17 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް: ރާއްޖޭގެ މައްޗަށް ކުރިހޯދައި ޕާކިސްތާނަށް ދެ ވަނަ މޮޅު 17 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް: ރާއްޖޭގެ މައްޗަށް ކުރިހޯދައި ޕާކިސްތާނަށް ދެ ވަނަ މޮޅު

ސްރީ ލަންކާގައި މިހާރު ކުރިއަށްދާ ސާފް 17 އަހަރުން ދަށުގެ މުބާރާތުގައި ރާއްޖޭގެ މައްޗަށް 5-2 އިން ކުރިހޯދައި، ޕާކިސްތާނުން މި ފަހަރުގެ މުބާރާތުގެ ސެމީ ފައިނަލުގެ ފުރުސަތު ބޮޑުކޮށްފި އެވެ.
ހަތަރު ޓީމު ވާދަކުރާ ގްރޫޕް ބީގައި ޕާކިސްތާނުން ކުޅުނު ފުރަތަމަ މެޗުގައި 4-0 އިން ބޫޓާން އަތުން މޮޅުވިއިރު، ރާއްޖެ ވަނީ ފުރަތަމަ މެޗުގައި 6-0 އިން އިންޑިއާ އަތުން ބަލިވެފަ އެވެ. މިރޭ ބޫޓާން އަތުން އިންޑިއާ މޮޅުވެއްޖެނަމަ، ބާކީ ކޮންމެ ޓީމަކަށް މެޗެއް އޮއްވައި، މި ގްރޫޕުން ސެމީގެ ޖާގަތައް އިންޑިއާ އާއި ޕާކިސްތާނަށް ލިބިގެންދާނެ އެވެ.
ކޮލަމްބޯގެ ރޭސްކޯސް ސްޓޭޑިއަމްގައި މިއަދު ކުޅުނު މެޗު ފަށައިގެން، 12 ވަނަ މިނިޓްގައި ރާއްޖޭގެ އޭރިއާތެރެއިން ލިބުނު ފުރުސަތެއްގައި ޕާކިސްތާންގެ މަންސޫރު އަހުމަދު ވަނީ ތިރިތިރިން ގޯލަށް ބޯޅަ ވައްދާލައިފަ އެވެ. އަދި، 32 ވަނަ މިނިޓްގައި، އޭރިއާ ރޮނގުކައިިރިން ދުވެފައި ގޮސް، ގޯލަށް ބޯޅަ ފޮނުވާލައި، މަންސޫރު ވަނީ ޕާކިސްތާންގެ ލީޑުފުޅާކޮށްދީފަ އެވެ.
މިއަދުގެ މެޗަށް ނުކުތް ރާއްޖޭގެ ފުރަތަމަ އެގާރަ ކުޅުންތެރިން.
މެޗުގެ 42 ވަނަ މިނިޓްގައި، ރާއްޖޭގެ އަލީ އިލާން ވަނީ އޭރިއާތެރެއިން ވޮލީއަކުން ބޯޅަ ގޯލަށް ފޮނުވާލައި، އުންމީދެއް ހޯދައިދީފަ އެވެ. އެކަމަކު، ހާފު ނިމުމުގެ ކުރިން ޕާކިސްތާނުން އިތުރު ދެ ގޯލު ޖެހި އެވެ. ދެ ގޯލު ވެސް ޖެހީ ރާއްޖޭގެ ޑިފެންސް ތެރެއިން ލިބުނު ފުރުސަތުތަކުގަ އެވެ. އެ ގޮތުން، ޕެނަލްޓީ އަކުން މަންސޫރު ހެޓްރިކް ފުރިހަަމަަކުރިއިރު، އިތުރު ވަގުތުގެ ތެރޭގައި، މުހައްމަދު އަބްދުﷲ ވަނީ ލަނޑެއް ޖަހައިފަ އެވެ.
މުހައްމަދު އަބްދުﷲ ވަނީ މެޗުގެ 61 ވަނަ މިނިޓްގައި ޕެނަލްޓީ އަކުން، ޕާކިސްތާންގެ ފަސް ވަނަ ލަނޑު ޖަހައިފަ އެވެ. އަދި، އޭގެ، 10 މިނިޓް ފަހުން، މެޗުގެ 71 ވަނަ މިނިޓްގައި ރާއްޖޭން ދެ ވަނަ ލަނޑު ޖެހި އެވެ. މިއީ ކޯނަރެއްގައި، ހުރަސްވި ބޯޅައަކުން، މުހައްމަދު ޝަޔާން ޝިފާއު ބޮލުން ޖެހި ގޯލެކެވެ.
ގްރޫޕްގެ ފަހު މެޗުގައި، ރާއްޖޭން ހޯމަ ދުވަހުގެރޭ ބޫޓާނާ ދެކޮޅަށް ކުޅޭނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ