާގައި ބަޔާންކުރައްވާފައިވެއެވެ.
ދެވަނަ ކަމެއްގެ ގޮތުގައި އޮތީ 12 މަސްދުވަހަށްވުރެ ދިގު ހުކުމަކީ ނިހާއީ ހުކުމެއްކަމުގައިނުވާނަމަ އޭނާއަށް އިންތިޚާބަށް ކުރިމަތިލުމުގެ ޙައްޤު އޮންނާނެކަމުގައި ވިދާޅުވެ ރައީސް ޔާމީނުގެ ފަރާތްޕުޅުން ހުށަހެޅުއްވި ނުކުތާއެވެ. އެ ނުކުތާގައި ރައީސް ޔާމީނުގެ ފަރާތްޕުޅުން ހަވާލާދެއްވާފައިވާ ސުޕްރީމް ކޯޓުގެ ކުރީގެ ހުރިހާ ނިންމުންތަކާމެދު ސުއޫދު ވިދާޅުވެފައިވަނީ އެއިން ކޮންމެ ނިންމުމެއް އެހެން މައްސަލަތަކުގައި ތަޠުބީޤުކުރުމުގައި އެ ނިންމުމާ އެ މައްސަލައެއްގެ ވާޤިއާތަކާ ގުޅޭ މިންވަރަށް ރިއާޔަތްކުރަންވާނެ ކަމަށެވެ.
އެގޮތުން ރައީސް ޔާމީނުގެ ފަރާތްޕުޅުން ހަވާލާދިން ސުޕްރީމް ކޯޓުގެ އެއްވެސް ނިންމުމަކީ އެމަނިކުފާނުގެ މައްސަލައިގެ ވާޤިއާތަކާ ގުޅުންހުރި ނިންމުންތަކެއް ނޫންކަމަށް ދެކެވަޑައިގަންނަވާ ކަމަށާއި، އެހެންކަމުން އެ ނިންމުންތަކުގައި ކަނޑައަޅާފައިވާ ޤާނޫނީ އުސޫލުތަކާއި މަބްދައުތައް އެމަނިކުފާނުގެ ކެންޑިޑެސީގެ މައްސަލައަށް ތަޠުބީޤުކުރެވިދާނެ ފަދަ ޙާލަތެއް އޮންނާނެ ކަމުގައި ދެކެވަޑައިނުގަންނަވާ ކަމުގައިވެސް ޙުސްނުއްސުޢޫދު ކަނޑައެޅުއްވިއެވެ.
އަދި އިންތިޚާބުތަކުގައި ވާދަކުރުމަށް ޤާނޫނު އަސާސީގައި ކަނޑައަޅާފައިވާ ޝަރުޠުތައް އެ ޝަރުޠުތަކުގެ މާނަ ގެއްލޭނެ ގޮތަށް މާނަކުރުމުގެ ބާރު ސުޕްރީމް ކޯޓަށް ލިބިގެންނުވާކަމަށާއި، ރައީސް ޔާމީނު އެދިވަޑައިގެންފައިވަނީ ޤާނޫނު އަސާސީގައި ރައީސުލްޖުމްހޫރިއްޔާކަމަށް ކުރިމަތިލާ މީހުންގެ ޝަރުޠުތަކުގެ ތެރޭގައި ބަޔާންކޮށްފައިވާ، 12 މަހަށްވުރެ ދިގު ނޫން ޖަލު ހުކުމެއްގެ މާނައަކީ ކޯޓަކުން އިއްވައި ތަންފީޒުކުރަމުން އަންނަ ހުކުމުގެ މާނައިން ބޭރުން، ނިހާއީ ހުކުމެއްގެ މާނައަށް މާނަކުރެއްވުމަށް ކަމުގައި ކަމަށް ސުއޫދު ވިދާޅުވިއެވެ.
ސުޕްރީމް ކޯޓުގެ ކުރީގެ ނިންމުމެއްގައިބ އެފަދަ ގޮތަކަށް އެ ޝަރުތުތައް އޭގެ މާނައަށްވުރެ ފުޅާކޮށް މާނަކުރުމަކީ ނުކުރެވޭނެކަމެއްކަމަށް ސީދާ އޭނާ ނިންމަވާފައިވާފައިވާކަމަށާއި، އެ ނިންމެވުމަކީ، ރާއްޖޭގެ ޤާނޫނު އަސާސީގެ ކަރާމާތް ނެގެހެއްޓުމަށް ދަމަހައްޓަންޖެހޭ ނިންމުމެއް ކަމުގައި ދެކެވަޑައިގަންނަވާކަމަށް ސުއޫދު ވިދާޅުވިއެވެ. އެކަންކަން ބަޔާންކުރައްވައި ސުއޫދު ވިދާޅުވީ އެ ސަބަބުތަކުގެ މައްޗަށް ބިނާކޮށް ރައީސް ޔާމީނުގެ ކެންޑިޑެސީ ފޯމު ބަލައިނުގަތުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ ރަނގަޅަށް ކަމުގައި ސުއޫދު ވިދާޅުވިއެވެ.
ސުއޫދުގެ ރައުޔައަށް ސުޕްރީމް ކޯޓުގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ ހުރިހާ ފަނޑިޔާރުން ތާއީދުކުރައްވައި އެ މައްސަލަ ނިންމާފައިވަނީ ރައީސް ޔާމީނުގެ މައްޗަށް ހުކުމެއް އޮތުމާއެކު، ސާބިތު ދަރަންޏެއް އޮތުމުން އިންތިޚާބުގައި ވާދަނުކުރެއްވޭނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ