بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ
اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة وَالسَّلاَمُ عَلَى رَسُولِ ٱللَّهِ، وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.
ކެޔޮދޫގެ ލޮބުވެތި އެންމެހައި ރައްޔިތުން، ރަށުގެ ކައުންސިލްގެ ރައީސް، ކައުންސިލަރުން، މުއައްސަސާތަކުގެ ވެރިން، ރަށުގެ ޚިދުމަތްތެރި އިސް ރަށްވެހިން، މި ތަނުގައި ވަޑައިގެން ތިއްބެވި ދައުލަތުގެ އިސްވެރިން، މި ޖަލްސާ، ދުރާއިގާތުން ބައްލަވަމުން ގެންދަވާ އަދި އަޑުއައްސަވަމުން ގެންދަވާ ލޮބުވެތި ހުރިހާ ރައްޔިތުން؛
السَّلامُ عَلَيْكُم ورَحْمَةُ اللهِ وَبَرَكاتُهُ.
އާދެ، މިއަދުގެ މި ހެނދުނުގެ ވަގުތު އަޅުގަނޑުމެންނަށް މި ރަށަށް އާދެވުނު ވަގުތު، ތިޔަބޭފުޅުން ވަޑައިގެން ވިދާޅުވި ވަރަށް ހޫނު މަރުޙަބާއަށްޓަކައި، އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ކެޔޮދޫގެ ލޮބުވެތި ރައްޔިތުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.
މި ރަށުގެ ތަރައްޤީއަށް ކުރަންހުރި ކަންކަމުގައި ކުލަޖައްސައިދިނުން، ޢަމަލީ ސިފަ ގެނެސްދިނުމަކީ އިރާދަކުރެއްވީތީ ސަރުކާރުން މިކުރާ މަސައްކަތް. އަޅުގަނޑު ވެފައި ހުރި ވަޢުދުތައް ފުއްދުމަށް. އަދި ރައްޔިތުންނަށް ބޭނުންޖެހިފައިވާ މުހިންމު ކަންކަން ކޮށްދިނުމަށްޓަކައި.
އެގޮތުން މިއަދު އަޅުގަނޑުމެން މި ސްޓޭޖްމަތިން ބައެއް މަޝްރޫޢުތަކުގައި ސޮއިކުރުމާއި، ބައެއް މަސައްކަތްތަކުގެ ޢަމަލީ މަރުޙަލާއަށް ދިޔުން، ކުރިއަށް މި ގެންދެވެނީ. މިއިން ކޮންމެ ކަމަކީވެސް ހަމަ ޔަޤީނުންވެސް ކެޔޮދޫގެ ރައްޔިތުންގެ ތަރައްޤީއަށް، ކުރިމަގަށް ވަރަށް ބޮޑު ކުރިއެރުންތަކެއް އަންނާނެ ކަންކަން. އެއީ، ސްކޫލް މަޝްރޫޢު ކަމުގައިވިޔަސް، އަދި ޞިއްޙީ ދާއިރާގެ ކަންތައް ކަމުގައިވިޔަސް، އަދި ދެންހުރި މަސައްކަތްތައް ކަމުގައިވިޔަސް. އަޅުގަނޑު ދޭ ޔަޤީންކަމަކީ، އިރާދަކުރެއްވިއްޔާ މިއިން ކޮންމެ މަޝްރޫޢެއްވެސް ވަރަށް ބާރުމިނުގައި، ވަރަށް ރަނގަޅަށް ކުރިއަށް ގެންގޮސް ނިންމައިދޭނެކަމުގެ ޔަޤީންކަން. އެއްވެސް މަޑުޖެހުމެއްނެތި، އިރާދަކުރެއްވިއްޔާ ރަނގަޅަށް ކުރިއަށް ގެންދާނަން.
ޞިއްޙީ ދާއިރާއަށް މި ކުރެވޭ މަސައްކަތް، މި މަޝްރޫޢުގެ ތެރެއިން ވޯޑާއި އަދި ހުރިހާ ބައިތަކެއް ހިމެނޭގޮތަށް 20 އެނދު ހިމެނޭ، ލެބޯރެޓަރީއާއި، ޕަބްލިކް ހެލްތް ޖާގައާއި، ހުރިހާ ކަމެއް ހިމެނޭ ޞިއްޙީ މަރުކަޒެއް މިއީ.
އާ އިމާރާތެއް އެޅިގެން މިދަނީ. ސްކޫލްގައިވެސް ހުރިހާ ފެސިލިޓީއެއް ހިމެނިގެންދާގޮތަށް އެޅޭ އިމާރާތެއް އެޅިގެން މިދަނީ. އެހެންވީމާ، މި ދެ ދާއިރާއަށް ލިބިގެންމިދާ ކުރިއެރުމަކީ، ހަމަ ޔަޤީނުންވެސް އަންނަން އޮތް ދުވަސްތަކަށް، ގިނަ އަހަރުތަކަކަށް ވަރަށް ބޮޑަށް މައްސަލަ ޙައްލުވެގެންދާނެ ކަމަކަށް ވާނެ.
އަދި އޭގެއިތުރަށްވެސް، އަޅުގަނޑުމެން އެހެނިހެން މަޝްރޫޢުތައް ކުރިއަށް ގެންދަން ނިންމާފައި މިވަނީ. އާދެ، މިކަންކަމުގެ އިތުރަށް، އަޅުގަނޑު މި ރަށުގެ ރައްޔިތުންނަށް ވީ އެންމެ މުހިންމު، އެންމެ ބޮޑު ވަޢުދު އެބައޮތް. އެއްގޮތަކަށްވެސް ހަނދާނެއްނުނެތޭ. ރަށުގެ ރައްޔިތުންނަށް އަޅުގަނޑު ވަޢުދުވިން، ބިން ހިއްކުމަށް. ސަބަބަކީ، ބިން ހިއްކަންޖެހޭ މި ރަށުގައި. ރަށުގެ ކުރިއެރުމަށް ދެން ބޭނުންވަނީ ޖާގަ އިތުރުވާން. އާދެ، މި މަޝްރޫޢަށް ބޭނުންވާ ފައިސާ ކަނޑައެޅުމުގައި، މި އަހަރު އަޅުގަނޑުމެން އިސްކަން މިދިނީ، މިއަދު މި ފެށިގެންދިޔަ މަޝްރޫޢުތައް ކުރިއަށް ގެންދަން، ފުރަތަމަ ފަށަން. އެހެންވީމާ، ދެން އަންނަ އަހަރަށް ބަޖެޓް ކަނޑައެޅިގެންދާއިރު، މިހާރު ބަޖެޓް ހުށަހެޅުމުގެ މަރުޙަލާގައި މިދަނީ. މި އަންނަ މަހު ބަޖެޓް ހުށަހެޅިގެންދާނެ. އަދި ނޮވެންބަރު، ޑިސެންބަރު ތެރޭގައި ފާސްކުރެވިގެންދާނެ. 2026 ވަނަ އަހަރުގެ ކުރީކޮޅުގެ ތެރޭގައި، ހަމަ އެންމެ ކުރީކޮޅު އިރާދަކުރެއްވިއްޔާ އެ ވަޢުދު ފުއްދުމަށްޓަކައި، މި ރަށަށް 12 ހެކްޓަރުގެ ބިން އިތުރުކުރުމުގެ މަސައްކަތް ޢަމަލީގޮތުން ކުރިއަށް ގެންގޮސްދޭނެ ވާހަކަ ދަންނަވަން. އެ ޔަޤީންކަން ދެން. އާދެ، މިއީ ހަމަ ޔަޤީނުންވެސް ތިޔަބޭފުޅުންނަށް އެންމެ މުހިންމުވެފައިވާ މައްސަލަ. އެކަމުގެ ސަބަބުން ވަރަށް ގިނަ އެހެން ކަންކަމަށް މަގުފަހިވެގެންދޭ ކުރިއެރުން ހޯދުމަށް، ޖާގަ އިތުރުވެގެންދިޔައީމަ.
މި ރަށުގައި ގެސްޓްހައުސް، ލޯކަލް ޓޫރިޒަމްވެސް ވަރަށްފުޅާ. ވަރަށް ގިނަ މީހުން އެ ވިޔަފާރި ކުރޭ. އަދި ސަރުކާރުން އެކަމަށް މަރުޙަބާވެސް ކިޔާ. އެކަން ކުރިއަށް ގެންދިޔުމަށް އެކިކަހަލަ ފުރުޞަތުތައްވެސް، ސަރުކާރުން އެކިކަހަލަ ލޯން ސްކީމްތަކާއި، މިކަންކަމުގެ ތެރެއިންވެސް އަޅުގަނޑުމެންގެ ސިޔާސަތުގެ ތެރޭގައި، ކޮށްދޭ ކަންތައްތައް މި ދާއިރާއަށް. އެހެންވީމާ، މި ރަށުގައި ލޯކަލް ޓޫރިޒަމް އިތުރަށް ކުރިއެރުވުމަށްޓަކައި، އަދި މިހާރުވެސް މި ދާއިރާއިން ކުރިއަށްދާ ފަރާތްތަކަށް، އިތުރަށް މި ދާއިރާގައި ކުރިއެރުން ހޯދުމަށްޓަކައި، ކުރިއަށް އޮތް ދުވަސްތަކުގައި، މި އަންނަ އަހަރުގެ ކުރީކޮޅުގައި، މާރިޗު މަހުގެ ކުރިން މި ރަށުގައި ޑޮލަރު އޭ.ޓީ.އެމް.އެއް ބަހައްޓައިދޭނެ ކަމުގެ ޔަޤީންކަންވެސް ދެން.
އާދެ، އިރާދަކުރެއްވިއްޔާ ދެންހުރި ކަންކަންވެސް ހަމަ މިގޮތަށް ގެންދެވޭނެ. އާދެ، މި ރަށުގައި މި ހޯލު ހުރުމުގެ އިތުރަށް، ސްކޫލްގެ ޖާގަ ނެތީމަ، ސްކޫލް އިމާރާތެއް މި އެޅެނީ. މިހާރު ހުރި ކްލާސްރޫމްތައްވެސް، މުޅި ރާއްޖޭގެ ހުރިހާ ކްލާސްރޫމްތަކެއް އޭސީ ކުރުމުގެ މަޝްރޫޢުގެ ތެރެއިން މި އަހަރު އޭސީ ކުރެވޭނެ. އެހެންނަމަވެސް، މި ރަށުގެ ސްކޫލަށް ކަރަންޓުގެ ވަރަށް ބޮޑު މައްސަލައެއް ދިމާވެފައިވަނީ. އެހެންވީމާ، ސްޓެލްކޯގެ ފަރާތުން ވަރަށް އަވަހަށް ތްރީ ފޭސް ކަރަންޓުގެ ކަންތައް ހަމަޖައްސައިދޭނެ. ދެން، އެއާއެކީގައި، ކަރަންޓު މައްސަލަ މިވަގުތަށް ޙައްލުވީ. ދެން އެއާއެކީގައި، އޭސީ ކުރެވިގެންދާނެ.
އާދެ، އަޅުގަނޑުމެން މުޅި ރާއްޖޭގައި "ކޫލް ސްކޫލް"ގެ ނަމުގައި މި ހިންގާ އޭސީ ކުރުމުގެ މަޝްރޫގައި ފުރަތަމަ މި އިސްކަންދެނީ، ހުރިހާ ކްލާސްރޫމްތަކާއި އަދި ސްޓާފުން ބޭނުންކުރަން ހުންނަ ޖާގަ، ރޫމްތަކާއި، ސްޓާފްރޫމް ކަހަލަ ތަންތަނަށް. ދެވަނަ ފިޔަވައްސެއްގައި ކުރިއަށްގެންދަން ނިންމާފައި އޮތީ ހޯލުތައް. މި ފަދަ ހޯލުތައް އޭސީ ކުރުމަކީ، ދެވަނަ މަރުޙަލާއެއްގައި އިރާދަކުރެއްވިއްޔާ، މި އަންނަ އަހަރުގެ ތެރޭގައި ފަށާނެ މަރުޙަލާއެއް.
އެހެންވީމާ، މިގޮތަށް އަޅުގަނޑުމެން ރާއްޖޭގެ ހުރިހާ ސްކޫލެއް ފިނިކޮށްދިނުމުގެ، އޭސީ ކުރުމުގެ މަޝްރޫޢު މިގެންދަނީ. އަދި އިރާދަކުރެއްވިއްޔާ އެއީ، އިއާދަކުރަނިވި ހަކަތައިން، ޕަވަރވެސް ޖަނަރޭޓް ކުރެވި، މި ދެންނެވީ ސޯލާ ޕެނަލް ޖެހިގެން، ކުރިއަށް ގެންދިޔުމަށްޓަކައި ދެވަނަ މަރުޙަލާއެއްގައި ހިމެނޭ ކަންތައްތައް. އެހެންވީމާ، މި ރަށުގައި މި މަޝްރޫޢު، މި ދެންނެވީ،
މި ރަށުގައިވެސް އިރާދަކުރެއްވިއްޔާ މިކަން ކުރިއަށްދާނެ.
އާދެ، އެހެންވީމާ، ޖުމުލަކޮށް އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވަނީ، މި ރަށުގެ ތަރައްޤީއަށްޓަކައި އަޅުގަނޑު ވީ ވަޢުދުތައް ފުއްދުމުގައި، މިއަދު މި ސޮއިކުރެވުނު މަޝްރޫޢުތަކާއި، ޢަމަލީ މަސައްކަތް ފެށުނު މަޝްރޫޢުތަކާއި، އަދި މި އަންނަ އަހަރު ކުރީކޮޅު ކުރިއަށްގެންދާނެ ބިންހިއްކުމާއި، މިފަދަ ގިނަ ކަންކަމަކީ ވަރަށް އިސްކަންދީގެން ސަރުކާރުން ކުރިއަށްގެންދާނެ ކަންތައްތައް. ދާދި އަވަހަށް ފުޓްބޯޅަ ދަނޑުގައި ލައިޓްވެސް ޖެހިގެންދާނެ. އަދި މިފަދަ އެތައް ކަމެއް ކުރިއަށް ގެންދިޔުމަށް ނިންމިފައިވޭ، ކުޅިވަރުގެ ދާއިރާއިންވެސް.
އަޅުގަނޑު ކެޔޮދޫގެ ރައްޔިތުންނަށް ދޭ ޔަޤީންކަމަކީ، ސަރުކާރުން ވަރަށް އިސްކަމެއްދީގެން، ރައްޔިތުންނަށް ބޭނުންވާ މި ހުރިހާ ކަމެއް ކޮށްދޭނެކަމުގެ ޔަޤީންކަން. އަދިވެސް އެއްފަހަރު، ތިޔަބޭފުޅުން ތިޔަ ބަހައްޓަވާ ގާތްކަމާއި، ދެއްވާ މެހްމާންދާރީއަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.
އަޅުގަނޑު ވަރަށް އުންމީދުކުރަން، މާލަސްތަކެއްނުވެ އަނެއްކާވެސް ތިޔަބޭފުޅުންގެ ގާތަށް އާދެވޭނެ ކަމަށް. މިހެންހުރި ބައެއް މަޝްރޫޢުތައް، މި ފެށިގެންދާ ބައެއް މަޝްރޫޢުތައް ނިމި، އެކަން ފާހަގަކުރުމަށް ތިޔަބޭފުޅުންނާ ބައިވެރިވާން. އެ އުންމީދުގައި ވަކިވެލާނަން.
އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންގެ މި މަސައްކަތްތަކުގައި، اللهُ سُبْحَانَهُ وَتَعَالَى ބަރަކާތް ލެއްވުން. އާމީން!
وَمَا تَوْفِيقِي إِلَّا بِاللَّهِ عَلَيْهِ تَوَكَّلْتُ وَإِلَيْهِ أُنِيبُ.
وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވ. ކެޔޮދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ