ރަކީދޫގައި އޭޓީއެމް ހުޅުވައި މުޅި ވ. އަތޮޅަށް އޭޓީއެމްގެ ޚިދުމަތް ފުޅާކޮށްފި

ވ. ރަކީދޫގައި ގައުމީ ބޭންކް، ބީއެމްއެލްގެ އޭޓީއެމްގެ ޚިދުމަތް މިއަދު ފަށައި، މުޅި ވ. އަތޮޅުގައި އޭޓީއެމްގެ ޚިދުމަތް ގާއިމްކޮށްފިއެވެ. ރަކީދޫގައި އޭޓީއެމްގެ ޚިދުމަތް އިފްތިތާހުކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. އެކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ރައީސްގެ އިތުރުން ވަޒީރުންނާއި ބީއެމްއެލްގެ ޗެއާޕާސަން އަހްމަދު އަލީ ހަބީބާއި ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ބައިވެރިވެވަޑައިގަތެވެ. ޝަރީފް ވިދާޅުވީ، މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ބީއެމްއެލްގެ އޭޓީއެމް ތައާރަފްކުރުމަށް ހިންގާ މަޝްރޫއުގެ ދަށުން 12 އަތޮޅުގެ ރަށްރަށުގައި އެ ޚިދުމަތް ގާއިމްކޮށް ނިމިއްޖެ ކަމަށެވެ. "މިއިން ކޮންމެ އޭޓީއެމަކީވެސް އެރަށެއްގެ މުޖުތަމައުތައުގެ މާލީ ބައިވެރިވުން އިތުރުކޮށްދޭ ކަމެއް، އަދި މިއީ ފަސޭހަކަމާއެކު އަސާސީ ބޭންކިން ޚިދުމަތަށް ވާސިލްވުމަށް ހުޅުވޭ ދޮރެއް." އޭނާ ވިދާޅުވިއެވެ. ބީއެމްއެލުން ބުނީ، މި މަޝްރޫއުގެ ދަށުން މިއަދު ފ. ފީއަތްޔާއި ބިލެތްފަހީގައިވެސް އޭޓީއެމްގެ ޚިދުމަތް ފަށާނެ ކަމަށެވެ. ވ. އަތޮޅުގައި ބީއެމްއެލްގެ އޭޓީއެމްގެ ޚިދުމަތް ގާއިމްކުރެވިފައިވުމުން، ރާއްޖޭގެ އެކި ސަރަހައްދުތަކުން ޖުމްލަ 225 އޭޓީއެމަކުން ޚިދުމަތްލިބޭނެ ކަމަށް، ބީއެމްއެލުން މައުލޫމާތުދެއެވެ. އަދި 20 އަތޮޅުގައި 42 ބްރާންޗާއި 166 ސެލްފް ސާވިސް ސެންޓަރުތަކުން ޚިދުމަތް ލިބޭނެ ކަމުގައިވެސް ބޭންކުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ