ގެދޮރުވެރިން ސްކީމުގެ ނަމުގައި މަކަރާއި ހީލަތުން ފައިސާ ހޯދާ މައްސަލަތައް އިތުރުވެ، ސަމާލުވުމަށް އިލްތިމާސްކޮށްފި

ސަރުކާރުގެ ގެދޮރުވެރިން ޕްރޮގްރާމުގެ ނަމުގައި އޮޅުވާލައިގެން ފައިސާ ހޯދުމަމުންދާތީ އެކަމަށް ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފިއެވެ.
ފުލުހުން މިއަދު ބުނީ އެކި ދުވަސްވަރާ ދިމާކޮށް ފްލެޓު ލިބިފައިވާ ކަމަށްބުނެ ފޯނަށް ގުޅައިގެންނާއި މެސެޖު ނުވަތަ އީމެއިލްކޮށްގެން މަކަރާއި ހީލަތުން އެކި މީހުންގެ އަތުން ފައިސާ ހޯދަމުންދާ މައްސަލަތަކަކީ ފުލުހުންނަށް ހުށަހެޅެމުންދާ މައްސަލަތަކުގައި ހިމެނޭ ބާވަތެއް ކަމަށެވެ.
ސަރުކާރުން މިހާރު އިއުލާންކޮށްފައިވާ ގެދޮރުވެރިން ހައުސިން ސްކީމުގެ ދަށުން ފުލެޓު ލިބިފައިވާ ލިސްޓާ ގުޅިގެން ހީލަތްތެރިންގެ މަކަރާއި އޮޅުވާލުން އިތުރުވުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި އެހެންކަމުން އެފަދަ ފަރާތްތަކުގެ ކިބައިން ސަލާމަތްވުމަށްޓަކައި ސައްހަ މައުލޫމާތު ހޯދައި، އެމީހުން ބޭނުންކުރާ އުކުޅުތަކާ ގުޅޭ މައުލޫމާތު އެއްކޮށް، މަކަރާއި ހީލަތުން ފައިސާ ހޯދުމަށް ހިންގާ ސްކޭމްތައް ދެނެގަތުމަކީ ރައްކާތެރިކަމުގެ ގޮތުން އެޅޭނެ އެންމެ މުހިންމު ފިިޔަވަޅު ކަމަށް ފުލުހުން ބުންޏެވެ.
އޭގެ އިތުރުން "ފޮރެކްސް ޓްރޭޑިން" އިން ފައިދާ ހޯދައިދޭނެ ކަމަށް ބުނެ، މަކަރާއި ހީލަތުން ފައިސާ ހޯދާ މައްސަލަތައް އިތުރުވެފައިވާކަން ފާހަގަކޮށް، ފުލުހުން ވަނީ އެކަމަށް ސަމާލުވުމަށް ވެސް އިލްތިމާސްކޮށްފައެވެ.
ފުލުހުން ހިއްސާކުރި މައުލޫމާތުތަކުން އެނގޭ ގޮތުގައި އެ ސްކޭމް އެންމެ ބޮޑަށް ހިންގަނީ އިންސްޓަގްރަމާއި ފޭސްބުކް މެދުވެރިކޮށެވެ. އެފަދަ ސްކޭމްތައް ހިންގަނީ އަސްލު މީހުންގެ އެކައުންޓުތަކުގައި ހުންނަ ފޮޓޯތައް ވަގަށް ނަގައިގެންނެވެ.
ފުލުހުން ބުނީ އެކެއްގެ ނަމުގައި އެފަދަ ބައިވަރު އެތައް އެކައުންޓެއް ސޯޝަލް މީޑިއާގައި ހުންނަ ކަމަށާއި ނަމަވެސް އެކި އެކައުންޓުތަކުގައި ހުންނަނީ އެކި މީހުންގެ ފޮޓޯ ކަމަށެވެ. އަދި އެ އެކައުންޓުތަކުން ބޭނުންކުރަމުންދަނީ އާންމުކޮށް ދިވެހިންނަށް ކިޔައި އުޅޭ ނަންތައް ކަމަށް ވެސް ފުލުހުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ