އައްޑޫ ބްރިޖުގެ ވައުދު ރައީސް މުއިއްޒު ތަކުރާރު ކުރައްވައިފި

މިދިޔަ އަހަރު ފަށާނެ ކަމަށް ރައީސް މުއިއްޒު ވައުދުވެވަޑައިގެންނެވި އައްޑޫ ސިޓީ ހިތަދޫ އާއި ހުޅުދޫ-މީދޫ ގުޅާލާ ބްރިޖުގެ އަމަލީ މަސައްކަތުގެ އެއްވެސް މަސައްކަތެއް ނުފަށައި، ގާތްގަނޑަކަށް ދެ އަހަރު ދުއްވައިލުމަށް ފަހު، އެ ބްރިޖުގެ އަމަލީ މަސައްކަތް "އަންނަ އަހަރު" ފަށާނެ ކަމަށް ވިދާޅުވެ، ވައުދު ތަކުރާރު ކުރައްވައިފި އެވެ.އައްޑޫ ހުޅުދޫ އަދި މީދޫގެ ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސް މުއިއްޒު ވަނީ އިންޓަނޭޝަނަލް ބިޑިންގްއަށް ހުޅުވާލައިގެން ބްރިޖުގެ ފުރިހަމަ ޑިޒައިނެއް ހެދުމަށް ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފައިވާކަން ފާހަގަކުރައްވާފަ އެވެ.ރައީސްގެ ވާހަކަފުޅުގައި އެމަނިކުފާނު ވެވަޑައިގެންނެވި ވައުދުފުޅެއް އެހެން ތަނަކަށް ބަދަލުނުކުރައްވާނެކަމުގެ ޔަގީންކަން ދެއްވި އެވެ.ރައީސް ވިދާޅުވި ގޮތުގައި ހަ މަސްދުވަހުގެ ތެރޭގައި ބުރިޖުގެ މަސައްކަތުގެ ހުރިހާ ކުރެހުންތަކާއި ހުރިހާ ފަންނީ މައުލޫމާތަކާ އެއްކޮށް ތިން އޮޕްޝަނަކަށް ޑިޒައިން ހަދާފައި ސަރުކާރަށް ހުށައަޅަން ހަވާލުކުރީ އެއް މިލިއަން ޑޮލަރުގެ އެއްބަސްވުމެއްގެ ދަށުންނެވެ.ރައީސްގެ ވާހަކަފުޅުގައި މި މަސައްކަތް ހަވާލުކުރެވުނު ޗައިނާގެ މި ކުންފުންޏަކީ ދުނިޔޭގެ ފެންވަރުގައިވެސް އެންމެ ރަނގަޅަށް މިފަދަ މަސައްކަތްތައް ކުރާ އެއް ކުންފުނިކަން ފާހަގަކުރެއްވި އެވެ. އަދި އެ ކުންފުންޏާއި ޙަވާލުކުރެވުނީ، ސަރުކާރުން ދިން ތިން އޮޕްޝަނަށް ބުރިޖުގެ ޑިޒައިނާއި އޭގެ ފީޒިބިލިޓީތަކާއެކު ކޮންޓްރެކްޓަރަކާ މަސައްކަތް ޙަވާލުކުރާއިރު ބޭނުންވާނެ ފެންވަރަށް ހުރިހާ ކަމެއް ފުރިހަމަކުރުމަށް ކަމުގައި ވިދާޅުވި އެވެ.އައްޑޫ ބްރިޖު އެޅުމާ ގުޅޭ ދިރާސާތައް ކުރުމަށް މިދިޔަ އަހަރުގެ ބަޖެޓުގައި ވެސް 30 މިލިއަން ރުފިޔާ ކަނޑައަޅާފައި އޮތެވެ.މުއިއްޒުގެ ރިޔާސީ ވައުދުގެ ތެރޭގައި ހިމެނޭ އައްޑޫ ބްރިޖްގެ މަސައްކަތް ވެރިކަމުގެ 100 ދުވަހުގެ ތެރޭގައި ފަށަން ސަރުކާރުގެ "ހަފްތާ 14" ގެ ރޯޑް މެޕްގައި ވެސް ހިމެނި އެވެ. ނަމަވެސް މިހާތަނަށް ވެސް އެ ބްރިޖްގެ އަމަލީ މަސައްކަތް ފެށިފައެއް ނުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ