އަންނަ އަހަރު 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ) ދެއްކުމަށް ފައިސާ ނުލިބި ރާއްޖޭގެ ސުކޫކު ޑިފޯލްޓު ވެދާނެ ކަމުގެ ބިރު އޮތް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައި އޮއްވައި، އެ ފައިސާ ދެއްކޭނެ ކަމާމެދު އެއްވެސް ހާސްކަމެއް ނެތް ކަމަށް ރައީސް މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.
ށ. އަތޮޅަށް ކުރައްވާ ދަތުރުގައި އެ އަތޮޅު ބިލެތްފަހީގެ ރައްޔިތުންނާ ބައްދަލުކުރައްވާ މުއިއްޒު ވިދާޅުވީ ސުކޫކަށް އަނބުރާ ފައިސާ ދެއްކުމަށް ޕްލޭން ކޮށްގެން ކުރިއަށްގެންދާ މަސައްކަތް ކާމިޔާބު ވަމުންދާ ކަމަށާއި އެ ފައިސާ ދެއްކުމަށް އެއްވެސް ކަންބޮޑުވާ ކަމެއް ނެތް ކަމަށެވެ.
ނަމަވެސް އެ ފައިސާ ދެއްކުމަށް ކުރިޔަށް ގެންދަނީ ކޮން ކަމެއް ކަމެއް ވިދާޅެއް ނުވެ އެވެ.
"އަންނަ އަހަރު ދައްކަން އޮތް ސުކޫކު ޕޭމަންޓް ދެއްކުމުގައި ވެސް އަޅުގަނޑުމެން ބަރާބަރަށް މި ކުރަމުންދާ މަސައްކަތް ޕްލޭން ކުރަމުން މިގެންދާ މަސައްކަތް ފުރިހަމަކަމާއެކު ކާމިޔާބުވަމުންދަނީ. ފުރިހަމަކަމާއެކު އެކަން ކާމިޔާބުވާނެ. މި ސަރުކާރަކަށް އެއްވެސް ކަންބޮޑުވުމެއް އިރާދަކުރެއްވިއްޔާ ނެތް މި އަންނަ އަހަރުގެ ސުކޫކު ޕޭމަންޓް ކަންތަކުގައެއް،" މުއިއްޒު ވިދާޅުވި އެވެ.
އެ ފައިސާ ދެއްކުމުގެ ގާބިލުކަމެއް ދައުލަތުގެ ރިޒާވްގައި ނެތެވެ. ސެޕްޓެމްބަރު މަހުގެ ނިޔަލަށް ޑޮލަރު ރިޒާވްގައި ހުރީ 194 މިލިއަން ޑޮލަރެވެ. އެހެންވެ، މި އަހަރަށް ފާސްކުރި ބަޖެޓުގައި އޮތީ މި ސުކޫކު ރީފައިނޭންސް ކުރަން އިތުރު ސުކޫކެއް ވިއްކާ ގޮތަށެވެ.
ސުކޫކަށް ފައިސާ ދެއްކުމަށް އިތުރު ސުކޫކެއް ވިއްކުމަށް މަސައްކަތް ކުރަމުންދާ ކަމަށް ކުރީގެ ރައީސް ނަޝީދު ވެސް ވިދާޅުވެފައިވެ އެވެ.
އެ މަނިކުފާނު ސެޕްޓެމްބަރު 22 ގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އަންނަ އަހަރު އަހަރު ސުކޫކަށް ފައިސާ ދެއްކުމަށް ސަރުކާރުން ރާވާފައި އޮތީ އިތުރު ސުކޫކެއް ވިއްކުމަަށް ކަމަށާއި ނަމަވެސް އިތުރު ސުކޫކެއް ވިއްކޭނެ ކަމުގެ ޔަގީންކަން މިހާރު ނެތް ކަމަށެވެ.
އެކަމުގެ ސަބަބެއްގެ ގޮތުގައި ނަޝީދު ދެއްކެވީ ރާއްޖޭގެ މާލީ ހާލަތު ގޯސްވުމުގެ ސަބަބުން އިންވެސްޓަރުންގެ އިތުބާރު ގެއްލެމުން ދިޔުމެވެ. ސުކޫކު އަނބުރާ ދައްކަން ޖެހެނީ އެޕްރީލް 8، 2026، ގަ އެވެ.
"ރާއްޖޭގެ ސުކޫކު ބޮންޑު އަނބުރާ ނުދެއްކި ޑިިފޯލްޓު ވެދާނެ ކަމުގެ ބިރު އޮތްކަމަށް ބައެއް ތަޖުރިބާކާރުން ބުނޭ. މިހެން ވެއްޖެ ނަމަ އިންވެސްޓަރުންގެ އިތުބާރު އިތުރަށް ގެއްލި ފައިސާ ހޯދުމަށް އިތުރު ދަތިތަކެއް ކުރިމަތިވާނެ،" ނަޝީދު ލިޔުއްވާފައިވެ އެވެ.
އާ ސުކޫކެއް ވިއްކުމުގެ ކަންކަން ހިނގާ ކަމެއް ނުވަތަ ނުހިނގާ ކަމެއް އަދި ސުކޫކަށް އަނބުރާ ފައިސާ ދައްކަނީ ކޮން ގޮތަކަށް ކަމެއް ސަރުކާރުން ވިދާޅެއް ނުވެ އެވެ.
މޫޑީސް އާއި ފިޗު ފަދަ ކްރެޑިޓް ރޭޓިން އެޖެންސީތަކުން ރާއްޖޭގެ ކްރެޑިޓު ރޭޓިން ދަށްކޮށްފައި އޮތުމަކީ ވެސް އާ ސުކޫކެއް ވިއްކުމަށް ދަތިވާނެ ސަބަބެއް ކަމުގައި ނަޝީދު ލިޔުއްވާފައިވެ އެވެ.
މި ސަރުކާރުން ޓެކްސް ބޮޑުކޮށް ދައުލަތުގެ އާމްދަނީ އިތުރުކުރި ނަމަވެސް އަމިއްލަ ކުންފުނިތަކުން ކޮށްފައިވާ މަސައްކަތްތަކަށް ވެސް އަދި ބޭރުގެ ބައެއް ދަރަނިތަކަށް ވެސް ބަރާބަރަށް ފައިސާއެއް ނުދައްކަ އެވެ. ނަމަވެސް މުއިއްޒު ވިދާޅުވަނީ ދައްކަން ހުރި ދަރަނި ދައްކަމުން އިގުތިސާދު ހަމައަކަށް އަޅުވަމުން ގެންދާ ކަމަށެވެ.
"ބައެއް ދަރަނިތައް އެކުވެރި ދައުލަތްތަކާ މަޝްވަރާ ކުރެވިގެން އެކި ކަހަލަ ގޮތްގޮތަށް އެ އަށް ލުއިތައް ގެންނަމުން ރިފައިނޭންސް ނޫނީ ލަސްކުރަން ނޫނިއްޔާ ބަދަލުތަކެއް ގެންނަން ހުރި ކަމެއް ވެއްޖިއްޔާ އެކުވެރި ދައުލަތްތަކާ ވާހަކަ ދައްކައިގެން އެ ލުއިތައް ވެސް ރައްޔިތުންނަށް ހޯދައިދެމުން،" މުއިއްޒު ރޭ ވިދާޅުވި އެވެ.
ޗައިނާ އާއި އިންޑިއާއަށް ދައްކަން ހުރި ބައެއް ދަރަނިތަކަށް މިފަދަ ލުއިތައް މުއިއްޒު ވަނީ ހޯދައިފަ އެވެ.
ސުކޫކު ރިފައިނޭންސް ނުކުރެވިދާނެ ކަމުގެ ބިރު ނަޝީދު ފާޅުކޮށްފައިވާއިރު، ރިފައިނޭންސިންގެ ވާހަކަތަކާއެކު ރާއްޖޭގެ ސުކޫކު ދުނިޔޭގެ ބާޒާރުގައި ޓްރޭޑުކުރަމުން އަންނަ އަގު މައްޗަށް ވެސް ދިޔަ އެވެ.
މިހާރު ރާއްޖޭގެ ސުކޫކު ޓްރޭޑު ކުރަމުންދިޔައީ ޑޮލަރަކަށް 92.53 ސެންޓުގަ އެވެ. ސުކޫކުގެ އަގު މައްޗަށް ގޮސްފައި މިވަނީ ދުވަހަކު ނުވެއްޓޭހާ ދަށަށް ދިޔުމަށްފަހު އެވެ. އޭޕްރީލް 7، ގައި ރާއްޖޭގެ ސުކޫކު ޓްރޭޑު ކުރަމުންދިޔައީ ޑޮލަރަކަށް 46 ސެންޓު ރޭޓުގަ އެވެ.
މިދިޔަ އަހަރު ފިޗު ރޭޓިންސް އިން ރާއްޖޭގެ ކްރެޑިޓު ރޭޓިން ދަށްކުރުމާ ގުޅިގެން ސުކޫކުގެ އަގު ދަށަށް ގޮސް ޑިފޯލްޓު ވެދާނެ ކަަމުގެ އަޑުތައް ވެސް ފެތުރުނެވެ. ފިޗު ރޭޓިން އާ ގުޅިގެން ޑޮލަރަކަށް ޖެހޭ ރޭޓު ވެއްޓުނީ 66 ސެންޓަށެވެ.
500 މިލިއަން ޑޮލަރުގެ ސުކޫކު ދެއްކުމާމެދު މުއިއްޒުގެ ހާސްކަމެއް ނެތް، އެކަމަކު ދައްކާނެ ގޮތެއް ވިދާޅެއް ނުވޭ! 500 މިލިއަން ޑޮލަރުގެ ސުކޫކު ދެއްކުމާމެދު މުއިއްޒުގެ ހާސްކަމެއް ނެތް، އެކަމަކު ދައްކާނެ ގޮތެއް ވިދާޅެއް ނުވޭ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ