މަސްވެރިކަމުގެ ދާއިރާއަށް ގެންނަ އިސްލާހުތަކަށް ހުރަސްއެޅުމަކީ އެއްވެސް މީހަކަށް ފައިދާވާނެ ކަމެއް ނޫން: ރައީސް

މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ހުރަސްއެޅުމަކީ އެއްވެސް ފަރާތަކަށް ފައިދާވާނެ ކަމެއް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ މަސްވެރިކަމުގެ ދާއިރާއަށް ހާއްސަކޮށްގެން ކުރިއަށްގެންދިޔަ 'ދަ ޕަލްސް' ޕޮޑްކާސްޓްގެ ދެވަނަ އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރާ ހަވާލުވީ އިގްތިސާދީ ގޮތުން ދަތި ދަނޑިވަޅެއްގައި ކަމަށާއި، ނަމަވެސް މަސްވެރިކަމުގެ ސިނާއަތް އާރާސްތުކުރުމަށް ސަރުކާރުން ހުރިހާ މަސައްކަތެއް ކުރަމުންދާ ކަމަށެވެ. މިގޮތުން، މަސްވެރިންނަށް ވެފައިވާ ވައުދުތައް ފުއްދުމަށް ކުރާ މަސައްކަތަށް ހުރަސްއެޅުމަކީ އެއްވެސް މީހަކަށް މަންފާއެއް ކުރާނެ ކަމެއް ނޫންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މަސްވެރިކަމުގެ ސިނާއަތް ހަރުދަނާކުރުމަށް ސަރުކާރުން އިސްކަންދޭކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ހިންގުން ހަރުދަނާކުރުމަށް ކުރާ މަސައްކަތުން މިހާރުވެސް ރަނގަޅު ނަތީޖާތަކެއް ފެންނަން ފަށާފައިވާ ކަމަށެވެ. އަދި މަސް ކިލޯއެއްގެ އަގު 20 ރުފިޔާގައި ހިފެހެއްޓުމަށް ސަރުކާރުން ވީ ވައުދު ތަކުރާރުކުރައްވައި، ކުރިއަށް އޮތް ތަނުގައި މި އަގު އިތުރަށް ބޮޑުކުރެވޭނެ ކަމުގެ އުންމީދު އޮތް ކަމަށްވެސް ވިދާޅުވިއެވެ.
ބައިނަލްއަގުވާމީ މާކެޓުގައި ދިވެހި މަސްވެރިކަމަށް ހުރި ފުރުސަތުތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އިނގިރޭސިވިލާތުން ދިވެހި މަހުގެ ބާވަތްތަކަށް ދީފައިވާ ޓެރިފް އިނާޔަތްތައް ދެމެހެއްޓުމަށް ސަރުކާރުން މަސައްކަތް ކުރާނެ ކަމަށެވެ. މިއީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަށް ލިބިފައިވާ މުހިންމު ފުރުސަތެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.
މަސްވެރިންގެ ހުރި ކަންބޮޑުވުންތަކަށް އިޝާރާތް ކުރައްވައި ރައީސް ވިދާޅުވީ، މަހަށް ރަނގަޅު އަގު ހޯދައިދިނުމަށްޓަކައި މިފްކޯގެ ދައުރު އިތުރަށް ފުޅާކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. މި މަސައްކަތްތައް ކުރިއަށްދާނީ މަސްވެރިންގެ މަޝްވަރާއާ އެކުގައި ކަމުގެ ޔަގީންކަންވެސް އެމަނިކުފާނު ދެއްވިއެވެ. މީގެ އިތުރުން، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މަސްވެރިކަމުގައި އުޅޭ މީހުންގެ އަދަދު މަދުވަމުންދާ ދިއުން ބަދަލުކުރުމަށްވެސް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.
މިހާތަނަށް މަސްވެރިކަމުގެ ދާއިރާއިން ހޯދިފައިވާ ކުރިއެރުންތަކާ މެދު ހިތްހަމަޖެހޭކަން ހާމަކުރައްވަމުން ރައީސް ވިދާޅުވީ، މާލޭގައި ޒަމާނީ މަސް މާރުކޭޓެއް ތަރައްގީކުރުމަށް ހުރި ގޮންޖެހުންތަކަށްވެސް ސަރުކާރުން ހައްލު ހޯދައިދޭނެ ކަމަށެވެ. އަދި ދައުލަތުގެ ކުންފުނިތައް ހަރުދަނާކުރުމަށް ކުރާ މަސައްކަތުގެ ސަބަބުން މުޅި އިގްތިސާދަށާއި މަސްވެރިކަމުގެ ސިނާއަތަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ