ރާއްޖޭގެ ދަރަނި ނުދެއްކިއްޖެ ނަމަ، ރައްޔިތުން "ހަނާ" ވާނެ ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމް އިއްޔެ ވިދާޅުވެއްޖެއެވެ.
އަންނަ ހޮނިހިރު ދުވަހު އޮންނަ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ފުވައްމުލައް ސިޓީ އަށް ވަޑައިގެން އެ ރަށުގައި ބޭއްވެވި ޖަލްސާގައި ގާސިމް ވިދާޅުވީ ރިޔާސީ އިންތިހާބުގައި ކުރިމަތިލައްވަން ނިންމެވީ ގައުމުގެ ސަލާމަތާއި އަމާންކަމާއި އަހުލާގު ގެއްލި، އިސްލާމް ދީނުގެ ހަމަތަކުން ނެއްޓި މުޅި ގައުމު ފަނާވަމުންދާތީ ކަމަށެވެ. އަދި މިނިވަންކަމާއި އިސްތިގްލާލް ގެއްލިގެން ދަނީ ބޭރުގެ ސިފައިން މިތަނުގައި ތިބީމަ ކަމަށް ގާސިމް ވިދާޅުވިއެވެ.
ރާއްޖެ ދަރަނިވެރިވެ، ފައިސާ ނުދެއްކުނީމަ ހިނގާނީ ކޯޓުގައި ވެސް ހިނގާ އުސޫލު ކަމަށް ގާސިމް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި 1965 ގައި އިބްރާހިމް ނާސިރްގެ ވެރިކަމުގައި ހާރިޖީ މިނިވަން ކަން ލިބިވަޑައިގެންނެވި އިރު، ސިޔާސީ މިނިވަން ކަން ލިބިވަޑައިގަތީ 2008 ގައި ކަމަށެވެ.
ރާއްޖެ އަށް މިހާތަނަށް ލިބުނު ކުރިއެރުމެއް ލިބުނީ ގާނޫނުއަސާސީގެ ސަބަބުން ކަމަށާއި ލޯންތަކާއި ތަރައްގީ އާ އެއްޗެހި ލިބުނީ އެ ސަބަބާ ހުރެ ކަމަށް ގާސިމް ވިދާޅުވިއެވެ.
"އެހެންވީމަ ބޮޑު ސިންގާ އަނގުރު އަލިފާންގަނޑަކަށް ވެއްޓިގެންދާ ތަން ބަލަހައްޓައިގެން ހުންނަން ހިތަށް ކުޅަދާނަ ނުވާތީ ނުކުންނެވީ،" ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވި ގޮތުގައި ރިޔާސީ އިންތިހާބަށް ނުކުންނެވީ އޭނާ އަށް ލިބިވަޑައިގެންފައި ހުންނެވި އެއްޗެހި މަދުވެގެން ނޫނެވެ. ރިޔާސީ ރޭހަށް ނުކުމެ ހުންނެވީ ދިވެހިންނަށް ސަލާމަތާއި އަމާންކަން ހޯދައި ދިނުމަށް ކަމަށް ވެސް ގާސިމް ވިދާޅުވިއެވެ.
"މާތް ﷲ ގެ ވާގިފުޅާ އެކު މި މަހުގެ 9 ގައި ލާ ވޯޓުގައި ދިވެހި ރައްޔިތުން އަޅުގަނޑު ހޮއްވަވައިފި ނަމަ، އެކަން ސާބިތުކޮށްދޭނަން. މި ގައުމު ރޯޝަނީ، ބާއްޖަވެރި ތަނަކަށް ހަދައި ދޭނަން،" ގާސިމް ވިދާޅުވިއެވެ.
ގާސިމްގެ ވާހަކައިގައި ވަނީ ވޯޓުލާ އިރު، ކުލައަށާއި ބޮޑަށް ނޫނީ ކުޑައަށް ނުބެއްލެވުމަށް އެދިވަޑައިގެންފައެވެ.
ދަރަނި ނުދެއްކިއްޖެ ނަމަ، ރައްޔިތުން ވާނީ ހަނާ: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ