ނިއު ޔޯކް ޓައިމްސްއާ ދެކޮޅަށް ޓްރަމްޕް ހުށަހެޅުއްވި އަބުރުގެ މައްސަލަ ބޭރުކޮށްލައިފި
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދަ ނިއުޔޯކް ޓައިމްސްއާ ދެކޮޅަށް ކުރައްވާފައިވާ 15 ބިލިއަން ޑޮލަރުގެ އަބުރުގެ ދައުވާ ފްލޮރިޑާގެ ފެޑެރަލް ފަނޑިޔާރަކު ބާތިލްކޮށްފިއެވެ. އެމެރިކާގެ ޑިސްޓްރިކްޓް ފަނޑިޔާރު ސްޓީވަން މެރީޑޭ އެގޮތަށް ނިންމެވީ ޓްރަމްޕްގެ 85 ސަފްހާގެ އެ ދައުވާއަކީ މާ ދިގު ދައުވާއަކަށްވާތީއާއި މައްސަލައާ ގުޅުން ނެތް އިތުރު ވާހަކަތައް ގިނަ ދައުވާއަކަށް ވާތީ ކަމަށް, އެސޯސިއޭޓް ޕްރެސް (އޭޕީ) ނޫހުން ރިޕޯޓުކޮށްފައިވެއެވެ. ފަނޑިޔާރު މެރީޑޭ ވަނީ އެ މައްސަލަ އަލުން ހުށަހެޅުމަށް 28 ދުވަހުގެ މުއްދަތެއް ދެއްވާފައެވެ. އަދި ހުށަހަޅަން ވާނީ 40 ސަފްހާއަށްވުރެ ދިގު ނުވާ ގޮތަށް ކަމަށްވެސް މެރީޑޭ ވިދާޅުވިއެވެ. މައްސަލަ ބޭރުކޮށްލި ނަމަވެސް ފަނޑިޔާރުގެ އިރުޝާދާއެކު މައްސަލަ ކުރިއަށް ގެންދަން ބޭނުންވާ ކަމަށް ޓްރަމްޕްގެ ގާނޫނީ ޓީމުގެ ތަރުޖަމާނު އާރޮން ހެރިސަން ވިދާޅުވިއެވެ. މެރީޑޭ ވިދާޅުވީ ހުށަހަޅާ ޝަކުވާ އަކީ ސިޔާސީ އެއްވުމެއްގައި ޝައުގުވެރި ވާހަކައެއް ދެއްކުމުގެ ޕްލެޓްފޯމެއް ނޫން ކަމަށެވެ. "މި ފިޔަވަޅު އެޅޭނީ އިޖުރާއަތުގެ ގަވާއިދާ އެއްގޮތަށް އަދި ޕްރޮފެޝަނަލް އަދި ވަކި ތަރުތީބަކުން." މޭރީޑޭ ވިދާޅުވިއެވެ. އެ މައްސަލައާ ގުޅިގެން ނިއު ޔޯކް ޓައިމްސް އިން ބުނީ އެއީ މިނިވަން ނޫސްވެރިކަން ނައްތާލުމަށް ކުރާ ކަމެއް ކަމަށެވެ. އަދި ޓްރަމްޕްގެ އެ މައްސަލައަކީ ސީރިއަސް ގާނޫނީ މައްސަލައަކަށްވުރެ ބޮޑަށް ސިޔާސީ ކުލަ އޭގައި ޖެހިފައިވާ މައްސަލައެއް ކަމަށް ގަބޫލުކުރައްވައި މައްސަލަ ބޭރުކޮށްލީތީ ފަނޑިޔާރަށް ޝުކުރު އަދާކުރާ ކަމަށް ޓައިމްސްގެ ތަރުޖަމާނު ޗާލީ ސްޓެޑްޓްލެންޑާ ވިދާޅުވިއެވެ. ނިއު ޔޯކް ގައި ހުންނަ ދަ ނިއު ޔޯކް ޓައިމްސްގެ އިމާރާތް. ފޮޓޯ/އޭޕީ ފްލޮރިޑާގެ އެމެރިކާގެ ޑިސްޓްރިކްޓް ކޯޓަށް ހުށަހެޅި ދައުވާގައިވާ ގޮތުން ނިއު ޔޯކް ޓައިމްސްއިން ގަސްތުގައި އަދި ނުބައި ނިޔަތުގައި ޓްރަމްޕްގެ އަބުރުފުޅު ބަދުނާމު ކުރަމުން އަންނަތާ އެތައް އަހަރެއް ވެއްޖެއެވެ. އަދި، 2024 ވަނަ އަހަރުގެ އިންތިޚާބާ ދިމާކޮށް ޝާއިއުކުރި ގިނަ އަދަދެއްގެ ލިޔުންތަކާއި ޓައިމްސްގެ ދެ ނޫސްވެރިންގެ ލިޔެފައިވާ ފޮތެއްގެ ނަން ވަނީ ފާހަގަކޮށްފައެވެ. މިދިޔަ އަހަރު ބޭއްވި އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ޓްރަމްޕާ ވާދަކުރެއްވި ކަމަލާ ހެރިސްއަށް ޓައިމްސްއިން ތާއީދުކުރެއްވި ކަމަށާއި އެ ނޫހަކީ ވައަތު ފިޔައިގެ ނޫހެއް ކަމަށް ޓްރަމްޕް ވިދާޅުވިއެވެ. އެ މަނިކުފާނުގެ ރިޔާސީ ދައުރާ ދެކޮޅަށް ވާއަތު ފިޔައިގެ މީޑިއާތައް މަސައްކަތްކުރާ ކަމަށް ވިދާޅުވެ ޓްރަމްޕް އަބަދު ވެސް ނުރުހުން ފާޅުކުރައްވައެވެ. މީގެ އިތުރުން ބަޑިން ހަމަލާދީ މަރާލި އެމެރިކާގެ ކަނާއަތުފިޔައިގެ އެކްޓިވިސްޓް ޗާލީ ކާކަށް ފާޑުކިޔުމުން އެމެރިކާގެ އެންމެ މަޝްހޫރު އެއް ކޮމީޑިއަން ޖިމީ ކިމެލް ސަސްޕެންޑުކޮށް، އޭނާގެ ޓޯކް ޝޯ "ޖިމީ ކިމެލް ލައިވް" ހުއްޓުވުމުން ޓްރަމްޕް ވަނީ އެކަމަށްވެސް ވަރަށް ބޮޑަށް ތާއީދުކުރައްވައި ވާހަކަފުޅު ދައްކާވާފައެވެ. އެއާއެކު ޓްރަމްޕާއި އޭނާގެ ސަޕޯޓަރުންނަށް ފާޑުކިޔާ މީހުން ހުއްޓުވާ ކަމަށްބުނެ ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ