އެއް ދުވަހާ 205 މަޝްރޫޢުއެއް، ހަވާލުކުރާނީ އަމިއްލަ ކުންފުނިތަކާ

އަމިއްލަ ކުންފުނިތަކާއި ގިނަ މަޝްރޫޢުތަކެއް ހަވާލުކުރުމަށް މާދަމާ ޚާއްސަ ރަސްމިއްޔާތެއް ބާއްވަން ނިންމައިފި އެވެ.
އައްޑޫ ސިޓީ ހިތަދޫ، މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫގެ ރައްޔިތުންނާ މިރޭ ބައްދަލުކުރައްވައި، ވާހަކަފުޅުދައްކަވަމުން އެކަން އިއުލާނު ކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެވެ.
ހިތަދޫގައޮ އޮތް ބައްދަލްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ޕްރައިވެޓް ސެކްޓަރުގެ ކުންފުނިތަކާ ހަވާލުކުރައްވައިގެން ގިނަ މަޝްރޫއުތަކެއް ހިންގަވާނެ ކަމަށެވެ. މީގެ ތެރެއިން 205 މަޝްރޫއެއްގެ އެއްބަސްވުމުގައި ސޮއިކުރެއްވުން، ބުރާސްފަތި ދުވަހު މާލޭގައި ކުރިއަށް ގެންދަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
އަދި ކުރިއަށް އޮތްތާ އިތުރު ގިނަ މަޝްރޫޢުތަކެއް ވެސް އަމިއްލަ ކުންފުނިތަކާއި ހަވާލުކުރައްވާނެ ކަމަށް ވިދާޅުވި އެވެ.
މީގެއިތުރުން ސަރުކާރުން ހޯދާފައިވާ އެކި ހިދުމަތްތަކަށް ދައްކަންޖެހޭ ފައިސާ ހަލާސްކުރެއްވުމުގެ ކަންކަން މިހާރު ކުރިއަށްދާ ކަމަށާ، މިމަހުގެ ނިޔަލަށް އެކަން ވެސް މުޅިން ނިންމަވާލެވޭނެކަމުގެ ޔަގީންކަން، ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފަ އެވެ.
ރައީސް ވިދާޅުވި ގޮތުގައި މިފަދަ ހުރިހާ ކަމެއްވެސް މިގޮތަށް ކުރެވެމުން ދިއުމުގެ އެންމެ ބޮޑު ސަބަބަކީ ރައްޔިތުންގެ އެއްބާރުލުމެވެ. އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހި ރައްޔިތުންނަށް ޝުކުރުއަދާކުރައްވާފަ އެވެ. އެމަނިކުފާނަށް ރައްޔިތުން ކުރައްވާ އިތުބާރާއެކު، އިހްލާސްތެރިކަމާއި، އަމާނާތްތެރިކަމާއެކު ޒިންމާ އަދާކުރެއްވުމުގައި ދެމިހުންނަވާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ