ޑިވެލޮޕްމެންޓު ބޭންކުގެ ހިދުމަތް ދޭން ފެށޭނެ ސީދާ ތާރީހެއް ސައީދަށް ބުނެ ނެދުވުނު! ޑިވެލޮޕްމެންޓު ބޭންކުގެ ހިދުމަތް ދޭން ފެށޭނެ ސީދާ ތާރީހެއް ސައީދަށް ބުނެ ނެދުވުނު!

އުމްރާނީ ތަރައްގީއަށް ލޯނު ދޫކުރަން ހާއްސަކޮށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ހުޅުވައިދެއްވި މޯލްޑިވްސް ޑިވެލޮޕްމެންޓް ބޭންކުން ހިދުމަތް ދިނުމަށް ޝަރުތު ކުރި މުއްދަތު ހަމަވި ނަމަވެސް، އެ ބޭންކުން ހިދުމަތް ދޭން ފެށޭނެ ސީދާ ތާރީހެއް ދެއްވަން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ދެކޮޅު ހައްދަވައިފި އެވެ.
މަޖިލީހަށް މިއަދު ހާޒިރުކޮށް ޑީބީއެމް އިން ހިދުމަތް ދޭން ފެށޭނެ ތާރީހެއް ވިދާޅުވުމުން ސައީދު ވިދާޅުވީ އެ ބޭންކަކީ ކޮންމެ ރައްޔިތަކު އެކައުންޓު ހުޅުވައިގެން ބޭނުންކުރާ ބޭންކެއް ނޫން ކަމަށެވެ. އޭނާ ވިދާޅުވީ އެއީ ރާއްޖޭގެ ތަރައްގީއަށް ފައިސާ ހޯދައިގެން މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް އުފެއްދި ބޭންކެއް ކަމަށެވެ. މި ހުރިހާ ވާހަކައަކަށްފަހު ވެސް ބޭންކުން ހިދުމަތް ދެވޭނެ ތާރީހެއް ނުބުނެ އެވެ.
"އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އަންދާޒާކުރި ގޮތާ އެއްގޮތަށް ކުރިއަށް އެބަދޭ. ވަރަށް ބާރު ސްޕީޑުގަ ކުރިއަށް އެބަދޭ،" ސައީދު ވިދާޅުވި އެވެ.
އެއަށްފަހު އޭނާ ދެއްކެވީ މުއިއްޒު ވެރިކަމާއި ހަވާލުވެވަޑައިގެންނެވިއިރު ސަރުކާރުގެ ދަރަނި އޮތް މިންވަރުގެ ވާހަކަ އެވެ. އެ އަޑިގަނޑުން އަރައިގަތުމަށް އަދިވެސް މަސައްކަތް ކުރަމުންދާ ކަމަށް ސައީދު ވިދާޅުވި އެވެ.
"އޭރުގެ ރޭޓިން އާއި ދިވެހި ރާއްޖެ އޮތް ހިސާބަށް ބަލާއިރު ވަރަށް ބޮޑު ކުރިއެރުމެއް ލިބިއްޖެ. ވަރަށް އަވަހަށް އިރާދަކުރެއްވިއްޖިއްޔާ ޑިވެލޮޕްމަންޓު ބޭންކު އޮޕަރޭޝަނަލައިޒް ވެގެން ދާނެ،" މިއަދު ސައީދު ވިދާޅުވި އެވެ.
ޑީބީއެމް ހިންގަން ބޭނުންވާ ލައިސެންސް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ދޫކުރީ އަހަރެއްގެ ތެރޭގައި ބޭންކިން ހިދުމަތް ދިނުމަށް ޝަރުތު ކުރުމަށް ފަހު އޮކްޓޯބަރު 13، 2024, ގައި އެވެ. އެ ދުވަހުން ފެށިގެން އެއް އަހަރު ހަމަވި ދުވަހަކީ އިއްޔެ އެވެ.
މިދިޔަ ނޮވެމްބަރު 16، ގައި "ހުޅުވި" މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެ ބޭންކު ހުޅުވައި މި ސަރުކާރުގެ ފުރަތަމަ އެއް އަހަރުގެ ކާމިޔާބީތަކުގެ ތެރޭގައި އެކަން ފާހަގަކުރި ނަމަވެސް މިއަދާ ހަމައަށް ވެސް އެ ތަނުން އެއްވެސް ހިދުމަތެއް ދޭން ފަށައިފައެއް ނުވެ އެވެ.
އެ ތަނުގެ ހިދުމަތް ދޭން ނުފެށި އުޅެނިކޮށް މިދިޔަ މާޗު 23، ގައި އެ ބޭންކުގެ ސީއީއޯ ނޮއެލް ގްރެގާ ޕެޓަސަން-ޖޯންސް ވަނީ އިސްތިއުފާ ދެއްވައިފަ އެވެ. އޭނާ އިސްތިއުފާ ދެއްވީ އޭނާއަށް ދެންޖެހޭ މުސާރަ އާއި އިނާޔަތްތައް ނުދޭތީކަން ފަހުން ވަނީ ހާމަވެފަ އެވެ.
އެ ބޭންކުން ހިދުމަތް ދޭން އަދި ނުފެށި ނަމަވެސް އެތަނުގެ ހަރަދަށް މިދިޔަ މާޗު 25، ގެ ނިޔަލަށް ސަރުކާރުން 6،566،338ރ. ހަރަދުކޮށްފައި ވެ އެވެ. އެއީ ޑީބީއެމްގެ ބްރޭންޑިން އާއި ލައިސެންސް ފީގެ އިތުރުން ބޭންކު ހުޅުވުމަށާއި އޮފީސް އިމާރާތަށް ކުރި ހަރަދު އަދި މުސާރަ އާއި ދަތުރުފަތުރުގެ ހަރަދު ހިމެނޭ ގޮތުން ކުރި ހަރަދެވެ.
ނަމަވެސް އޮފީސް ހިންގާ އިމާރާތަށް މިދިޔަ މެއި މަހާ ހަމައަށް އެއްވެސް މަހެއްގެ ކުލި ދައްކާފައި ނުވާކަމަށް އެސްޓީއޯއިން ބުނެފައިވެ އެވެ. ޑީބީއެމްގެ އޮފީސް ހިންގުމަށް އެލައިޑް ބިލްޑިންގެ ޖާގައެއް އެސްޓީއޯއިން އެ ބޭންކަށް ކުއްޔަށް ދީފައި ހުންނަނީ މަހަކު 75،892ރ. އަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ