ވަރުގަދަ އަސްކަރީ ބާރެއްގެ ގޮތުގައި ރާއްޖެ އޮންނަންޖެހޭ: ރައީސް

ދިވެހިރާއްޖެއަކީ އިގްތިސޯދީ ގޮތުން ވަރުގަދަ އަދި ތަރައްގީ ހާސިލްކުރެވޭ ގައުމެއްގެ ގޮތުގައި އޮތުމަށް އަސްކަރީ ވަރުގަދަ ބާރެއް އޮތުން ކޮންމެހެން ލާޒިމް ކަމަށާއި، ރާއްޖެއަށް ތަރައްގީގެ އިންވެސްޓްމެންޓްތައް އަންނާނީ އޭރުން ކަމަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.ދިވެހި ސިފައިންގެ ވައިގެ ހިދުމަތުގެ ފުރަތަމަ އެއާ ސްޓޭޝަން، އައްޑޫ ގަމުގައި ގާއިމުކޮށް، އެތަން ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ އެ މަރުކަޒު ގާއިމް ކުރުމަކީ މުޅި ރާއްޖެ ވައިގެ މަގުން ބެލެހެއްޓުމަށް ލިބުނު ވަރަށް ބޮޑު ކުރިއެެރުމެއް ކަމަށެވެ.ރާއްޖޭގެ އުތުރުން ށ. ފުނަދޫގައި ވެސް ވައިގެ ސްޓޭޝަނެއް ގާއިމް ކުރުމުގެ މަސައްކަތް ކުރަމުންދާ ގެންދާކަން ފާހަގަ ކުރައްވައި، ރައީސް ވިދާޅުވީ އެތަނުގެ މަސައްކަތް ވެސް ބާރު ސްޕީޑެއްގައި ކުރިއަށް ގެންދާ ކަމަށެވެ.ރައީސް ވިދާޅުވީ، އަސްކަރީ ގާބިލިއްޔަތު އިތުރުވާ ވަރަކުން ރާއްޖޭގެ އިގްތިސޯދަށް ކުރިއެރުން ލިބި އިންވެސްޓަރުންވެސް އިތުރުވާނެ ކަމަށެވެ.އެހެންކަމުން ދިވެހިރާއްޖެ އިގްތިސޯދީ ގޮތުން ހުޅުވާލުމަށްޓަކައި ކުރާ މަސައްކަތުގައި އަސްކަރީ ބާރު ވަރުގަދަވެފައި އޮތުން މުހިންމު ކަމަށް ރައީސް ވިދާޅުވިއެވެ.އިތުރަށް އެމަނިކުފާނު ވިދާޅުވީ، މިއަދު ހުޅުވި އެއާ ސްޓޭޝަންގައި ޓްރެއިނިން ފެސިލިޓީއެއް ގާއިމްކުރުމުގެ މަސައްކަތް ފަށައި، ގިރިފުށްޓާއި މާފިލާފުށީގެ ވަސީލަތްތައްވެސް ޒަމާނީ ފެންވަރަށް ތަރައްގީކުރެވިގެން ދާނެ ކަމަށެވެ.ރައީސް ވިދާޅުވީ ރާއްޖެއަކީ ތަރައްގީވެފައިވާ ގައުމަކަށް ހެދުމުގައި ވެސް ވަރުގަދަ އަސްކަރީ ބާރެއް އޮންނަންޖެހޭ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށާއި އެހެންވެ، އެއާ ކޯއަށް އަސްކަރީ މަތިންދާބޯޓު ހޯދުމުގެ މަސައްކަތް ވެސް ފަށާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.ރައީސް ވިދާޅުވީ އެމްއެންޑީއެފަކީ ކޮންމެ ދަނޑިވަޅެއްގައި ވެސް ގައުމު ހިމާޔަތްކޮށް، ދިފާއުކުރުމުގެ ގާބިލުކަން ހުރި ވަރުގަދަ ބަޔަކަށް ހަދަން ޖެހޭ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ