ހަތް އަހަރަށް ފަހު، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން ފުރަތަމަ ޑިވިޝަނަށް އެނބުރި އައިސް ކުޅުނު ފުރަތަމަ މެޗުގައި، މިއަދު ހަވީރު ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ޓީސީ ސްޕޯޓްސް ކްލަބް އަތުން ވަނީ 6-0 އިން މޮޅުވެފައި،
ނިއު 2019 ގައި ސަސްޕެންޑްކުރިއިރު، 2022 ގައި އެނބުރި އައިސް ޖެހިޖެހިިގެން ދެ ސީޒަނުގައި ދެ ވަނަ ޑިވިޝަނުގައި ކުޅެ، ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްނުވި އެވެ. އެކަމަކު، ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ފުރަތަމަ ޑިވިޝަނުން ވަކިވުމުން، އެފްއޭއެމް އިން އެ ޖާގަ ނިއު އަށް ދިނީ ދެ ވަނަ ޑިވިޝަނުގެ ތިން ވަނަ އަށް އެންމެ ނަތީޖާ ރަނގަޅު ޓީމުގެ ގޮތުގައި ކަނޑައަޅައިފަ އެވެ.
ގަލޮޅު ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗު ފަށައިގެން ނިއު އިން ޓީސީގެ ހާފުގެ ތެރޭގައި ބޯޅަ ހިފަހައްޓައިގެން ކުޅެމުންދިޔަ އެވެ. އެ ގޮތުން، ނިއު އަށް ލީޑުނަގައިދޭން އޭރިއާތެރެއިން އެ ޓީމުގެ ކެޕްޓަން، އަލީ ފާސިރު (ސެންޓޭ) ޖެހި ޝޮޓެއް ޓީސީގެ މިސްރު ކީޕަރު، އަބްދުލް ހަމީދު ވަނީ މަތަކޮށްފަ އެވެ.
މެޗުގެ 23 ވަނަ މިނިޓްގައި، ނިއު އިން ވަނީ ލީޑުނަގައިފަ އެވެ. މިއީ، ނިއުގެ މުހައްމަދު ސަހާއު (ބޭލް) ދިން ބޯޅައަކުން، މުހައްމަދު އިރުފާން (އިރޭ) އޭރިއާބޭރުން ގޯލުގެ ދުރު ކަނަށް ބޯޅަ ފޮނުވާލައިގެން ޖެހި ގޯލެކެވެ.
ނިއުގެ އެންމެ ވާދަވެރި ވިކްޓަރީ ސްޕޯޓްސް ކްލަބްގެ ބެންޗުން މަޝްހޫރުވި ކޯޗު އަލީ ސުޒޭންގެ އިރުޝާދުގެ ދަށުން ނިއު އިން މި ސީޒަނަށް ނުކުމެފައިވާއިރު، އެ ޓީމަށް ދެ ވަނަ ލަނޑެއް ޖަހައިދޭން ހަސަން ރާއިފް އަހުމަދު (ހަންނަ) ޖެހި ބޯޅަ ކީޕަރު އަބްދުލް ހަމީދު ވަނީ މަތަކޮށްފަ އެވެ.
މެޗުގެ 39 ވަނަ މިނިޓްގައި، ނިއު އިން ލީޑުފުޅާކުރި އެވެ. މި ލަނޑު ޖެހީ، ކެރިއަރުގައި ހަތަރު ވަނަ ފަހަރަށް ނިއު އަށް ކުޅެން މި ފަހަރު ނިންމި ސެންޓޭ އެވެ. އޭރިއާބޭރުން ލިބުނު ހިލޭޖެހުމަކުން ސެންޓޭ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ތިރީ ކަނަށެވެ. އޭގެ ދެ މިނިޓް ފަހުން، ސެންޓޭ އަށް ޓީސީގެ އޭރިއާތެރެއިން އެ ޓީމުގެ ކީޕަރު އަބްދުލް ހަމީދު ކުރި ފައުލަކަށް ލިބުނު ޕެނަލްޓީއަކުން ނިއުގެ ބްރެޒިލް މިޑްފީލްޑަރު، ގޯމޭސް ޑަ ސިލްވާ ވަނީ އެ ޓީމުގެ ތިން ވަނަ ލަނޑު ޖަހައިފަ އެވެ.
ދެ ވަނަ ހާފު ފެށިގެން މިނިޓެއް ނުވަނިސް ނިއު އިން ހަތަރު ވަނަ ގޯލު ޖެހި އެވެ. މިއީ، އޭރިއާތެރެއިން ޓީސީގެ ގޯލްކީޕަރު އަބްދުލް ހަމީދު އަތުން ދޫވި ބޯޅައެއް ގޯލަށް ފޮނުވާލައިގެން ސެންޓޭ ޖެހި ގޯލެކެވެ.
ނިއުގެ ފަސް ވަަނަ ލަނޑު ޖެހީ މެޗުގެ 74 ވަނަ މިނިޓްގައި، ހަސަން އަޒޫމް އަލީ އެވެ. ބަދަލަކަށް ކުޅެން އެރި އަޒޫމް، މި ލަނޑު ޖެހީ ޓީސީ ޑިފެންޑަރުންގެ ފަހަތަށް އައި ބޯޅައެއް ކޮންޓްރޯލް ކޮށްލުމަށް ފަހު، ހަމަޖެހިލައިފައި ގޯލުގެ ދުރު ކަނަށް އަމާޒުކޮށްލައިގެންނެވެ.
މެޗުގައި ނިއު އިން ޖެހި ހަ ވަނަ ގޯލު ކާމިޔާބުކުރީ، ފުރިހަމަ ވަގުތު ހަމަވާން ހަތަރު މިނިޓަށް ވެފައިވަނިކޮށް ހަންނަ އެވެ. މެޗުގެ 86 ވަނަ މިނިޓްގައި، އަހުމަދު ވިޖުދާން (ވިޖުއްކޮ) ނަގައިދިން ބޯޅަ ހަންނަ ވަނީ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ.
ހަތް އަހަރު ފަހުން ފުރަތަމަ ޑިވިޝަނުގައި ނިއުގެ ފެށުން ވަރުގަދަ ހަތް އަހަރު ފަހުން ފުރަތަމަ ޑިވިޝަނުގައި ނިއުގެ ފެށުން ވަރުގަދަ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ