ފުވައްމުލަކު ހޯދަނޑު ޗަސްބިމުގައި ރޯވެ 10 ޕަސެންޓު އަނދައިފި، ބެލެވެނީ ސިނގިރޭޓެއް އެއްލައިގެން ކަމަށް

ފުވައްމުލަކު ހޯދަނޑު ޗަސްބިން ސަރަހައްދުގައި ރޯވެ، ގާތްގަނޑަކަށް އެ ތަނުގެ ދިހަ ޕަސެންޓު އަނދާފައިވާ ކަމަށާއި ރޯވިކަމަށް ބެލެވެނީ އެތަނަށް އެއްލައިލި ސިނގިރޭޓެއްގެ ސަބަބުން ކަމަށް ފުވައްމުލައް ސިޓީ ކައުންސިލުން މިއަދު ބުނެފިއެވެ. އެމްއެންޑީއެފުން މިއަދު ބުނީ، އެ ހާދިސާގެ މައުލޫމާތު ލިބުނީ މެންދުރުފަހު 13:50 ހާއިރު ކަމަށެވެ. އެހެންވެ އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުގެ ފުވައްމުލައް ފަޔާ ފައިޓަރުން ހަރަކާތްތެެރިވަމުން އަންނަ ކަމަށް ބުންޏެވެ. ފުވައްމުލައް ސިޓީގެ މޭޔަރު އިސްމާއިލް ރަފީގް 'ސަން'އަށް ވިދާޅުވީ، އެތަނުގައި ރޯވީ ސިނގިރޭޓެއް އެއްލައިގެން ކަމަށް ބެލެވޭ ކަމަށެވެ. ފުވައްމުލައް ހޯދަނޑުގައި ރޯވެފައި: ގާތްގަނޑަށް އެތަނުގެ ދިހަ ޕަސެންޓު މިހާރު ވަނީ އަނދާފައި --- ފޮޓޯ/އެމްއެންޑީއެފް ބޮޑަށް ލަފާކުރެވެނީ ކޮންމެސް ބަޔަކު ގޮސް ރޯކޮށްލީ ކަމަށް. ސިނގިރޭޓު ކަހަލަ އެއްޗެއް އެއްލައިގެން ހުޅު ރޯވެފައި ހުރީ ކަމަށް ފުވައްމުލައް ސިޓީގެ މޭޔަރު އިސްމާއިލް ރަފީގް ބޮޑު ސަރަހައްދެއްގެ އަލިފާން މިހާރު ކޮންޓްރޯލް ކުރެވިފައިވީ ނަަމަވެސް މުޅި ތަނުގެ، ދިހަ ވަރަކަށް ޕަސެންޓު އަނދާފައިވާ ކަމަށް ރަފީގް ވިދާޅުވިއެވެ. ފާހަގަކުރެވޭ ގޮތުގައި، އިއްޔެ ވެސް ވަނީ، ފުވައްމުލަކު ދަނޑިމަގު ޗަސްބިން ސަރަހައްދުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފައެވެ. އެ ހާދިސާ ހިނގައިގެން އެމްއެންޑީއެފަށް ރިޕޯޓުކުރީ އިއްޔެ 16:25 ހާއިރެވެ. އަލިފާން ނިއްވާލެވުނީ 18:15 ހާއިރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ