ވ.ފުލިދޫ ސިއްހީމަރުކަޒުގެ އައު އިމާރާތާއި އެރަށު ބަނދަރުގެ އަމަލީ މަސައްކަތް މިއަދު ރަސްމީކޮށް ފަށައިފިއެވެ.
ސިއްހީމަރުކަޒާއި ބަނދަރުގެ މަސައްކަތް ފަށާފައިވަނީ މިހާރު ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ފުލިދޫއަށް ކުރައްވަމުންގެންދަވާ ޒިޔާރަތުގެ ތެރެއިންނެވެ. އެކމަަށްޓަކައި މިއަދު ފުލިދޫގައި ބޭއްވި ރަސްމިއްޔާތުެއްގައި ސިއްހީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތް ފައްޓަވައިދެއްވީ ސިއްޙީ ވަޒީރު އަބްދުﷲ ނާޒިމް އިބްރާހިމެވެ.
ފުލިދޫގެ ސިއްހީ މަަރުކަޒުގެ މަސައްކަތް ކުރާނީ އެމްޓީސީސީންނެވެ. އެރަށުގެ ސިއްހީ މަރުކަޒު އެޅުމަށް އެމްޓީސީސީއާ ހަވާލުކުރީ މިދިޔަ އޮގަސްޓްމަހުގެ 21 ވަނަ ދުވަހެވެ. ފުލިދޫގެ ސިއްހީ މަރުކަޒު ހަވާލުކުރީ 27 މިލިއަން ރުފިޔާގެ އަގަކަށެވެ.
ފުލިދޫ ބަނދަރުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ. ފުލިދޫގެ ބަނދަރު ހެދުމަށް ހަވާލުކޮށްފައިވަނީ އެމްޓީސީސީއާ އެވެ. މިއީ ފުލިދޫގައި ހަދާ ފުރަތަމަ ބަނދަރެވެ.
ފުލިދޫ ބަނދަރުގެ މަސައްކަތް ފެށުން... ފޮޓޯ: ރައީސް އޮފީސް
ފުލިދޫ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ 2023 ވަނަ އަހަރުވެސް ވަނީ ހަވާލުކޮށްފައެވެ. އޭރު މި މަސައްކަތް ހަވާލުކުރީ 63.46 މިލިއަން ރުފިޔާގެ އަގަކަށް 465 ދުވަހުގެ ތެރޭގައި ނިންމުމަށެވެ.
ފުލިދޫއަކީ އާބާދީގައި 500 އެއްހާ މީހުން އުޅޭ ރަށެކެވެ. ފުލިދޫއަކީ ފަތުރުވެރިކަމުގެ ވިޔަފާރި ކުރާ ރަށެއްކަމުން އެރަށަށް މީޙުން އަރާ ފޭބުމާއި އެއްޗެހި ބޭލުމުގެ އިތުރުން ދޯނިތަކާއި ޑިންގީތައް އެޅުމަށް ބަނދަރެއްގެ މުހިންމުކަން ވަރަށްބޮޑުކަމަށް އެރަށު ރައްޔިތުން ފާހަގަކުރެއެވެ.
ވ.ފުލިދޫ ސިއްހީމަރުކަޒާއި ބަނދަރުގެ އަމަލީ މަސައްކަތް ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ