ފުވައްމުލަކާއި އައްޑޫއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ މާލެ ވަޑައިގަންނަވައިފި

ފުވައްމުލަކާއި އައްޑޫއަށް ކުރެއްވި ދެ ދުވަހުގެ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މާލެ ވަޑައިގަންނަވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ވަނީ، ފުވައްމުލަކާއި އައްޑޫގެ ސިޓީ ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކުރައްވައި، ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއައްސަވައި، ސަރަހައްދީ ތަރައްޤީއަށް ރައްޔިތުން ދެކޭ ތަސައްވުރު އޮޅުންފިލުއްވާފައެވެ.
މި ދަތުރުފުޅުގައި ފުވައްމުލަކުގައި ވަނީ، ތަޢުލީމާއި، ޞިއްޙަތާއި، ބޯހިޔާވަހިކަމާއި، ދަތުރުފަތުރު ފަދަ ތަފާތު ދާއިރާތަކުން ހިންގަވަން ނިންމަވާފައިވާ މަޝްރޫޢުތަކުގެ ޢަމަލީ މަސައްކަތުގެ އެކި މަރުޙަލާތައް ފައްޓަވާފައެވެ. އަދި އައްޑޫގައި ވަނީ، ކުޅިވަރާއި ހަށިހެޔޮކަމާއި، ތަޢުލީމާއި، ޞިއްޙަތާއި، އުމްރާނީ ތަރައްޤީ، ދީނީ ވަޙުދަތު، އަދި ދަތުރުފަތުރު ފަދަ ދާއިރާތަކުން ހިންގެވުމަށް ނިންމަވާފައިވާ ގިނަ ޢަދަދެއްގެ މަޝްރޫޢުތަކުގެ ޢަމަލީ މަސައްކަތުގެ އެކި މަރުޙަލާތައް ފައްޓަވާފައެވެ. މީގެ އިތުރުން މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ދިވެހި ޤައުމީ ދިފާޢީ ބާރުގެ އެއަރ ކޯގެ ފުރަތަމަ އެއަރ ސްޓޭޝަން ހުޅުއްވައިދެއްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ‎ބައެއް ވަޒީރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންގެ މައްޗަށް އެކުލެވިގެންވާ މަތީ ފަންތީގެ ވަފުދެއް، މި ދަތުރުފުޅުގައި ބައިވެރިވެވަޑައިގެން، މަޝްރޫޢުތަކާ ގުޅުންހުރި އަދާހަމަ މަޢުލޫމާތު ރައްޔިތުންނާ ހިއްސާކުރައްވާފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ