މިލިއަނުން ޚަރަދުކުރި ޑިވެލޮޕްމެންޓް ބޭންކު ހިންގަން ފެށޭނެ ތާރީޚެއް ސައީދަށް ވިދާޅުނުވެވުނު
އަންދާޒާކުރި ގޮތަށް ޑިވެލޮޕްމެންޓް ބޭންކް އޮފް މޯލްޑިވްސް (ޑީބީއެމް)ގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، އެ ބޭންކު ހިންގަން ވަރަށް އަވަހަށް ފެށޭނެ ކަމަށް، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެއެވެ. ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމް ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ސައީދު ވިދާޅުވީ، ޑީބީއެމްއަކީ އެކައުންޓްތައް ހުޅުވައި ފައިސާ ނަގާ ފަދަ ބޭންކެއްނޫން ކަމަށެވެ. އެ ބޭންކަކީ ތަރައްގީއަށް ބޭނުންވާ ފައިސާ ހޯދައިގެން މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް އެކުލަވާލި މުހިންމު ބޭންކެއް ކަމަށް އޭނާ ވިދާޅުވިއެވެ. "އިރާދަކުރެއްވިއްޔާ ހަމަ އަޅުގަނޑުމެން އަންދާޒާކުރި ގޮތަށް ކުރިއަށް އެބަދޭ، ވަރަށް ބާރު ސްޕީޑުގަ އެބަދޭ،" ސައީދު ވިދާޅުވިއެވެ. "ވަރަށް އަވަހަށް އިރާދަކުރެއްވިއްޔާ ޑިވެލޮޕްމެންޓަލް ބޭންކު އޮޕަރޭޝަނަލައިޒްވެގެން ދާނެ،" ނަމަވެސް އެ ބޭންކު ހިންގަން ފެށޭނެ ސީދާ ތާރީޚެއް އޭނާ ވިދާޅެއްނުވެއެވެ. https://sun.mv/209933 ޑިވެލޮޕްމެންޓް ބޭންކުތަކަކީ ގައުމުގައި އިންޑަސްޓްރީތަކާއި، ވިޔަފާރިތައް އުފައްދާ، ކުރިއެރުވުމަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދޭ އިދާރާއެކެވެ. އެގޮތުން، ވިޔަފާރިތައް ފަށައިގަތުމަށް ބޭނުންވާ ލޯނާއި އެހެނިހެން މާލީ އެހީތެރިކަން ވެސް ޑިވެލޮޕްމަންޓް ބޭންކުތަކުން ފޯރުކޮށްދޭނެއެވެ. ރާއްޖޭގައި ޑިވެލޮޕްމަންޓު ބޭންކެއް ގާއިމުކުރުމަކީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. ޑިވެލޮޕްމަންޓު ބޭންކު އިފުތިތާހުކުރީ ނޮވެންބަރު 16، 2024 ގައެވެ. އެކަމަކު، އަދިވެސް އެ ބޭންކްގެ ޚިދުމަތް ރަސްމީކޮށް ދޭން ފެށިފައެއް ނުވެއެވެ. އެސްޓީއޯގެ އެލައިޑް ބިލްޑިންގައި ޑީބީއެމް ހިންގާ ގޮތަށް އިފުތިތާހުކުރީ މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ 16ގައެވެ. އެހެންކަމުން، އެ ތަން ހިންގާތާ މިހާރު ހަ މަހަށްވުރެ ގިނަ ދުވަސްވެފައިވާއިރު، ޑީބީއެމުން މަހު ކުލީގެ ގޮތުގައި އެސްޓީއޯއަށް 75،892 ރުފިޔާ ދައްކަންޖެހެއެވެ. މީގެ ކުރިން ރައީސް ވަނީ އެ ބެންކުގެ ސީއީއޯކަމާއި ޗެއާޕާސަން ކަމަށް ރާއްޖެއިން ބޭރުގެ ދެ ތަޖުރިބާކާރުން އައްޔަންކުރައްވާފައެވެ. އެގޮތުން، ޗެއާޕާސަނަކަށް އައްޔަންކުރެއްވީ ސިންގަޕޫރުގެ ރައްޔިތެއް ކަމަށްވާ އަރުނީ ގުނެތިލަކައެވެ. އެއީ، 25 އަހަރުގެ ތަޖުރިބާ ހުންނެވި މާލީ ދާއިރާގެ މާހިރެކެވެ. އެ ބޭންކްގެ ސީއީއޯކަމަށް އައްޔަންކުރައްވާފައިވަނީ އިނގިރޭސިވިލާތުގެ ރައްޔިތެއް ކަމަށްވާ ނޮއެލް ގްރެގާ ޕެޓަސަން ޖޯންސްއެވެ. އޭނާއަކީ ތިމާވެއްޓާ ރައްޓެހި އިންވެސްޓްމަންޓުގެ ދާއިރާއިން ގިނަ ކާމިޔާބީތަކެއް ހޯދައިފައެވެ. އެކަމަކު، މާ ގިނަ ދުވަހެއް ނުވެ ސީއީއޯ ވަނީ މަގާމުން އިސްތިއުފާ ދެއްވައިފައެވެ. އޭނާ ވަނީ އިސްތިއުފާ ދެއްވި ނޯޓިސް މުއްދަތުގެ މުސާރައާއި އިނާޔަތްތައް ނުލިބިގެން އޭޕްރީލް ހަތް ވަނަ ދުވަހު އެ މައްސަލަ ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހަޅާފައެވެ. ސީއީއޯ އިސްތިއުފާ ދެއްވިތާ މާ ގިނަ ދުވަސްތަކެއް ނުވެ އޭޕްރީލް 23 ވަނަ ދުވަހު, އެ ބޭންކުގެ ބޯޑު މެންބަރު ކަމުގެ މަގާމުގައި ހުންނެވި މއ. ވޭސައިޑް, 805 ފްލެޓް، އަޙްމަދު ޢަލީ، ވެސް ވަނީ އިސްތިއުފާ ދެއްވައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ