ދޮންފަނު ބިންހިއްކުން: ރައްޔިތުން އިހުތިޖާޖުގައި، ސަރުކާރުގެ ޖަވާބެއް ނުލިބޭ
ހަފުތާއެއް ފާއިތުވެގެން ދިޔައިރު، ބ. ދޮންފަނުގެ ބިން ހިއްކުމުގެ މައްސަލައިގައި ސަރުކާރުގެ ފަރާތުން ޖަވާބެއް ހޯދަން މަސައްކަތްކުރި ނަމަވެސް، އެއްވެސް ޖަވާބެއް ނުލިބޭ ކަމަށް، އެ ރަށު ކައުންސިލުން މިއަދު ބުނެފިއެވެ. އެންމެ 400އެއްހާ މީހުން ދިރިއުޅޭ ދޮންފަނުގެ ބިން ހިއްކުމަށް ސަރުކާރުން އެމްޓީސީސީއާ ހަވާލުކުރީ މިދިޔަ މަހުގެ 13ވަނަ ދުވަހު ރައީސް ޑރ. މުޙައްމަދު މުއިއްޒު އެ ރަށަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައެވެ. ދޮންފަނު ބިން ހިއްކައިފި ނަމަ ހަނިފަރު ބޭއަށް ގެއްލުންވާނެތީ ކަމަށް ބުނެ، އެ ތަނުގެ ހިމާޔަތުގައި އެތައް ބަޔަކު ކަންބޮޑުވުން ފާޅުކުރުމާ ގުޅިގެން މި މަހުގެ ނުވަވަނަ ދުވަހު ރައީސް ނިންމެވީ އެ ރަށުގެ ބިން ނުހިއްކުމަށެވެ. އެ ނިންމުމާ ގުޅިގެން ދޮންފަނު ރައްޔިތުން ވަނީ، އެ ރަށުގެ ބިން ހިއްކަން ބޭނުންވާ ކަމަށް ބުނެ، ބިން ހިއްކުން ކުރިއަށް ގެންދިއުމަށް ގޮވާލައި އިހުތިޖާޖުތައް ފަށައިފައެވެ. ސިލްސިލާކޮށް ކުރިއަށް ގެންދާ އެ އިހުތިޖާޖު ވަނީ ކަނޑުމައްޗަށް ވެސް ފުޅާކޮށްފައެވެ. މިކަމާ ގުޅިގެން ދޮންފަނު ކައުންސިލްގެ ރައީސް އަހްމަދު އިރުޝާދު, 'ސަން'އަށް މީގެ ކުރިން ވިދާޅުވިގޮތުގައި، އެ ރަށުގެ ބިން ހިއްކުން ކުރިއަށް ނުގެންދަން ރައީސް ނިންމެވީ ރަށު ކައުންސިލްގެ އިތުރުން އެ ރަށުގެ ރައްޔިތުންނާ އެއްވެސް މަޝްވަރާކުރުމެއް ނެތިއެވެ. މިއަދު 'ސަން'އިން ސުވާލުކުރުމުން ދޮންފަނުގެ ކައުންސިލަރު އަބްދުالله އަހުސަން ވިދާޅުވީ، އެ ރަށުގެ ބިން ހިއްކުމުގެ މައްސަލައިގައި ސަރުކާރުން އެއްވެސް ވާހަކައެއް ދައްކަން މަސައްކަތް ނުކުރާ ކަމަށެވެ. "ރައީސަށް ވެސް ރައީސް އޮފީހަށް ވެސް އަޅުގަނޑުމެން ސިޓީ ލިޔެފިން، އެޕޮއިންޓްމެންޓްކަށް އޮންލައިންކޮށްވެސް މައްސަލައެއް ނެތޭ މިކަމުގަ ހައްލެއް ގެނެވޭނެ ގޮތަކަށް ވާހަކަދައްކަން، މިނިސްޓްރީގެ ތެރެއިންވެސް ނެތް ހަމަ މިކަމަށް ސަޕޯޓުދޭ އެކަކުވެސް،" އަހުސަން ވިދާޅުވިއެވެ. އަދިވެސް މި ބަލަނީ ވާހަކަ ދައްކައިގެން ހައްލުކުރެވޭތޯ ކަމަށް އޭނާ ވިދާޅުވިއެވެ. https://sun.mv/211064 އިހުތިޖާޖުތައް ކުރިއަށްދޭތޯ ސުވާލުކުރުމުން އަހުސަން ވިދާޅުވީ، ދޮންފަނުގެ ބިން ހިއްކަން ބޭނުންވާކަމަށް ބުނެ ރަށު ރައްޔިތުން ކޮންމެ ދުވަހަކުވެސް އަޑު އުފުލަމުން އަންނަ ކަމަށެވެ. އަހުސަން މީގެ ކުރިން ވިދާޅުވިގޮތުގައި ދޮންފަނުގެ ރަޖިސްޓްރީގައި 630 މީހުން މިވަގުތު ތިބިއިރު، ގިނަ ބަޔަކު ގޯއްޗަށް އެދި ކުރިމަތިލާފައިވެއެވެ. އަދި ދޮންފަނާ ކައިރީގައި އޮންނަ ދަރަވަންދޫގައި އެއާޕޯޓު ބޮޑުކުރަން ބިން ހިއްކިިއިރު ވެސް ހަމަ ހުރިހާ ކިސަޑުތަކާއި ނުސާފުކަމެއް ހަނިފަރު ބޭއަށް ދިޔަ ކަމަށެވެ. ދޮންފަނު ހިއްކުން ހުއްޓާލި ނަމަވެސް އެ ރަށުގެ ބަނދަރުގެ މައްސަލަ ހައްލުކުރުމާއި، ގޮޑުދޮށް ހިމާޔަތްކުރުން ސަރުކާރުން ކުރިއަށް ގެންދާނެ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުالله މުއްތަލިބު މީގެ ކުރިން ވިދާޅުވެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ