ހަންކެޑެގައި އާ މަޝްރޫއެއް ހިންގަން ފުރުސަތު ދިނީ ތުރުކީގެ އިންވެސްޓަރަކަށް: ރައީސް
މިދިޔަ އޮކްޓޯބަރު މަހުގެ ކުރީކޮޅު ސަރުކާރަށް އައްޑޫގެ ހަންކެޑެ ނެގުމަށްފަހު އާ މަޝްރޫއެއް ހިންގަން ސަރުކާރުން ހުޅުވާލި ފުރުސަތުގައި ތުރުކީގެ އިންވެސްޓަރަކަށް ފުރުސަތުދީފައިވާ ކަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ހާމަކުރައްވައިފިއެވެ. އައްޑޫ ރައްޔިތުންނާ އެކު އެ ސިޓީގެ ހިތަދޫގައި މިރޭ ބޭއްވި ބައްދަލުވުމުގައި ރައީސް ވިދާޅުވީ، މީގެ ކުރިން މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން (އެމްއެފްއެމްސީ)އާ ހަވާލުކުރުމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ނެރުއްވި ގަރާރު އުވާލައްވައި އަލުން ފުރުސަތު ހުޅުވާލެއްވީ މި ސަރުކާރުން އެކަމުގައި ދޮޅު އަހަރު ހޭދަކުރުމަށްފަހު، ފައިސާގެ ކަންކަން ހަމަނުޖެހި ދިގުލައިގެން ދިއުމުން، ދާއިމީ ހައްލެއް ގެނައުމުގެ މަގްސަދުގައި ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، އެގޮތަށް ހުޅުވާލި ފުރުސަތުގައި ތުރުކީގެ އިންވެސްޓަރަކު ހުށަހެޅި ޕްރޮޕޯސަލެއް ޓޫރިޒަމް މިނިސްޓްރީން ބަލައިގަނެ، ހަންކެޑެ މަޝްރޫއު ހަވާލުކުރިކަމުގެ ސިޓީ އެ އިންވެސްޓަރަށްދީ، އަންނަ ޑިސެމްބަރު މަހުގެ ހަތްވަނަ ދުވަހުގެ ނިޔަލަށް އެކުއިޒިޝަން ކޮސްޓް ދައްކަން ފުރުސަތުދީފައިވާނެ ކަމަށެވެ. "ޓޫރިޒަމް މިނިސްޓަރު އަޅުގަނޑަށް މިއަދުވެސް ޔަގީންކަން ދެއްވި، އެ ބޭފުޅުން އެބަ މަސައްކަތްކުރެޔޭ ހަފުތާއެއްހާ ދުވަސްތެރޭގަ ވެސް އެ ޕޭމެންޓް ހަދަން، ހެދިއްޖިއްޔާ ލީސް އެގްރީމަންޓްގައި ސޮއިކުރާނެ، އޭގެ ތެރެއިން އެ ބޭފުޅުން އެބަ ހަދާ މަދުވެގެން 1،000 އެނދުގެ ޓޫރިޒަމް ޕްރޮޖެކްޓެއް އެތަނުގަ،" އެއީ ޖުމްލަ 3،000 އެނދުގެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހިކަމަށް ރައީސް ވިދާޅުވިއެވެ. އައްޑޫ ސިޓީގައި އިންޓަގްރޭޓެޑް ޓޫރިސްޓު ރިސޯޓެއް ތަރައްގީކުރަން 2021 ވަނަ އަހަރު އެމްއެފްއެމްސީއާ ހަވާލުކުރުމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ނެރުއްވި ގަރާރު އުވާލައްވައި ރައީސް އާ ގަރާރެއް ނެރުއްވީ މިދިޔަ އޮކްޓޯބަރު މަހުގެ ފުރަތަމަ ދުވަހުގައެވެ. އެހެންވެ، ހަންކެޑެ ސަރުކާރުގެ ޓޫރިޒަމް ރިއަލް އެސްޓޭޓް ޑިވެލޮޕްމަންޓް ޕްރޮޖެކްޓެއް ހިންގާ ސަރަޙައްދެއްގެ ގޮތުގައި ކަނޑައަޅައި 2021ގެ ޑިސެންބަރުގައި ކުރީ ސަރުކާރުގައި ނެރުނު ރައީސްގެ ޤަރާރު، އުވައިލައިފައިވާކަމަށް އެ އޮފީހުން ބުންޏެވެ. އަދި މި ނިންމެވުމާއެކު ފަތުރުވެރިކަމުގެ އާ މަޝްރޫއެއް ހިންގުމަށް އެ ރަށް މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓާ ހަވާލުކޮށްފައިވާކަމަށް އެ އޮފީހުން ބުންޏެވެ. ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގައި ވަނީ ހަންކެޑެ ތަރައްގީ ކުރަން, ޗައިނާ ނޭޝަނަލް އިލެކްޓްރިކަލް އިންޖިނިއަރިން ކޮމްޕެނީ (ސީއެންއީއީސީ) އާ ހަވާލުކޮށްފައެވެ. އިންޓަގްރޭޓެޑް ޓޫރިޒަމަށް ތަރައްގީ ކުރަން ހަންކެޑެ މަޝްރޫއު އެ ސަރުކާރުން އިއުލާނު ކުރީ، 2023 ވަނަ އަހަރުގެ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއާ ދިމާކޮށް އެ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ. އެ މަޝްރޫއު ނިމުމުން، އެ ތަން އޮންނާނެ ގޮތުގެ ކުރެހުންތަކެއް ވެސް އޭރު ވަނީ ދައްކާލައިފައެވެ. އެހެން ނަމަވެސް އެ ސަރުކާރު ނިމުނު އިރު ވެސް ހަންކެޑެ ތަރައްގީކުރުމަށް މަސައްކަތްތަކެއް ކުރެވިފައެއްް ނުވެއެވެ. އޭގެ ފަހުން މި ސަރުކާރުން، މީގެ ތިން މަސް ކުރިން ވަނީ، ރާއްޖޭގައި ހަލާލް ޓޫރިޒަމް ތަރައްގީކުރާ ހަ ސަރަހައްދުގެ ތެރެއިން އެއް ސަރަހައްދުގެ ގޮތުގައި، ހަންކެޑެ ހިމެނޭކަމަށް އިއުލާނުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ