މުޖުތަމައު އިސްލާހުކުރުން، އެންމެންގެ ޒިންމާ

އިޖުތިމާއީ ގޮތުންނާއި، އަހުލާގީ ގޮތުން މުޖުތަމައުތައް ފަސާދަވަނީ މާތް الله ދެއްވި މަތިވެރި ނިއުމަތްތައް ހަނދާން ނައްތައިލުމުންކަމަށާއި، ލިބިފައިވާ ތަނަވަސްކަމަށް ބޮޑާވެ، މާތްﷲއަށް އުރެދި ގާފިލުވުމުންކަމަށް ހުކުރު ހުތުބާގައި ބުނެފި އެވެ.މިއަދުގެ ހުކުރު ހުތުބާގެ މަޢުޟޫއަކީ، "މުޖުތަމައު އިސްލާހުކުރުން، އެންމެންގެ ޒިންމާ" މި މައުލޫއެވެ. ހުތުބާގައި ބުނީ، މުޖުތަމަައުގައި ހިނގާ ނޭދެވޭ ކަންކަމުގެ ތެރެެއިން އެއް ކަމަކީ މައިންބަފައިންނަށް އުރެދި، އެ ބައިމީހުންނަށް ނުކިޔަމަންތެރިވުން ކަމަށެވެ. އަދި، މުސްކުޅިވީ ދުވަހު ވެސް ބައެއް މީހުން އެބައިމީހުންގެ މައިންބަފައިންނަށް އެހީތެރިކަމާއި އޯގާތެރިކަން ފޯރުކޮށްނުދޭކަން ހުތުބާގައި ފާހަގަކުރިއެވެ."މައިންބަފައިންނަށް އިހުސާންތެރިވުމަކީ މާތް الله އިންސާނާއަށް ކުރައްވައިފައިވާ ވަސިއްޔަތެކެވެ. ވަސިއްޔަތް ކުރައްވައިފައިވަނީ އެކަމުގެ މަތިވެރިކަމުންނެވެ،" ހުތުބާގައި ބުންޏެވެ.ހުތުބާގައި ބުނިގޮތުގައި މުޖުތަމަައުގައި ހިނގާ ނޭދެވޭ ކަންކަމުގެ ތެރެެއިން އެއް ކަމަކީ މައިންބަފައިންނަށް އުރެދި، އެ ބައިމީހުންނަށް ނުކިޔަމަންތެރިވުމެވެ. މައިންބަފައިންނަށް އިހުސާންތެރިވުމަކީ މާތްالله އިންސާނާއަށް ކުރައްވައިފައިވާ ވަސިއްޔަތެއް ކަމަށާއި އެކަމަށް ވަޞިއްޔަތް ކުރައްވައިފައިވަނީ އެކަމުގެ މަތިވެރިކަމުން ކަމަށްވެސް ބުނެފައިވެ އެވެ.ދެވަނަ ކަމަކަށް ހުތުބާގައި ފާހަގަކޮށްފައިވަނީ، މިސްކިތުގެ ހުރުމަތް ކަނޑާލުމެވެ. އެގޮތުން، ނަމާދުން ފައިބާގޮތަށް މިސްކިތުގެ ދޮރޯށި ކައިރީގައި ތިބެގެން ޣީބާބުނުމާއި، ނެތިމޮށުމާއި، މީސްތަކުންނަށް ޢައިބުކިއުންފަދަ ނުބައި ކަންކަން ކުރާތަން ފެންނަކަމަށް ހުތުބާގައި ބުނެފައިވެ އެވެ. މިގޮތަށް ކަންކުރާ މީހުންނަށް ނަމާދުން ލިބުނު ރޫޙާނީ ފައިދާއަކީ ކޮބާތޯ، ހުތުބާގައި ސުވާލުކޮށްފައިވެ އެވެ. އަދި، އެމީހުންނަށް ގެއަށް ދެވުމުގެވެސް ކުރިން، ނަމާދުން ލިބުނު ޘަވާބު އަމިއްލައަށް ނަގާލަނީކަމަށް ބުނެ، މިފަދަ މީހުން ޙައްޤުގެ މަގަށް ރުޖޫއަވުމަށް ހުތުބާގައި ގޮވާލާފައިވެ އެވެ.މީގެއިތުރުން ވިޔަފާރީގައި ތެދުވެރިވުމަކީ މާތްﷲ ތަޢާލާ އެކަމުގެ ދަރުމަ ބޮޑުކުރައްވާފައިވާ އަޅުކަމެއް ނަމަވެސް، އެކަމުގައި މަކަރުހެދުމަކީ އެކަލާނގެ ލަޢުމަތް ލައްވާފައިވާ، އެކަމުގެ އަޒާބު ބޮޑުވެގެންވާ ކަމެއް ކަމަށް ހުތުބާގައި ބުނެފައިވެ އެވެ. ވިޔަފާރީގައި މަކަރާއި ހީލަތްހަދައި، މީސްތަކުންގެ މުދާތައް ބާޠިލުގޮތުގައި ބޭނުންކޮށް، ޒަކާތް ނުދައްކައި، މުދާ ހަޒާނާކޮށް، މުންކަރާތްތަކާއި، ބޭކާރުގޮތުގައި މުދާ އިސްރާފުކުރުމުން ނުކުންނަ ނަތީޖާއަކީ ﷲ ތައާލާ މުދަލުގައި ބަރަކާތް ނުލެއްވުން ކަމަށްވެސް ހުތުބާގައި ބުނެފައިވެ އެވެ."ބަންގީގެ އަޑު އިވުނަސް، މާއްދިއްޔަތަށް ޓަކައި ފިހާރަތަކާއި، ހޮޓާތައް ހުޅުވައިގެން ހިދުމަތްދޭން ތިބެނީ ވެސް ހަމަ އަހަރެމެންނެވެ. މުޖުތަމަޢުގެ އިސްލާމީ ކަރާމާތަށް އުނިކަން އަންނަ ގޮތަށް ފޭރާން އަޅައިގެން އުޅުމާއި، ރަށުތެރޭގައި ނިވާކަން ކުޑަ ފޮޓޯތަކާއި އިޝްތިހާރުތަކާއި ސޫރަތައް ހަރުކުރަނީ ވެސް ހަމަ އަހަރެމެންނެވެ. މި ކަންކަމަކީ އަހަރެމެންނަށް ހައްލުކުރެވޭން ހުރި ކަންކަމެވެ،" ހުތުބާގައި ބުންޏެވެ.އަދި، ކުޑަކުދީންނާއި، އެކަނިވެރީންނާއި، އެ ނޫން ވެސް އެހީތެރިކަން ބޭނުންވާ މީހުންނަށް އެހީވާން ހުތުބާގައި ތަނަވަސްކަމުގެ އަހުލުވެރިންނަށް ވަނީ ގޮވާލާފައެވެ. އަދި، ލޭއަޅާ ކުދިންނަށް އެހީވެ، ލޭ ހަދިޔާކުރަން ވެސް ހުތުބާގައި ގޮވާލި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ