ޕެރިސް (ސެޕްޓެމްބަރު 20) - ދުނިޔޭގެ ފުޓްބޯޅައިގައި އުފެދުނު އެންމެ މޮޅު އެއް ކުޅުންތެރިޔާ، ފްރާންސްގެ ޒިނެދިން ޒިދާންގެ ދަރިފުޅު، ލޫކާ ޒިދާން، އަލްޖީރިއާ ގައުމީ ޓީމަށް ކުޅުމުގެ ހުއްދަ ދުނިޔޭގެ މައި ފުޓްބޯޅަ އިދާރާ، ފީފާ އިން ދީފި އެވެ.
ރެއާލް މެޑްރިޑް ބީ ޓީމާއި ރެއާލް ސީނިއާ ޓީމަށް ވެސް ކުރިން ކުޅެފައިވާ އުމުރުން 27 އަހަރުގެ ލޫކާ، ވަނީ ފްރާންސްގެ ފަސް އުމުރުފުރާއެއްގެ ގައުމީ ޓީމަށް ކުޅެފަ އެވެ. އެކަމަކު، ފްރާންސްގެ ސީނިއާ ޓީމުން މިހާތަނަށް ފުރުސަތު ލިބިފައިނެތުމުން، އޭނާ ބޭނުންވީ، އާއިލާ ނިސްބަތްވާ އަލްޖީރިއާ އަށް ކުޅޭށެވެ.
ފީފާ އިން 2020 ވަނަ އަހަރު ގައުމީ ޓީމުގެ ކުޅުންތެރިން އެއް ގައުމުން އަނެއް ގައުމަށް ބަދަލުވުމުގެ އުސޫލަށް ވަނި ލުޔެއް ދީފަ އެވެ. އެ ގޮތުން 21 އަހަރުން މަތީގެ ކުޅުންތެރިއަކު އެއް ގައުމަށް ތިން މެޗަށް ވުރެ އިތުރަށް ނުކުޅެ ހުއްޓައި، އޭނާއާ އާއިލީ ގޮތުން ގުޅުން އޮތް އެހެން ގައުމެއްގެ ގައުމީ ޓީމަށް ކުޅެން ބަދަލުވެވޭނެ އެވެ. އެކަމަކު، އެކަން ފުރިހަމަކުރަން، ކުރިން ކުޅުނު ގައުމީ ޓީމުގެ ފުޓްބޯޅަ އެސޯސިއޭޝަންގެ ލިޔުމެއް ބޭނުންވާނެ އެވެ.
ސްޕެއިނުގެ ދެ ވަނަ ޑިވިޝަނުގެ ގްރަނާޑާ އަށް ކުޅެމުން އަންނަ ލޫކާ އަށް އަލްޖީރިއާ ޓީމަށް ކުުޅުމުގެ ފުރުސަތު ދޭން ފީފާ އިން ނިންމީ ބަލަންޖެހޭ ކަންކަން ފުރިހަމަ ކުރުމަށް ފަހު އެވެ. އެ ގޮތުން، ފްރާންސް ފުޓްބޯޅަ ފެޑެރޭޝަނުން ލިބެންޖެހޭ ހުރިހާ ލިއުމެއް، އަލްޖީރިއާ ފުޓްބޯޅަ އިދާރާއާ އެކު އެއްބަސްވެ، އިއްޔެ ފީފާ އިން ވަނީ ސިސްޓަމްގައި އާންމުކޮށްފަ އެވެ.
އަލްޖީރިއާ ޓީމުން ވަނީ ލޫކާ އަށް މަރުހަބާ ކިޔައިފަ އެވެ.
ޒިދާންގެ އެންމެ ދޮށީ ދަރިފުޅު، އެންޒޯ ވަނީ އުމުރުން 29 އަހަރުގައި ފުޓްބޯޅައިން ރިޓަޔާކޮށްފަ އެވެ. ލޫކާ އަށް ވުރެ ހަގަށް ހުންނަ، 23 އަހަރުގެ ތެއޯ ކުޅެމުން އަންނަނީ ސްޕެއިނުގެ ދެ ވަނަ ޑިވިޝަނުގެ ކޯޑޯބާ އަށެވެ. އަދި، ޒިދާންގެ އެންމެ ހަގު ދަރިފުޅު، 19 އަހަރުގެ އެލްޔާޒް ކުޅެމުން އަންނަނީ ރެއާލް ބެޓިސް އަށެވެ.
ލޫކާ، އަލްޖީރިއާއާ އެކު ކުޅޭ ފުރަތަމަ މުބާރާތަށް ވުމުގެ ފުރުސަތު ބޮޑީ މި އަހަރު ފަހުކޮޅު ބާއްވާ އެފްރިކަން ކަޕް އޮފް ނޭޝަންސްގަ އެވެ. އަދި، އަލްޖީރިއާ އޮތީ އަންނަ އަހަރު އެމެރިކާ، މެކްސިކޯ އަދި ކެނަޑާގައި ބާއްވާ ވޯލްޑް ކަޕަށް ކޮލިފައިވުމާ ފިޔަވަޅަކާ ގާތުގަ އެވެ.
ޒިދާންގެ ދަރިފުޅު ލޫކާ އަލްޖީރިއާ އަށް ކުޅެން ފީފާއިން ހުއްދަދީފި ޒިދާންގެ ދަރިފުޅު ލޫކާ އަލްޖީރިއާ އަށް ކުޅެން ފީފާއިން ހުއްދަދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ